ޙަމާސުގެ ޒާޢާމަތުގެ ގިނަ ބޭފުޅުން ދުނިޔޭގައި އަދިވެސް އެބަ ތިއްބެވި ކަމަށް އިސްރާއީލުން މިއަދު ބުނެފިއެވެ.
އިސްރާއީލުން ލަފާކުރާ ގޮތުގައި ޙަމާސްގެ ޢަސްކަރީ ފިޔަ ކަމުގައިވާ ޤައްސާމު ފައުޖުގައި ތިރީހަކަށް ހާސް ހަނގުރާމަވެރިން އެބަތިއްބެވެ. އިސްރާއީލުގެ ދުވަހުނޫސް ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް 100 ދުވަސް ވީއިރުވެސް ޙަމާސުގެ އިސްވާރުން ނައްތައިލެވިފައެއް ނުވެއެވެ. އެ ޖަމާޢަތުގެ ގިނަ ހަނގުރާމަވެރިން ގަދަވެ ސަލާމަތުން ޣައްޒާގައި އެބަ އުޅެއެވެ.
މި ނޫސް ބުނާގޮތުގައި އޮކްޓޫބަރު ހަތެއްގައި އަޤްޞާ ޠޫފާނުގެ ޙަމަލާދިންއިރު އަޤްޞާ ފައުޖުގައި ތިރީސް ހާސް ހަނގުރާމަވެރިން ތިބި ކަމަށް އިސްރާއީލުގެ ޢަސްކަރިއްޔާއިން ލަފާކުރެއެވެ.
އިސްރާއީލުގެ ޢަސްކަރިއްޔާއިން ދަޢުވާކުރާ ގޮތުގައި އެމީހުން ޣައްޒާގައި އަޤްޞާ ފައުޖުން ނުވަ ހާސް ހަނގުރާމަވެރިން ވާނީ މަރައިލައިފައެވެ. އޭގެތެރޭގައި ޤައްސާމުގެ 50 ކޮމާންޑަރުން ވެއެވެ.
ޤައްސާމު ފައުޖުގެ ރަސްމީ ތަރްޖަމާނު އަބޫ ޢުބައިދާ އިއްޔެ ވިދާޅުވިއެވެ. "ޣައްޒާއަށް ދުޝްމަނުން ދެމުންދާ ޢުދްވާނުގައި ކާމިޔާބުތަކެއް ލިބިފައިވާ ކަމަށް ބުނާބުނުމަކީ މަލާމާތް ރައްދުވާ ކަމެކެވެ. އެމީހުންގެ މި ހޮޅި ވާހަކަތައް ދުނިޔެއަށް ބޭޒާރުވާ ދުވަސް ވަރަށް އަވަހަށް އަންނާނެއެވެ."
އަބޫ ޢުބައިދާ ވިދާޅުވިއެވެ. "ބިން ހިފައިގެން އޮތް ދުޝްމަނަށް އޮކްޓޫބަރު ހަތެއްގައި ލިބުނު ގެއްލުމަށްވުރެ މާ ބޮޑެތި ގެއްލުންތަކެއް ޣައްޒާއިން ވަނީ ލިބިފައެވެ."
ޤައްސާމު ފައުޖުން ބުނިގޮތުގައި ޣައްޒާގައި މިހާރު ހިނގަމުންދަނީ ގޮރިއްލާ ހަނގުރާމައެކެވެ. މި ކަމަށް ބައިވަރު ހަނގުރާމަވެރިން ތަކެއް ބޭނުމެއް ނުވާނެއެއެވެ. އަދި "އެއީ ހިރާސުން ފުރިފައިވާ ކަމެކެވެ."
ޤައްސާމާ ގާތް ބައެއް އޭޖެންސީތައް ބުނާގޮތުގައި ޤައްސާމަށް ލިބިފައިވާ ގެއްލުންތައް އިސްރާއީލު ބުނާ ޢަދަދުގެ 10% އާ ހަމައަށްވެސް ނުދެއެވެ.
އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޝަހީދުވި ޤައްސާމުގެ ކޮމާންޑަރުންނަކީ ޢަސްކަރީ މަޖިލީހުގެ މެންބަރު އަދި މެދުތެރޭ ފައުޖުގެ ކޮމާންޑަރު އައިމަން ނައުފަލާއި ޢަސްކަރީ މަޖިލީހުގެ މެންބަރު އަދި އުތުރު ފައުޖުގެ ކޮމާންޑަރު އަޙްމަދުލް ޣަންދޫރެވެ.
ޙަމާސުން ތަޢުޒިޔާ ކިޔައިފައިވާ އިތުރު ޝަހީދުންނަކީ ކޮމާންޑަރު ވާއިލު ރަޖަބާއި ކޮމާންޑަރު ރައުފަތު ސަލްމާނާއި ކޮމާންޑަރު އަޔިމަން ޞިޔާމެއެވެ.



advertisment