ދެކުނުއެފްރިކާއިން އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤްވަމީ އިންސާފު ކޯޓަށް ހުށައަޅައިފައިވާ ދަޢުވާގައި ހިމެނޭ ތިން ޢުންޞުރަކުން މި ކޯޓުގެ ފަނޑިޔާރުންނަށް އަސަރުފޯރާނެ ކަމަށް ޔަހޫދީ އެކަޑަމީޝިޔަނެއް ކަމުގައިވާ ނޯމަން ވިންކްލިޝްޓައިން (ފޮޓޯގައި) ވިދާޅުވެއްޖެއެވެ.
ޖަޒީރާގެ ޚަބަރުފީތާއަށް ތަދައްޚުލުވެވަޑައިގެން އޭނާ ވިދާޅުވިގޮތުގައި ފަނޑިޔާރުންނަށް އަސަރުފޯރުވާނެ ފުރަތަމަ ޢުންޞުރަކީ ދެ ފަރާތުން ކޯޓަށް ހުށައަޅައިފައިވާ ޤާނޫނީ ޙަޤީޤަތްތަކެވެ. ދެވަނަ ޢުންޞުރަކީ ކޮންމެ ޤާޟީއަކަށް އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ދައުލަތުން އަންނާނެ ސިޔާސީ ފިއްތުންތަކެވެ. އޭނާ ވިދާޅުވިގޮތުގައި ތިންވަނަ ޢުންޞުރަކީ މި ކޯޓުގެ ތެދުވެރިކަމާއި ނަޒާހަތްތެރިކަމެވެ. މި ކޯޓުގެ ޤާޒީއަކު ދުނިޔޭގެ ޢާންމު ރައުޔާ އަރާރުންވާ ފަދަ ޙަޤީޤީގަތާ ދުރު ބޭއިންސާފު ނިޔާއެއް އިއްވުމަކީ އެ ޤާޒީގެ މުޅި މުސްތަޤްބަލު ބަނަވެގެންދާނެ ކަމެކެވެ.
މި ދިޔަ ބުރާސްފަތި ދުވަހު ވަނީ މި ކޯޓުގައި ދެކުނުއެފްރިކާއިން އިސްރާއީލާ ދެކޮޅަށް އުފުލި ނަސްލުހޫދުގެ ދަޢުވާ އަޑުއަހައިފައެވެ. އޭގެ ފަހުން ހުކުރު ދުވަހު ވަނީ އިސްރާއިލުގެ ރައްދު އަޑުއަހައިފައެވެ.
ދެކުނު އެފްރިކާއިން ހުށައެޅި ދަޢުވާގެ ފައިލްގައި 84 ޞަފްޙާ ހިމެނެއެވެ. އިސްރާއީލުން ގައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ބޭހާއި އަނދުނަ ފޯރުކޮށްދިނުމުގައި ފޭލްވެފައިވާކަމަށް ދެކުނުއެފްރިކާއިން ބުނެފައިވެއެވެ. ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަމާންވެށި ތަނަވަސްކޮށްދިނުމުގައި އިސްރާއީލުން ޢަމަލުކޮށްފައި ވަނީ މި ތަންތަން ނައްތައިލުމަށް ކަމަށް ބުނެފައި ވެއެވެ. ޣައަޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އަސާސީ އެހީތައް ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސްއަޅައިފައިވާ ކަން ދެކުނުއެފްރިކާގެ ދަޢުވާގައި ދަލީލާއެކު ބަޔާންކޮށްފައި ވެއެވެ.
ދާރިސުން ވިދާޅުވާގޮތުގައި ޔަހޫދީ ލޮބީތަކުން އިސްރާއީލާ ދެކޮޅަށް ނިޔާއެއް އިއްވުން ހުއްޓުވުމަށް ޓަކައި ވަރަށް ބޮޑަށް ފިއްތުންތައް ފިއްތާނެއެވެ. އެހެނަސް ދާރިސުން ވިދާޅުވާ ގޮތުގައި މި ފިއްތުންތައް އަންނާނީ ސަރުކާރުތަކުން ކަމުގައިވާތީ އޭގެ އަސަރު މާ ބޮޑެއް ނުވާނެއެވެ. ޔަހޫދީ ލޮބީތަކުން މާސްމީޑިޔާއަށާއި ޚަބަރުފަތުރާ ވަސީލަތްތަކަށް ވެސް ފިއްތުނަތައް ފޯރުވަން ދަނީ މަސައްކަތް ކުރަމުންނެވެ. މި ކަން ވަރަށް ސާފުކޮށް ބީބީސީއާއި ސީއެންއެނާއި ފޮކްސްނިވްޒްއާއި ރޮއެޓަރޒާއި އޭއެފްޕީ ފަދަ ވަސީލަތްތަކުން ފަތުރާ ޚަބަރުތަކުން ފެނެއެވެ.
ބައިނަލްއަޤްވާމީ ކޯޓުން އިއްވާ ނިޔާގެ ސަބަބުން އިސްރާއީލަށް ދާއިމީ ގެއްލުންތަކެއް ލިބުމުގެ މަސްއަލައިގައި ޔަހޫދީ އެކަޑަމީޝިޔަން ނޯރމަން ވިންކްލިޝްޓައިން ވިދާޅުވިގޮތުގައި މި މަސްއަލަ ކޯޓުން ބަލައިގަތުމާ ހަމައިން އިސްރާއިލުގެ ނަން މި ވަނީ ވަރަށް ބޮޑަށް ހުތުރުވެފައެވެ. ކޯޓުން އިއްވާ ނިޔާގެ އަސަރު އަދި މާބޮޑުވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކޯޓުގެ ނިޔާގެ ސަބަބުން އެންމެ ބޮޑަށް ނުތަނަވަސްކަން ލިބިވަޑައިގަންނަވާނީ އެމެރިކާގެ ރައީސް ބައިޑެނަށާއި އޭނާގެ ޚާރިޖީ ވަޒީރު ބްލިންކެނަށެވެ. ސަލާމަތީ މަޖިލީހުގައި ވީޓޯތައް ކުރައްވައި އިސްރާއީލް ޙިމާޔަތް ކުރައްވައި ޣައްޒާ ހަނގުރާމައަށް ހިފެއްޓުމެއްނެތި ތާއީދު ކުރައްވަމުން ހަތިޔާރުތައް ދެއްވަމުން ގެންދަވާތީއެވެ.



advertisment