Support Us

އިސްރާއީލުން ދެކުނު އެފްރިކާއަށް ރައްދުދީފި

ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ދެކުނުއެފްރިކާއިން އިއްޔެ އުފުލި ދަޢުވާއަށް އިސްރާއީލުން މިއަދު ރައްދުދީފިއެވެ.

އިސްރާއީލުން ވަނީ މި ދައުވާއަށް ރައްދުދިނުމަށް ޓަކައި މަތީ ފެންވަރުގެ ޤާނޫނީ ޓީމެއް އެކުލަވައިލައިފައެވެ. މި ޓިމުގެ  ރައީސްކަމަށް އިސްކޮށްފައިވަނީ އިނގިރޭސިވިލާތުގެ ޤާނޫނީ ތަޖްރިބާކަރެއް ކަމުގައިވާ ޕްރޮފެސަރު މެލްކަމް ޝޯ އެވެ. އޭނާއަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ އިޚްޞާއީއެކެވެ. 

މިއަދުގެ އަޑުއެހުން ބޭއްވެމުންދިޔައިރު ފަލަސްޠީނު ރައްޔިތުންނަށް ތާއީދުކުރާ ބޮޑު މުޒާހަރާއެއް ކޯޓުގެ ބޭރުގެ ބާއްވަމުން ދިޔައެވެ. 

ކޯޓުގައި ވާހަކަދައްކަމުން އިސްރާއީލުގެ ޚާރިޖިއްޔާގެ ޤާނޫނީ މުޝީރު ތާލް ބޭކަރު ބުނިގޮތުގައި ޣައްޒާގައި އިސްރާއީލު ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ދެކުނުއެފްރިކާއިން އެދޭއެދުމަކީ އިސްރާއީލުގެ އަމިއްލަ ނަފްސު ދިފާޢުކުރުމަށް ނުކޅެދުންތެރިކުރުވާނެ ކަމެކެވެ. 

ޣައްޒާ ހަނގުރާމައިގައި އިސްރާއީލުން ނަސްލުހޭދުގެ ޖަރީމާތައް ހިންގަމުންދާކަމަށް ދެކުނުއެފްރިކާއިން ކޮށްފައިވާ ތުހްމަތުތަކަށް ރައްދުދެމުން ބޭކަރ ބުނިގޮތުގައި އިސްރާއީލާ ދެކޮޅަށް ޙަމާސުން ދަނީ ނަސްލުހޭދުގެ ޖަރީމާތައް ހިންގަމުންނެވެ.

ބޭކަރ ތުހްމަތުކުރިގޮތުގައި ދެކުނުއެފްރިކާއިން މަސައްކަތްކުރަނީ "އިސްރާއީލަށް ލިބިފައިވާ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ޙައްޤު ނައްތައިލާށެވެ. އިސްރާއީލަކީ އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ބާރުނެތް ތަނަކަށް ހަދާށެވެ."

އޭނާ ތުހްމަތުކުރިގޮތުގައި ދެކުނުއެފްރިކާގެ ދަޢުވާއަކީ ހިނގަމުންދާ ކަންތައްތަކުގެ ޙަޤީޤަތް އޮޅުވައިލައިފައިވާ ބާޠިލު ދޮގު ދަޢުވާއެކެވެ. 

ބޭކަރ ބުންޏެވެ. "ޣައްޒާގައި އިސްރާއީލު ކުރަމުންދާ މަސައްކަތަކީ އަމިއްލަ ނަފްސު ދިފާޢުކުރުމުގެ މަސައްކަތެކެވެ. މި ޢަސްކަރީ ޙަމަލާތައް ހުއްޓައިލައިފިނަމަ އިސްރާއީލަށް  އަމިއްލަ ނަފްސު ދިފާޢެއް ނުކުރެވޭނެއެވެ. އޭނާ އިތުރަށް ބުނިގޮތުގައި ދެކުނުއެފްރިކާއަކީ ޙަމާސާ ވަރަށް ގުޅުން ބަދަހި ޤައުމެކެވެ."

އިސްރާއީލުން ނަފްސުހޭދުގެ ޖަރީމާތައް ހިންގަމުންދާކަމަށް ދެކުނުއެފްރިކާއިން ކޮށްފައިވާ ދަޢުވާއަށް ރައްދުދެމުން ބޭކަރ ބުންޏެވެ. "ނަފްސުހޭދުގައި ހިމެނެންޖެހޭ އެންމެ ބޮޑު ޢުންޞުރަކީ ޤައުމެއްގެ ރައްޔިތުން އެއްކޮށް ނުވަތަ އޭގެތެރެއިން ބޮޑު ބައެއް ނައްތައިލުމުގެ ނިޔަތުގައި ޤަތުލުޢާންމުތައް ހިންގުމެވެ. ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި މި ޢުންޞުރެއް ނެތެވެ."

ދެކުނުއެފްރިކާއިން  ބުނާގޮތުގައި އިސްރާއީލުގެ ބައެއް ވަޒީރުންނާއި ބައެއް އިސް މަސްއޫލުވެރީންގެ ބަޔާންތަކުގައި ޣައްޒާ އެކަށް ފުހެލުމަށް ގޮވައިލައިފާ ވެއެވެ. އިސްރާއީލުން މިކަމަށް ރައްދުދެމުން ބުނިގޮތުގައި އެއީ ސަރުކާރުގެ ރަސްމީ ބަހެއްނޫނެވެ. 

އިސްރާއީލުގެ ޤާނޫނީ ޓީމުގެ ރައީސް އިނގިރޭސިވިލާތުގެ މަޝްހޫރު ޤާނޫނީ ވަކީލް  މެލްކަމް ޝޯ ބުނިގޮތުގައި ދެކުނުއެފްރިކާގެ ދަޢުވާގައި 75 އަހަރުއްސުރެ ފަލަސްޠީނު މީހުން ނަސްލުހޭދުއަށް ހާސާވެފައިވާ  ބަޔަކަށް ވާ ކަމަށް ބުނެފައިވާތީ ދެކުނުއެފްރިކާއިން ހުށައަޅައިފައިވާ ދަޢުވާއަކީ ފަލަސްޠީނު- އިސްރާއީލު އަރާރުމުގެ ސިޔާޤުގެ މައްޗަށް ބިނާކޮށްފައިވާ ދަޢުވާއެއްކަން އެނގެއެވެ. އޭނާ ސުވާލުކުރިއެވެ. "75 އަހަރާ ހަމައަށް ހުއްޓުނީ ކީއްވެގެން ހެއްޔެވެ؟ 1917ވަނަ އަހަރު ބެރލްފޯރ ކުޅަ ވަޢުދަށް އިނިގިރޭސި ސަރުކާރުން 1922ގައި އެއްބަސްވި ހިސާބަށް ދެކުނުއެފްރިކާ ނުދިޔައީ ކީއްވެގެން ހެއްޔެވެ؟"

އޭނާ ބުންޏެވެ. ދެކުނުއެފްރިކާއިން އުފުލައިފައިވާ ދަޢުވާގެ ޙަޤީޤީ ސިޔާޤަކީ އޮކްޓޫބަރު ހަތެއްގެ ޙާދިސާއެވެ. ޙަމާސުން އިސްރާއީލަށް ޙަމަލާދިން ޙާދިސާއެވެ.

މަޞްލަޙަތުތައް ތަވާޒުނުކުރުން

އިސްރާއީލުގެ ޢަސްކަރީ ޢަމަލުތައް ހުއްޓައިލުމާ ގުޅޭގޮތުން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކޯޓުން އަމުރުކުރާއިރު ހުރިހާ ފަރާތްތަކެއްގެ ޙައްޤުތަކަށް އިޙްތިރާމުކުރުމަށާއި މަޞްލަޙަތުތައް ތަވާޒުނުކުރުމަށް އިސްރާއީލުގެ ދިފާޢީ ޤާނޫނީ  ޓީމުން ކޯޓުގައި އެދުނެވެ. މި ޓީމު ބުނިގޮތުގައި ދެކުނުއެފްރިކާއިން އެދިފައިވާ ރައްކައުތެރިކަމުގެ އެއްވެސް ފިޔަވަޅެއް އަޅާކަށް ނުޖެހެއެވެ.

ދެކުނުއެފްރިކާއިން އެދޭގޮތަށް ފަލަސްޠީނު ރައްޔިތުން ޙިމާޔަތްކުރުމަށް ޓަކައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމާ ބެހޭގޮތުން ކޯޓުން ނިޔާއެއް އިއްވުމުގެ ކުރިން މި ދަޢުވާ ބެލުމުގެ ޤާނޫނީ ބާރު މި ކޯޓުގެ އިޚްތިޞާޞުގައި ހިމެނޭތޯ ކޯޓުން ބަލާނެއެވެ. އަދި ދެކުނުއެފްރިކާއިން އިސްރާއީލުގެ މައްޗަށް އުފުލައިފައިވާ ދަޢުވާގައި ހިމެނޭ ޢަމަލުތަކަކީ ނަސްލުހޭދު މުޢާހަދާއާ ޚިލާފު ޢަމަލުތަކެއްތޯ ވެސް ކޯޓުން ބަލާނެއެވެ.

ޖުމްލަ 17 ޤާޒީން ހިމެނޭ ބެންޗުން އިސްރާއީލު ނަސްލުހޫދުގެ ޖަރީމާއަށް އަރައިގަތްފައިވޭތޯ ބަލާނެއެވެ. ފަލަސްޠީނު ރައްޔިތުން ޙިމާޔަތް ކުރުމަށް ޓަކައި ދެކުނުއެފްރިކާއިން އެދިފައިވާ ރައްކައުތެރި ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ކޯޓުން ޙުކްމެއް އިއްވާނެއެވެ. ދެކުނުއެފްރިކާއިން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި ޣައްޒާގައި އިސްރާއީލު ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓައިލައި، ޣައްޒާ މީހުންނަށް އެމީހުންގެ ގޮވަތިގެދޮރަށް އެނބުރި އާދެވޭނެ ގޮތް ހަދާދިނުމަށާއި އިންސާނީ އެހީތައް ޣައްޒާއަށް ވެއްދޭނެ މަގުތަނަވަސްކޮށްދިނުން ވެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *