އިސްރާއީލާ ދެކޮޅަށް ނަސްލުހޭދުގެ ދަޢުވާ ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ދެކުނު އެފްރިކާއިން ހުށައެޅި ދުވަސް ފަދަ އެކަމާމެދު ފަޚްރުވެރިވުން ބޮޑު ދުވަހެއް ދެކެވަޑައިގަތްފައި ނުވާ ކަމަށް ދެކުނުއެފްރިކާގެ ރައީސް ސެރީލް ރަމަފޯޒާ ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ އެފްރިކަން ނޭޝްނަލް ކޮންގްރެސް ޕާޓީގެ އިއްޔެގެ ކުއްލި ބައްދަލުވުމުގައި ރަމަފޯޒާ ވިދާޅުވިގޮތުގައި ދެކުނު އެފްރިކާއިން ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް އިސްރާއީލާ ދެކޮޅަށް ދަޢުވާ ހުށައެޅުމުގެ މަޤްޞަދަކީ ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދު ހުއްޓުވުމެވެ.
އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ޤާނޫނީ ވަކީލުން ދަ ހޭގުގައި އަހުރެމެންގެ ޤަޒިއްޔާ (ފަލަސްޠީނުގެ ޤަޒިއްޔާ) ދިފާޢުކުރައްވަމުން ވަޑައިގަތްއިރު އަހުރެންނަށް އިޙްސާސްކުރެވެމުންދިޔަ ފަޚްރުވެރިކަމުގެ ޝުޢޫރުތަކަކީ މީގެ ކުރިން ދުވަހަކުވެސް އިޙްސާސްކުރެވިފައި ނުވާ ފަޚްރުވެރިކަމުގެ ޝުޢޫރުތަކެކެވެ. މި ބިމުގެ ދަރިޔާ ރޮނަލްޑް ލަމޯލާ ކޯޓުގައި އަހުރެމެންގެ ޤަޒިއްޔާ ދިފާޢުކުރަމުންދިޔަ ގޮތް އަހުރެން ބަލަމުންދިޔައީ ވަރަށް ފަޚްރުވެރިކަމާއެކުގައެވެ."
ރައީސް ރަމަފޯޒާ ވިދާޅުވިއެވެ. "އަހުރެމެންގެ މި ފިޔަވަޅާ ދެކޮޅަހަދާ ބައެއް މީހުން ބުނެއެވެ. ތިޔައީ ބިރުވެރިކަމުން ފުރިފައިވާ ފިޔަވަޅެކެވެ. އަހުރެމެންނަކީ ކުޑަކުޑަ ޤައުމެކެވެ. އަހުރެމެންނަށް ލިބިގެން ވަނީ ކުޑަކުޑަ އިޤްތިޞާދެކެވެ. އެމީހުން އަހުރެމެންނަށް ޙަމަލާދީފާނެއެވެ. އެހެންވިޔަސް އަހުރެމެން ދެމިތިބޭނީ އަހުރެމެންގެ އުޞޫލުތަކުގައި ހިފަހައްޓައިގެންނެވެ. ފަލަސްޠީނުގެ ރައްޔިތުން މިނިވަންނުވާނަމަ އަހުރެމެންވެސް މިނިވަނެއް ނުވާނެއެވެ."
ދެކުނު އެފްރިކާއިން އިއްޔެ ހުށައެޅި ދަޢުވާއަށް މިއަދު ވަނީ އިސްރާއީލުން ރައްދުދީފައެވެ.
ދެކުނު އެފްރިކާގެ ދަޢުވާގައި 84 ޞަފްޙާ ހިމެނެއެވެ. ދެކުނު އެފްރިކާއިން އުފުލި ދަޢުވާ ސާބިތުކުރުމަށް ޓަކައި ވީޑިޔޯތަކާއި ފޮޓޯތަކާއި ބިރުވެރި މަންޒަރުތައް ހިމެނޭ ފިލްމުތައް ވެސް ހިމަނައިފައިވެއެވެ. ދެކުނު އެފްރިކާގެ ތުހްމަތުތައް ބުނާގޮތުގައި އިސްރާއީލުން ވަނީ ޣައްޒާ ބަނޑަށް ޖައްސައިފައެވެ. ފެނާއި ކަރަންޓް ކަނޑައިލައިފައެވެ. ބޭހާއި އަނދަނަ ލިބުން މަނާކޮށްފައެވެ. އަމާން ބޯހިޔާވަހިކަމުން މަޙްރޫމުކޮށްފައެވެ. އިންސާނީ އަސާސީ އެއްވެސް ޚިދްމަތެއް ނުލިބޭގޮތަށް ޣައްޒާ ތަޅުލައި ޙިޞާރުކޮށްފައެވެ.
ދެކުނު އެފްރިކާއިން ކޯޓުގައި އެދިފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ވަގުތުން ހުއްޓުވުމަށެވެ. ދެކުނު އެފްރިކާއިން ބުނިގޮތުގައި އެއީ ފަލަސްޠީނު ރައްޔިތުންގެ ނަސްލުހޭދުއެކެވެ.
ދެކުނު އެފްރިކާގެ ޤާނޫނީ ޓީމުގެ ރައީސަކީ އެ ޤައުމުގެ ޢަދްލުއިންސާފާ ބެހޭ ވަޒީރެވެ. މި ޓީމުން ވިދާޅުވިގޮތުގައި އިސްރާއީލުން ދަނީ 1948ން ފެށިގެން ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ޓަކައި ނިރުބަވެރި ޖަރީމާތަކާއި ޤތުލުޢާންމުތައް ހިންގަމުންނެވެ. އެ ޓީމުން ވިދާޅުވިގޮތުގައި އިސްރާއީލުން ފަލަސްޠީނީންނާ މެދު ގެންގުޅެމުންދަނީ ނަސްލީ އިމްތިޔާޒުގެ ސިޔާސަތެކެވެ. މި ޓީމުން ހާމަކުރެއްވި ގޮތުގައި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުހޭދުގެ ޖަރީމާތައް ހުއްޓުވުމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢު ވަނީ ފޭލްވެފައެވެ.
މި ޓީމުން ވިދާޅުވިގޮތުގައި ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ޢަމަލުތަކުން ފަލަސްޠީނުގެ ނަސްލު މަރައި ނައްތައިލުމުގެ ނިޔަތް އިސްރާއީލުގެ ކިބައިން ފެނެއެވެ. އިސްރާއީލުގެ ބައެއް ވަޒީރުންނާއި އިސް މަސްއޫލުވެރިންގެ ބަސްތަކުން މި ކަން ސާފުވެއެވެ. އެ ޓީމުން ވިދާޅުވިގޮތުގައި ފަލަސްޠީނުގެ އެތައް ޢާއިލާތަކެއް އެއްކޮށް ވަނީ މަރައިލައިފައެވެ. އެންމެ ފަރްދަކު ވެސް ބާކީ ނުކޮށެވެ.
ދެކުނު އެފްރިކގެ ޢަދްލުއިންސާފާ ބެހޭ ވަޒީރު ވިދާޅުވިގޮތުގައި ޣައްޒާ މީހުން ތިބި ކޮންމެ ތަނަކަށް އިސްރާއީލުން ވަނީ ބޮންއަޅައިފިއެވެ. އިސްރާއީލުން އަންގައިގެން އެ މީހުން އެއް ތަން ދޫކޮށް އެހެން ތަނަކަށް ދާއިރަށް އެ ތަނަކަށް ވެސް ބޮންއަޅައެވެ.



advertisment