އިސްރާއީލު ސަރަޙައްދު ލުބްނާނުން ސުޢޫދީ ޢަރަބިއްޔާއާ ހަމައަށް ފުޅައުވެގެންދާނެ ކަމަށާއި އިސްރާއީލުން މައްކާއާއި މަދީނާއާއި ސީނާ ފަރުބަދަ ހިފާނެ ކަމަށް އިސްރާއިލުގެ ސިޔާސީ ލިޔުންތެރިއެއް ކަމުގައިވާ އެވީ ލިޕްކިން ބުނެފިއެވެ.
އޭނާ މީސްމީޑިޔާގައި ޕޯސްޓްކުރި ވީޑިއޯ ކްލިޕެއްގައި ބުނެފައި ވެއެވެ. "އަހުރެން ޤަބޫލުކުރާގޮތުގައި އަހުރެމެންގެ ސަރަޙައްދު ލުބްނާނުން ފެށިގެން ބޮޑު ސަހަރާއާ ހަމައަށް އެބަހީ ސުޢޫދީ ޢަރަބިއްޔާއާ ހަމައަށް ފެތުރިގެންދާނެއެވެ. އެއަށްފަހު ކަނޑާވީ ފަރާތުން މެޑިޓެރޭނިއަނުން ފެށިގެން ފުރާތުކޯރާ ހަމައަށް ފެތުރިގެންދާނެއެވެ. ފުރާތުކޯރުގެ އަނެއް ފަރާތުގައި ތިބޭނީ ކުރްދީންނެވެ. ކުރްދީންނަކީ އަހުރެމެންނާ ރަޙްމަތްތެރި ބައެކެވެ."
އޭނާ އިތުރަށް ބުންޏެވެ. "ވީމާ އަހުރެމެންގެ ފަހަތުގައި އޮންނާނީ މެޑިޓެރޭނިއަން ކަނޑެވެ. ކުރިމަތީގައި ތިބޭނީ ކުރްދީންނެވެ. ލުބްނާނަކީ ޙިމާޔަތަށް ބޭނުންވާ ތަނެކެވެ. އިސްރާއީލުގެ ޙިމާޔަތުގެ ދަށުގައި އޮންނަން ޖެހޭނެ ތަނެކެވެ."

ލިޕްކިންގެ މި ވާހަކަތަކަކީ އިސްރާއީލުގެ އިސްތިރާޖީ ނޫސްވެރިއެއް ކަމުގައިވާ އޫދީދު ޔަނޫންގެ ފުރޭފާ ފަރަލި ވާހަކަތަކެކެވެ. އޭނާގެ ރަސްމީ ފުރޭފުގެ ސުރްޚީއަކީ "އިސްރާއީލުގެ މެދުއިރުމަތީގެ އަށްޑިހައިގެ މަޝްރޫޢު" އެވެ. މި މަޝްރޫޢު ފަރުމާކޮށްފައިވަނީ ޞިހްޔޫނިއްޔަތުގެ ބާނީ ތިޔަޑޯރު ހަރޓްޒެލްގެ ވިސްނުމާ ފިކްރާ އެއްގޮތަށެވެ. މި ލިޔުން ޝާއިޢުކޮށްފައި ވަނީ 1982ވަނަ އަހަރުއެވެ. މިއީ "މަހާ އިސްރާއީލު" ޤާއިމުކުރުމަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ފުރޭފެކެވެ. މިއަދުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ސިޔާސަތުގެ ބިންގަލަކީ މި ފިކްރާއި ވިސްނުމެވެ. އިސްރާއީލުގެ ޢަސްކަރިއްޔާއާއި ޖާސޫސީ އިދާރާ ގެ މުހިއްމަތަކީ މަހާ އިސްރާއީލު ޤާއިމުކުރުމަށް މަސައްކަތްކުރުމެވެ.
މި ޔަނޫނަކީ އިސްރާއީލުގެ ބޮޑުވަޒީރެއް ކަމުގައިވި ހަރުކަށި އެރިއަލް ޝާރޫންގެ މުޝީރެކެވެ. އޭނާ އިސްރާއީލުގެ ޚާރިޖިއްޔާގައި ވެސް މަސައްކަތްކޮށްފައި ވެއެވެ. މީގެ އިތުރަށް އޭނާއަކީ އިސްރާއީލުގެ ޖެރޫސަލަމް ޕޯސްޓް ދުވަހު ނޫހުގައި މަސައްކަތްކޮށްފައިވާ ހުނަރުވެރި ނޫސްވެރިއެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި އަރަބި ޤައުމުތައް ބަލިކަށިކޮށް އަމިއްލަ ފައިމައްޗަށް ނުތެދުވެވޭވަރުގެ ޙާލަތެއްގައި ބޭއްވުން ވެއެވެ. މި މަޝްރޫޢުގެ ދެވަނަ ބައިގައި ހިމެނެނީ ހުޅަނގުއައްސޭރީގައި ޔަހޫދީ އާބާދީތައް ހަދައި ފަލަސްޠީނު މީހުން ފަލަސްޠީނުގެ ފަސްގަނޑުން ބޭރަށް ފޮނުވައިލުމެވެ. "މަހާ އިސްރާއީލުގެ މަޝްރޫޢުގެ ދަށުން ލުބްނާނާއި ސޫރިޔާއާއި އުރްދުނާއި ޢިރާޤާއި މިޞްރާއި ސުޢޫދީ ޢަރަބިއްޔާގެ ބިންތައް އިސްރާއީލުގެ ބިންތަކެއް ކަމުގައި ހެދޭނެއެވެ."
އިސްރާއީލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައަކީ މަހާ އިސްރާއީލު މަޝްރޫޢު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ހަނގުރާމައިގެ ލަނޑުދަނޑިތަކުގެ ތެރޭގައި ފަލަސްޠީނު މީހުން ފަލަސްޠީނު ބިމުން ބޭލުންވެއެވެ. މި މަސައްކަތް މިހާރު ދަނީ އެތައް ނާރެހެއްގައި އެތައް ސިފައެއްގައި ކުރަމުންނެވެ.



advertisment