ހަނގުރާމައަށް ފަހުގެ ޣައްޒާއާ ބެހޭގޮތުން އިސްރާއީލުން ރާވައިފައިވާ ރޭވުންތައް އިސްރާއީލުގެ ދިފާޢީވަޒީރު ޔޫއާފު ގެލެންޓް ހާމަކުރުމުން މިޞްރުން އެ ރޭވުން ބަލައިނުގަންނާނެ ކަމަށް މިޞްރުގެ ޢަސްކަރީ ތަޖްރިބާކާރެއް ކަމުގައިވާ ޖެނެރަލް ސަމީރު ފަރަޖު ވިދާޅުވެއްޖެއެވެ.
ޢަސްކަރީ ޚިދްމަތުން ވަކިވެވަޑައިގަތްފައިވާ ޖެނެރަލް ފަރަޖު މިޞްރު ޓީވީގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވި ގޮތުގައި އިސްރާއީލުން ހުށައަޅަނީ "ޣައްޒާ ހަނގުރާމަ ނިމުމުން ޔޫރަޕްގެ ޤައުމުތަކާއި ޢަރަބި ޤައުމުތަކުން ޣައްޒާގެ އިދާރިއްޔާތާ ޙަވާލުވުމަށެވެ. މި ޢަރަބި ޤައުމުތަކުގެ ތެރޭގައި މިޞްރު ވެސް ހިމެނެއެވެ. މިޞްރުން ވަނީ މި ހުށައެޅުމާ ދެކޮޅު ހަދައިފައެވެ."
އޭނާ ވިދާޅުވި ގޮތުގައި މިޞްރުން ހުށައަޅައިފައިވަނީ ޣައްޒާގެ އިދާރިއްޔަތު ފަލަސްޠީނު ސަރުކާރާ ޙަވާލުކުރުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން ވަނީ މި ހުށައެޅުމާ އެއްބަސްވެފައެވެ. އޭނާ ވިދާޅުވިގޮތުގައި މިޞްރުން އެމެރިކާގެ ޚާރިޖީ ވަޒީރަށް ހުށައަޅައިފައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި ފަލަސްޠީނުގައި ޢާންމު އިންތިޚާބެއް ބާއްވައި ފަލަސްޠީނުގެ އައު ޒާޢަމަތެއް ޤާއިމުކުރުމަށެވެ.
ފަރަޖު ކަށަވަރުކޮށްދެއްވި ގޮތުގައި މިޞްރުގެ ރައީސް ސީސީ މި ހުށައެޅުމާ ދެކޮޅުހައްދަވައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ މިޞްރަށް ކުރެއްވި އެންމެ ފަހު ދަތުރުފުޅުގައި ފަލަސްޠީނުގައި އިންތިޚާބު ބޭއްވުމުގެ ކުރިން ކަޑައްތުކުރާ އިންތިޤާލީ މަރްޙަލާގައި މިޞްރުން ޣައްޒާގެ އިދާރިއްޔަތާ ޙަވާލުވުމަށް އެދިވަޑައިގަތްފައިވެއެވެ. އެހިނދު ރައީސް ސީސީ އެކަމުގެ ތެރެއަށް މިޞްރ ނުވަންނާނެކަމަށް ވިދާޅުވިއެވެ. މިޞްރުން ފަށްފަށްކޮށް ބާރުއަޅަނީ އިންތިޤާލީ މަރްޙަލާގައި ފަލަސްޠީނު ސަރުކާރުން ޣައްޒާ ބެލެހެއްޓުމަށެވެ.
އިސްރާއީލުގެ ދިފާޢީ ވަޒީރު ގެލެންޓް މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި ހަނގުރާމައަށް ފަހު އިސްރާއީލުން އެންމެ ބޮޑަށް އަމާޒު ކުރާނީ ޣައްޒާގެ އުތުރަށެވެ. އަދި ދެކުނުގައި ތިއްބެވި ޙަމާސުގެ އިސްވާރުންގެ ފަސްފަހަތުން ގޮސް އެ ބޭފުޅުން ނައްތައިލުމަށެވެ. އޭނާ ބުނިގޮތުގައި ޣައްޒާގެ ވެރިކަމަށް ދެން ޙަމާސަކަށް ނާދެވޭނެއެވެ. އިސްރާއީލުން އެކަމަށް ހުއްދައެއް ނުދޭނެއެވެ. ޣައްޒާ ބަލަހައްޓަން ޖެހޭނީ އިސްރާއީލަށް ބިރެއްނެތް ފަރާތަކުންނެވެ. އޭނާ ހާމަކުރި ގޮތުގައި އިސްރާއީލަށް ބޭނުންވާ ކަންތައްތައް ޣައްޒާގައި އިސްރާއީލަށް ކުރެވެން ޖެހޭނެއެވެ. އެހެނަސް އިސްރާއީލުގެ މަދަނީ ވުޖޫދެއް ޣައްޒާގައި ނޯންނާނެއެވެ.
އިސްރާއީލުގެ ޢަސްކަރީ ތަރްޖަމާނު ހެގަރީ ބުނާގޮތުގައި އިންތިޤާލީ މަރްޙަލާގައި ވައިގެ ޙަމަލާތައް މަދުކުރެވޭނެއެވެ. އިސްރާއީލު ސިފައިން ބޭނުންކުރުން މަދުކުރެވޭނެއެވެ. އިސްރާއީލުން ހިންގާ ޢަސްކަރީ ޢަމަލުތައް މަދުވާނެއެވެ.



advertisment