Support Us

ނަސްލުހޭދު… އިސްރާއީލުގެ ތާރީޚުގައި

ދިވެހި ރަދީފު ބުނާގޮތުގައި "ނަސްލުހޭދު" އަކީ އިންސާނީ ނަސްލެއް ނައްތައިލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލެވެ. އެހެނަސް މި ޚާއްޞަ މުޞްޠަލަޙަށް ބަލާއިރު އެއީ ސަރުކާރަކުން ނުވަތަ ވަކި ޖަމާޢަތަކުން ދުރާލައި ރާވައިގެން ނަސްލީ ނުވަތަ ޤައުމީ ނުވަތަ ސިޔާސީ ނުވަތަ ދީނީ ސަބަބަކާ ހެދި ހިންގާ ޖަރީމާއެކެވެ. އދ ން 1948ގައި ފާސްކޮށްފައިވާ ޚާއްޞަ އެއްބަސްވުން ބުނާގޮތުގައި އެއީ ބައިނަލްއަޤްވާމީ ޖަރީމާއެކެވެ. 

"ނަސްލުހޭދު" މި މުޞްޠަލަޙު ވުޖޫދަށް ގެނުވީ ޔޫރަޕްގައި ތިބި ޔަހޫދީންނާ ދެކޮޅަށް ނާޒީން ހިންގައިފައިވާ ޢަމަލުތައް ސިފަކުރުމަށް ޓަކައެވެ.

ފަހަކަށް އައިސް ދުނިޔޭގައި ހިންގައިފައިވާ ނަސްލުހޭދު ޢަމަލުތަކުގެ ތެރޭގައި ސަރބުން ހިންގައިފައިވާ ސަބްރަނިޓްޝާ ޤަތުލުޢާންމުތަކާއި އިސްރާއީލުން ފަލަސްޠީނީންނާ ދެކޮޅަށް ހިންގައިފައިވާ ޞަބްރާއާއި ޝާތީލާގެ ޤަތުލުޢާންމުތަކާއި ރުވަންޑާގައި ޓުޓްސީންނާ ދެކޮޅަށް ހިންގައިފައިވާ ޤަތުލުޢަންމުތަކާއި ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ޙިޓްލަރާއި ނާޒީން ޔޫރަޕްގެ ޔަހޫދީންނާ ދެކޮޅަށް ހިންގައިފައިވާ ޤަތުލު ޢާންމުތައް ފާހަގަކުރެވެއެވެ. 

ނަސްލުހޭދު އުފަންވުން

ނަސްލުހޭދު މި މުޞްޠަލަޙު އުފަންކުރުވީ 1944 ގައި ޔަހޫދީ ޤާނޫނީ ވަކީލެއްކަމުގައިވާ ރަފަލް ލެމްކިނެވެ. އޭނާ މި ބަސް ހެއްދެވީ ގްރީކް ބަހުގެ (-geno) އާއި ލެޓިން ބަހުގެ   (cide-) އެއްކުރައްވައިގެންނެވެ. 

geno ގެ މާނައަކީ ނަސްލު ނުވަތަ ދަރިފަސްކޮޅު ނުވަތަ ވަންހަ އެވެ. Cideގެ މާނައަކީ މެރުމެވެ. ޤަތުލުކުރުމެވެ. 

ދިވެހި ރަދީފުގައި އައިސްފައިވާ ކަލިމަ ވެސް ހެދިފައިވަނީ ދެ ލަފުޒަކުންނެވެ. އެއީ

ނަސްލު، މާނައަކީ ދަރިކޮޅު އެވެ.

ހޭދު އައިސްފައި ވަނީ ހައިދު އިންނެވެ. މާނައަކީ ނެތިކުރާ ނެތިކުރުމެވެ. 

ލެމްކިން މި އައު މުޞްޠަލަޙު ޢިބާރާތްކުރެއްވިއިރު އޭގެ މަފްހޫމުގައި "ޖަމާޢަތެއްގެ ބަޔަކު ނައްތައިލުމަށް ޓަކައި އެ ޖަމާޢަތް ދިރިދެމިއޮތުމަށް ބޭނުންވާ ޟަރޫރީ އަސާސިއްޔާތުތައް ހަލާކުކޮށް ނައްތައިލުމަށް ޓަކައި ދުރާލައި ރާވައިގެން ހިންގާ ތަފާތު ޢަމަލުތައް" ހިމެނެއެވެ. އޭނާ މި މަސައްކަތް ކުރެއްވީ ޖަރްމަނުގެ ނާޒީ ބޮޑެތި އިސްވާރުން ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ހިންގަވައިފައިވާ ބޮޑެތި ޖަރީމާތަކާ ހެދި އެ ބޭފުޅުން ޝަރީޢަތަށް ހުށައެޅުމަށް ބޭނުންވާ އުދަރެސް ތައްޔާރުކުރެއްވުމަށެވެ.

 ޖަރްމަނުގެ ނޮރެންބަރގް ސަހަރުގައި 1945ގައި ބޭއްވި މި ޝަރީޢަތުގައި ނާޒީ އިސްވާރުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަވައިފައިވާ ކަމަށް ތުހްމަތުކުރެވުނެވެ. މި ޝަރީޢަތުގައި އެބޭފުޅުންގެ މައްޗަށް އުފުލުނު ތުހްމަތުތަކުގެ ތެރޭގައި "ނަސްލުހޭދު"ގެ ތުހްމަތު އައިސްފައި ވެއެވެ. އެހެނަސް މި ޝަރީޢަތުގައި މި މުޞްޠަލަޙު ބޭނުންކުރެވުނީ ޖަރީމާ ސިފަކުރުމަށް ޓަކައެވެ. ޤާނޫނީ މުޞްޠަލަޙެއްގެ ގޮތުގައެއް ނޫނެވެ.

މި މުޞްޠަލަޙު ޤާނޫނީ މުޞްޠަލަޙަކަށް ވީ 9 ޑިސެންބަރު 1948ގައި އދ ން ނަސްލުހޭދުއާ ބެހޭ މުޢާހަދާ ފާސްކުރުމުންނެވެ. މި މުޢާހަދާ ބުނާގޮތުގައި ނަސްހޭދުގެ ޢަމަލަކީ ބައިނަލްއަޤްވާމީ ޖަރީމާއެކެވެ. އެކަން މަނާކުރުމަށާއި އެ ކަމަށް އަދަބު ދިނުމަށް މި މުޢާހަދާގައި އައިސްފައި ވެއެވެ. 

ދެވަނަ ބޮޑުހަނގުރާމައިގެ ކުށްވެރިންނަށް އަދަބުދިނުމަށް ޓަކައި މި މުޞްޠަލަޙު ވުޖޫދަށް ގެނެވުނު ނަމަވެސް ނަސްލުހޭދުގެ ޖަރީމާތަކަކީ ޤަދީމީ ޒަމާނުއްސުރެ ކުރެވެނުދިޔަ ކަމެކެވެ. ކީރިތި ޤުރްއާނުން އެނގޭގޮތުގައި ފިރްޢައުނަކީ ޔަހޫދީން ނައްތައިލުމަށް ޓަކައި އެމީހުންގެ ފިރިހެނުން މެރި މީހެކެވެ. މުޣޫލީންނަކީ އެމީހުން ހިފާ ބިންބިމުގެ ވަޒަންވެރިން މަރައި ހުސްކުރަމުންދިޔަ ބައެކެވެ. ފާރިސީންނާއި ގްރީކުންނާއި ރޯމަނުންނަކީ ވެސް މި ގޮތަށް ނަސްލު ހުސްކޮށް ނައްތައިލުމުގެ ޖަރީމާތައް ހިންގި ބައެކެވެ. އިސްތިޢުމަރީ ޤައުމުތަކުން މިފަދަ ޢަމަލުތައް ހިންގައިފައިވާކަން އެނގެއެވެ. އޮސްޓްރޭލިޔާގެ އެބޮރަޖިނިންނާއި އުތުރު އެމެރިކާގެ ރެޑް އިންޑިއަނުންނާއި ޖަޒާއިރުގެ އަރަބިންނާއި އުތުރު ތަނޑީގެ އިނުއިޓުންނާއި ދެކުނު އެމެރިކާގެ އިންކާ ޤަބީލާތަކުގެ މީހުން ނައްތައިލެވޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. މި ކަންކަން ކުރި ހުޅަނގުގެ އިސްތިޢުމާރީ ޤައުމުތަކުން މިއަދު  އެ ވާހަކަތަކެއް ނުދައްކައެވެ. 

ރުވަންޑާގައި ޓުޓްސީންނާ ދެކޮޅަށް 1998ވަނަ ނަސްލުހޭދުގެ ޢަމަލުތައް ހިންގި މީހުންނާ ދެކޮޅަށް ބައިނަލްއަޤްވާމީ އިންސާފު ކޯޓުން ވަނީ އަދަބުދީފައެވެ.

އިސްރާއީލާއި ނަސްލު

މޭ 15، 1948 ގައި ފަލަސްޠީނުގެ ބިމުގައި އިސްރާއީލޭ މި ކިޔާ ދައުލަތް ޤާއިމުކުރުމާ ވިދިގެން އެ ދައުލަތުން ދަނީ އެ ބިމުގެ އަޞްލު ވަޒަންވެރިންނާ ދެކޮޅަށް ޤަތުލުޢާންމުތަކާއި ޖަރީމާތައް ހިންގަމުންނެވެ. މި ޖަރީމާތަކަށް ނަސްލުހޭދުގެ ސިފަލިބިގެންވެއެވެ.

އިސްރާއީލު ސިފައިން ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގައިފައިވާ ނަސްލުހޭދުތައް 1948ގެ ހަނގުރާމައާއި 1967ގެ ހަނގުރާމައިން ވަނީ ފެނިފައެވެ. މީގެ އިތުރަށް ޞަބްރާއާއި ޝާތީލާގެ ޤަތުލުއާންމާއި ދައިރު ޔާސީން ޤަތުލުޢާންމާއި ޠަންޠޫރާ ޤަތުލުޢާންމާއި ޚާން ޔޫނުސާއި ކަފްރު ޤާސިމު ޤަތުލު ޢާންމާއި އިބްރާހީމީ ޙަރަމުގެ ޤަތުލުޢާންމާއި ޖަނީން ފޭލިގެއަވަށުގެ ޤަތުލުޢާންމުތަކަކަކީ ނަސްލުހޭދުގެ ޖަރީމާތަކެކެވެ. 

އިސްރާއީލުން ޣައްޒާ ޙިޞާރުކޮށް ބޮޑު ޖަލަކަށް ހަދައިގެން އެ ސަރަޙައްދަށް 2008 އާއި 2009 އާއި 2012 އާއި 2014 އާޢި 2021ގައި ދީފައިވާ ޢުދްވާނީ ޙަމަލާތަކަކީ ވެސް ނަސްލުހޭދުގެ ސިލްސިލާގެ ތެރޭގައި ހިމެނޭ ޖަރީމާތަކެކެވެ. 

އިސްރާއީލުން ޣައްޒާގައި ފަލަސްޠީނު މީހުންނާދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައަކީ ނަސްލުހޭދުގެ ލާއިންސާނީ ޖަރީމާތައް ހިމެނޭ ހަނގުރާމައެކެވެ. މި ހަނގުރާމައިގައި އިސްރާއީލުން ވަނީ ޣައްޒާގެ ބިނާރުތަކާއި ބޯހިޔާވަހިތަކާއި ހަސްފަތާލުތަކާއި މަދުރަސާތަކާއި މިސްކިތްތައް ވައްޓައިލައި ބިމާހަމަކޮށްފައެވެ. މިހާތަނަށް އިސްރާއީލުން ވަނީ ޣައްޒާއިން 22,800 މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 9000 ކުޑަކުދިނާއި 6،450 އަންހެނުންވެއެވެ. މީގެ އިތިރަށް އިސްރާއީލުން ވަނީ ޣައްޒާއިން 58،166 މީހުން ޒަޚަމުކޮށްލައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *