ލުބްނާނުގެ ޙީޒްބުﷲ ޖަމާޢަތް ދެކެ އިސްރާއީލު ބިރުނުގަންނަ ކަމަށާއި ޣައްޒާއަށް ހަދައިލި ގޮތް ބައިރޫތަށް ހަދައިލެވިދާނެ ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޫއާފު ގެލެންޓް ބުނެފިއެވެ.
"ޣައްޒާ ފުނޑުފުނޑުކުރިގޮތުގެ ކޮޕީއެއްގެ ކަޓް އެންޑް ޕޭސްޓް ޙަމަލާއެއް އަހުރެމެންނަށް ބައިރޫތަށް ދެވިދާނެއެވެ." އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލާ ވާހަކަދައްކަމުން އޭނާ ބުންޏެވެ.
"ޙިޒްބުﷲއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިސްރާއިލު އިސްކަމެއް ނުދެއެވެ. އެހެނަސް އިސްރާއީލުގެ 80 ހާސް މީހުންނަށް އަމާންކަމާއެކު އެމީހުންގެ ގެދޮރަށް އާދެވެން ޖެހޭނެއެވެ. އެހެން މަގުތައް ބެދިއްޖެނަމަ އަހުރެމެން މި ތިބީ ޤުރްބާންވުމަށް ތައްޔާރަށެވެ."
ގެލެންޓް ވަރަށް ބޮޑާކަމާއެކު ބުންޏެވެ. "އެމީހުންނަށް ޣައްޒާގައި ހިނގަމުންދާ ކަންތައްތައް ފެންނާނެއެވެ. އަހުރެމެންނަށް ބައިރޫތުގައި އޭގެ ކަޓް އެންޑް ޕޭސްޓެއް ހެދިދާނެކަން އެމީހުންނަށް އެނގޭނެއެވެ."
އޭނާ އިތުރަށް ބުންޏެވެ. "އޮކްޓޫބަރު ހަތެއްގައި ޙަމާސުން ދިން ޙަމަލާގެ ސަބަބުން އިސްރާއީލުގެ ވަޒަންވެރިންނަށް ލިބިފައި އޮތް އަމާންކަމުގެ އިޙްސާސް ވަނީ ގެއްލިފައެވެ. އެމީހުންގެ ވަށައިގެންވާ ދުނިޔެއާމެދު ދެކޭގޮތް ވަނީ ބަދަލުވެފައެވެ."
އޭނާ ބުންޏެވެ." 1945ގެ ފަހުން ޔަހޫދީ ރައްޔިތުން ދެކެފައިވާ ލޭ އޮހޮރުވުން އެންމެ ގިނަ ދުވަހަކީ 7 އޮކްޓޫބަރެވެ."
ގެލެންޓް އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. "އިސްރާއީލުން ހަނގުރާމަކުރަމުން މި ދަނީ އީރާނުން މިސްރާބުކުރުވައިފައިވާ ނާރެހަކާއެވެ. ހަމައެކަނި ޙަމާސަކާއެއް ނޫނެވެ." އޭނާ އިންޒާރު ކުރިގޮތުގައި "އިސްރާއީލުގެ ލަޝްކަރުތައް ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެއެވެ."



advertisment