އީރާނުގެ އިންޤިލާބީ ފާރަވެރިންގެ ލަޝްކަރުގެ އިސްބޭފުޅެއް ކަމުގައިވާ ރިޒާ މޫސަވީ އިސްރާއީލުން ޙަމަލާދީ އަވަހާރަކޮށްލުމުން އެކަމަށް އީރާނުން ވަރަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުގެ ދިފާޢި ވުޒާރާއިން ދީފިއެވެ.
އީރާނުގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ބްރިގެޑިއަރ ރިޒާ ޠަލާއީ ވިދާޅުވިގޮތުގައި "ރިޒާ މޫސަވީ އަވަހާރަކޮށްލުމަކީ ސޫރިޔާގެ ޤައުމީ ސިޔާދަތުގެ ޙުރްމަތް ކެނޑުމެއް ވެސް މެއެވެ. އެއީ ސަރަޙައްދުގެ އަމަންއަމާންކަން ނަގައިލުމުގެ ގިއުގަނޑުގެ ތެރޭގައި ހިންގައިފައިވާ އިޖްރާމީ ޢަމަލެކެވެ."
އޭނާ ވިދާޅުވިއެވެ. "މި ޖަރީމާއަށް އަދަބު ލިބުން ޙައްޤުވެގެން ވެއެވެ. ޞިހްޔޫނީން މި ކަމުގއ އަގު ދައްކަން ތައްޔާރުވާށެވެ."
އޭނާ އިތުރަށް ވިދާޅުވިއެވެ. "އެކަށީގެންވާ ތަނެއްގައި އެކަށީގެންވާ ވަގުތު ޖެހުމުން އީރާނުން ޞިހްޔޫނީންނަށް ރައްދުދޭނެއެވެ. އަހުރެމެންގެ ރައްދު ވަރަށް ކުރުންތެރި ވަރަށް ވިސްނުންތެރި ވަރަށް ދިލަގަދަ ޢަމަލަކަށް ވާނެއެވެ."
އީރާނުގެ ރައީސް އިބްރާހީމު ރައީސީ އިއްޔެ ހާމަކުރެއްވިގޮތުގައި މޫސަވީ އަވަހާރަކޮށްލުމަކީ "އިސްރާއީލުގެ ނުކުޅެދުންތެރިކަމާއި މާޔޫސްކަން ދައްކުވައިދޭ ޢަލާމަތެކެވެ. މި ޖަރީމާއަށް އަގު ދައްކަން ޖައްސާނަމެވެ."
އީރާނުގެ އިންޤިލާބީ ފާރަވެރިންގެ ލަޝްކަރުގެ މުޝީރެއް ކަމުގައިވާ ރިޒާ މޫސަވީ އިސްރާއީލުން އަވަހާރަކޮށްލީ އިއްޔެ ރޭ ސޫރިޔާގެ ދިމަޝްޤުގެ ރަށްބޭރުގައި ހުންނަ ސިފައިންގެ ކޮށްޓަކަށް ދިން ވައިގެ ޙަމަލާއެއްގައެވެ. އީރާނުގެ އިންޤިލާބީ ފާރަވެރިން ބުނާގޮތުގައި ސޫރިޔާގައި ހުންނެވި މި ލަޝްކަރުގެ ޢަސްކަރީ މުޝީރަކު އަވަހާރަކޮށްލި ޖަރީމާއަކީ ވަރަށް "ހަޑި ހުތުރު ޢަމަލެކެވެ. މި ކަމަށް އިސްރާއީލަށް އަގު ދައްކުވަން ޖައްސުވާނަމެވެ."



advertisment