ޣައްޒާ ހަނގުރާމައިގެ ކުރިއަށް އޮތް މަރްޙަލާއާ ބެހޭގޮތުން އެމެރިކާގެ ރައީސް ބައިޑެނާއެކު މަޝްވަރާކުރުމަށް ޓަކައި އިސްރާއީލުގެ އިސްތިރާޖީއާބެހޭ ވަޒީރު ރޮން ޑޭމަރު މިއަދު ވޮޝިންގްޓަނަށް ދާނެކަމަށް އެމެރިކާގެ އެކްސިއޮސް ނެޓް ޞަފްޙާ ބުނެފިއެވެ.
ޑޭމަރަކީ ބޮޑުވަޒީރު ނަތަންޔާހޫގެ ވަރަށް ގާތް މީހެކެވެ. ޣައްޒާ ހަނގުރާމައިގެ މިހާރުގެ މަރްޙަލާ ނިންމުމާ ބެހޭގޮތުން އެމެރިކާ ސަރުކާރާއި އިސްރާއީލު ސަރުކާރާ ދެމެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުރިކަމަށް އެކްސިއޮސް ބުނެއެވެ. އޭނާ ވޮޝިންގްޓަނާއެކު މަޝްވަރާކުރާނީ މި މަރްޙަލާ ނިމުމުން އިސްރާއީލުން ދެން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ.
އެމެރިކާގެ ރައީސް ބައިޑެން އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާގެ ތަންތަނަށް ބޮންއަޅަމުންދަނީ އެއްވެސް ތަނެއްދޮރެއް ނުބަލައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދްވާނުގެ ސަބަބުން މިހާތަނަށް ވަނީ 21 ހާސް މީހުން ޝަހީދުވެފައެވެ. އަދި 55 ހާސް މީހުން ޒަޚަމުވެފައެވެ. ޣައްޒާގެ ބިނާރުތަކާއި އަސާސީ ޚިދްމަތްދޭ ވަސީލަތްތަކާއި ހަސްފަތާލުތައް ވަނީ ހަލާކުކޮށް ޚިދްމަތުން ބޭރަށް ލައިފައެވެ.
އެކްސިއޮސް ބުނާގޮތުގައި އިސްރާއީލުގެ ވަޒީރު ވޮޝިންގްޓަނަށް ކުރާ ދަތުރުގައި އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ސޮލިވާނާއި ޚާރިޖީވަޒީރު ބްލިންކެނާއި އެމެރިކާގެ ކޮންގްރެސްގެ ބައެއް ސެނެޓަރުންނާ ބައްދަލުކުރާނެއެވެ. ހަނގުރާމައިގެ އައު މަރްޙަލާ ފަށާނީ މި އަންނަ ޖަނަވަރީގައެވެ. އިސްރާއީލުގެ ވަޒީރު މަޝްވަރާކުރާ ކަންތައްތަކުގެ ތެރޭގައި ހަނގުރާމައަށްފަހު ޣައްޒާގެ ވެރިކަން ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުން ވެސް ވެއެވެ. ރައީސް ބައިޑެން ވިދާޅުވާގޮތުގައި ޣައްޒާ ޙަވާލު ކުރަން ޖެހޭނީ ފަލަސްޠީނުގެ އިދާރިއްޔަތާއެވެ.
މީގެއިތުރަށް އިސްރާއީލަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ ހަތިޔާރާ ބެހޭގޮތުން ވެސް އޭނާ ވޮޝިންގްޓަނާއެކު މަޝްވަރާކުރާނެއެވެ. އިސްރާއީލަށް ބޭނުންވާ ހަތިޔާރުތައް ލިބުން ލަސްވަމުންދާތީ އިސްރާއީލުން ކަންބޮޑުވާކަން ވެސް އޭނާ ހާމަކުރާނެއެވެ.އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި އެމެރިކާއިން ދޭ ހަތިޔާރު ދިނުން ލަސްކުރުމާބެހޭގޮތުން އެމެރިކާއިން ވަކި ގޮތެއް ނުނިންމައެވެ. އެމެރިކާ ބުނާގޮތުގައި އެއީ އިޖްރާތީ މަސްއަލައެކެވެ.



advertisment