އިސްރާއީލުގެ މީޑިއާތައް ބުނާގޮތަށް އިސްރާއީލު އޮތީ ދެ ހަފުތާހެއްހާ ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓައިލައި އަސީރުން ބަދަލު ކުރުމަށް ތައްޔާރަށެވެ. އެހެނަސް ޙަމާސުން ބުނާގޮތުގައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ މުޅިން ހުއްޓައިލުމުގެ ކުރިން ޙަމާސުން އިސްރާއީލާއެކު އެއްވެސް ޑީލެއް ނަހަދާނެއެވެ. އިސްރާއީލުގެ މަކާން 33 ޓީވީ ބުނާގޮތުގައި މި ކަމާބެހޭގޮތުން ވާހަކަދެކެވުނަސް އެއްބަސްވުމަކާ ހަމައަށް ދިޔުން އޮތީ ވަރަށް ދުރުގައެވެ.
މި ޓީވީ ބުނާގޮތުގައި އަސީރުން ބަދަލުކުރުމާ ބެހޭގޮތުން އިސްރާއީލުގެ ހުށައެޅުމަށް ޙަމާސުން އިޖާބަދޭކަށް ބޭނުމެއް ނޫނެވެ. ޙަމާސް ބުނާގޮތުގައި އަސީރުންގެ ވާހަކަދެއްކޭނީ އިސްރާއީލުން ހަނގުރާމަ މުޅިން ހުއްޓައިލީމައެވެ.
ޙަމާސްގެ ސިޔާސީ އޮފީހުގެ މީޑިއާ މުޝީރު ޠާހިރުއްނޫނޫ އައު ޑީލަކާ ބެހޭގޮތުން ޙަމާސުން ވާހަކަދައްކަމުންދާ ކަމަށް ބުނާ ޚަބަރަކީ ތެދު ޚަބަރެއް ނޫން ކަމަށް ވިދާޅުވިއެވެ. ނޫނޫ ވިދާޅުވިއެވެ. "އިސްރާއީލުން އުޅެނީ އެތާނގެ ރައްޔިތުންނަށް އޮޅުވައިލާށެވެ. އަހުރެމެންގެ އައުލަވިއްޔަތަކީ ފަލަސްޠީން ރައްޔިތުންނަށް އިސްރާއީލުދެމުންދާ ޢުދްވާނު ހުއްޓުވުމެވެ. އަސީރުންނާ ބެހޭގޮތުން ޑީލެއް ހެދޭނީ އޭގެފަހުންނެވެ."
"މިހާރު އެކަމާ ބެހޭގޮތުން ވާހަކައެއް ނުދެކެވެއެވެ.މިހާރު ވާހަކަދެކެވެމުންދަނީ ހަނގުރާމަ ހުއްޓުމާ ބެހޭގޮތުންނެވެ." އޭނާ ވިދާޅުވިއެވެ. "ހަނގުރާމަ ހިނގަމުންދަނިކޮށް އަސީރުން ބަދަލުކުރުމާ ބެހޭގޮތުން ވާހަކައެއް ނުދައްކާނަމެވެ."
ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި މިޞްރުން ޚަބަރުދޭ ގޮތުގައި ހަފުތާއެއްގެ މުއްދަތަށް ހަނގުރާމަ ހުއްޓައި އަސީރުން ބަދަލުކުރުމާ ބެހޭގޮތުން އިސްރާއީލުން ހުށައެޅިހުށައެޅުމަށް ޙަމާސުން ވަނީ ނޫނެކޭ ބުނެފައެވެ.
ދުނިޔޭގެ ގިނަ ގައުމުތައް ސިފަކުރާގޮތުގައި މީގެ 76 ދުވަސްކުރިން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފަށައިފައިވާ ހަނގުރާމައަކީ ފަލަސްޠީނުގެ ނަސްލު ފުހެލުމަށް ކުރާ މަސައްކަތެކެވެ.



advertisment