އިސްރާއީލުން ޣައްޒާގެ ޚާން ޔޫނުސް ސަރަޙައްދަށް ރޭ އަލިފާނުގެ ކަމަރެއް ކަމަށް ބުނާ ވަރުގަދަ ޙަމަލާއެއް ދީފިއެވެ.
ޙަމަސާ އިސްރާއީލުން ޣައްޒާ ހަނގުރާމަ ވަގުތީގޮތުން ހުއްޓައިލުމަށް އެއްބަސްވުމަށްފަހު އިސްރާއީލުން ވަނީ އިއްޔެ ޣައްޒާއަށް އަލުން ޙަމަލާތައް ދޭން ފަށައިފައެވެ. އިސްރާއީލުން އިއްޔެ މުޅި ޣައްޒާ ޝާމިލުވާ ގޮތަށް ޙަމަލާތައް ދިނެވެ.
ރޭ އިސްރާއީލުން އަލިފާނުގެ ކަމަރު ޙަމަލާތައް ދިން ރަށްތަކުގެ ތެރޭގައި ބައިތު ލާހިޔާ ވެސް ހިމެނެއެވެ.
އިސްރާއީލުން ބުނިގޮތުގައި އަލިފާނުގެ ކަމަރުގެ އަމާޒަކީ ޚާން ޔޫނުސް ސަހަރުގެ ޝައިޚު ނާޞިރު ސަރަޙައްދާއި ޖަލާލު މަގު ކައިރީގައި އޮންނަ އަބޫ ޙުމައިދު ވަށްބުރާއި މަޙައްޠާ އަވަށާއި އެ ސަހަރުގެ މެދުތެރޭގެ ކަތީބާ އަވަށެވެ. ފަލަސްޠީނު ޓީވީ ބުނިގޮތުގައި ޖަބާލިޔާ ފޭލިގެއަވަށަށް ފޮސްފޯރު ބޮމުން ޙަމަލާދިނުމުގެ ސަބަބުން އެ ސަރަޙައްދުގައި އަލިފާން ރޯވިއެވެ.
ތައްލު އަބީބުގައި އިންޒާރުގެ ކަށިގަނޑު
އަނެއްކޮޅުން އިސްރާއީލު ބުނާގޮތުގައި އިއްޔެ ތައްލު އަބީބު ސަރަޙައްދުގައި ދެވަނަފަހަރަށް އިންޒާރުގެ ކަށިގަނޑު ފުމުނެވެ. އިސްރާއީލު ސިފައިންގެ އެކްސް ބުނާގޮތުގައި ކަށިގަނޑު ފުމެފައިވަނީ އިސްރާއީލުގެ ދެކުނަށާއި މެދުތެރެއަށެވެ. އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި އިންޒާރުގެ ކަށިގަނޑު ފުމެފައި ވަނީ ރީޝޫން ސަހަރާއި ޔަފްނާ ސަހަރާއި އުސްދޫދުގައެވެ. ކަށިގަނޑު ފުމެފައި ވަނީ ޣައްޒާއިން އައި ރޮކެޓަކަށް ހުރަސްއެޅުމުގެ ސަބަބުންނެވެ. މި ޙަމަލާގެ ސަބަބުން މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ނުލިބެއެވެ.
މި ޓީވީ ބުނާގޮތުގައި އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި އިސްރާއީލުގެ އަސީރުންގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފައެވެ.
ބްލިންކަން މަޝްވަރާކުރެއްވީ ޣައްޒާގެ ކުރިމަގާމެދު
އަނެއްކޮޅުން އެމެރިކާގެ ޚާރިޖިއްޔާ ބުނާގޮތުގައި އެމެރިކާގެ ޚާރިޖީވަޒީރު ބްލިންކަން އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގައި މަޝޥްވަރާކުރެއްވީ ޣައްޒާގެ ކުރިމަގާމެދުއެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ދެމުންދާ ޢުދްވާނުގައި އެމެރިކާގެ ހުރިހާ އެހީއެއް އިސްރާއީލަށް ލިބޭނެކަމުގެ ޔަޤީންކަން އެމެރިކާގެ ޔަހޫދީ ޚާރިޖީ ވަޒީރު ބްލިންކަން ދެއްވިއެވެ. އިމާރާތަށް ވަޑައިގެން ކޮޕް 28ގެ އިފްތިތާޙީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ވޮޝިންގްޓަނަށް އެނބުރި ވަޑައިގަތުމަށްޓަކައި ބޯޓަށް އަރައިވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް ހާމަކުރެއްވި ގޮތުގައި އޭނާ ދުބައިގައި ޢަރަބި ޚާރިޖީވަޒީރުންނާ ބައްދަލުކުރައްވާ ޣައްޒާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އެމެރިކާގެ ޚާރިޖިއްޔާގެ އިސް މަސްއޫލުވެރިއަކު ހާމަކުރެއްވިގޮތުގައި ބައެއް ޢަރަބި ޤައުމުތަކުން ވަނީ ޣައްޒާގެ ކުރިމަގާމެދު މުސްތަޤިއްލު ގޮތެއްގައި މަޝްވަރާކުރުމާ ދެކޮޅުހަދައިފައެވެ. އެ ޤައުމުތަކުން ގޮވައިލަނީ ވަގުތުން ހަނގުރާމަ ހުއްޓައިލުމަށެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ބުނިގޮތުގައި ބްލިންކަން ދުބައިގައި ބައްދަލު ކުރެއްވީ ޤަޠަރާއި މިޞްރާއި އިމާރާތާއި އުރްދުނާއި ބަޙްރައިނުގެ ޚާރިޖީ ވަޒީރުންނާއެވެ. ކޮޕް 28ގެ ހަވާސަ މަތީގައި މި ބޭފުޅުންނާ ބައްދަލުކުރެއްވިއިރު ފަލަސްޠީނުގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގަތެވެ.
އެމެރިކާގެ މި އިސް މަސްއޫލުވެރިޔާ ނަން ހާމަނުކުރުން ޝަރްޠު ކުރައްވާ ހާމަކުރެއްވިގޮތުގައި ޙަމާސް ނައްތައިލުމަށްފަހު ޣައްޒާގެ ކުރިމަގާމެދު ވާހަކަދެއްކުންތައް ފެށުމަށް އިސްރާއީލު އޮތީ ތައްޔާރަށެވެ. އިސްރާއީލުން ބޭނުން ވަނީ ޣައްޒާއިން ފަލަސްޠީނު މީހުން ހުސްކޮށް ފަލަސްޠީނު މީހުން މިޞްރާއި އުރްދުނާއި ޢިރާޤާއި ޔަމަނާއި ތުރްކީގައި ވަޒަންކުރުވާށެވެ. އަދި ޣައްޒާ އިސްރާއީލުގެ ބިމަކަށް ހަދާށެވެ. މިއީ ޢަރަބި ޤައުމުތައް ދެކޮޅު ހަދާ ކަމެކެވެ. އެމެރިކާއިން މަސައްކަތް ކުރަނީ މި ޤައުމުތަކަށް މާލީ އެހީތައް ދީގެން އެ ޤައުމުތައް ހައްލައިގެން އިސްރާއީލުގެ މި މަޤްޞަދު ޙާޞިލްކޮށްދިނުމަށް ޑީލްތަކެއް ހަދާށެވެ.



advertisment