Support Us

ޖަބާލިޔާ ފޭލިގެއަވަށުގައި އިސްރާއީލުން އައު ޤަތުލުޢާންމެއް ހިންގައިފި

އުތުރު ޣައްޒާގެ ޖަބާލިޔާ ފޭލިގެއަވަށުގައި އިސްރާއީލުން އައު ޤަތުލު ޢާންމެއް ރޭ ހިންގައިފިއެވެ.

މި ޤަތުލުޢާންމުގައި އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. މީގެ އިތުރަށް ޣައްޒާގެ ޚާންޔޫނުސްގެ ޤަރާރާ އަވަށުގެ ގެއަކަށް އިސްރާއީލުން ރޭ ބޮން އެޅުމުން 10 މީހުން ވަނީ ޝަހީދުވެފައެވެ.

ފަލަސްޠީނުގެ ރަސްމީ ޓީވީގެ ޓެލެގްރާމުން ސިފަކުރިގޮތުގައި އިސްރާއީލުން އުތުރު ޣައްޒާގެ ޖަބާލިޔާއަށް ދިން ބޮމުގެ ޙަމަލާއަކީ އައު ޤަތުލުޢާންމެކެވެ. އިސްރާއީލުން ބޮންއެޅުމުގެ ސަބަބުން ޝަހީދުވެފައިވާ މީހުން ވެއްޓިފައިވާ ގެތަކުގެ ދަށުން ނެރެމުންދިޔަ މަންޒަރުތައް ފެނިފައި ވެއެވެ.

މި ޓީވީ ބުނާގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ޖަބާލިޔާގެ ފޭލިގެއަވަށުގެ ބޯހިޔާވަހި ގޮޅިއަކަށް ބޮންއެޅީ ސޫރިޔާ ރެސްޓޯރެންޓް ކައިރީގައި ހުރި ގެތަކެއް ބިމާހަމަކުރާށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ޖަބާލިޔާ ސަރަޙައްދު އޮތީ އިސްރާއީލުގެ ޙަމަލާތައް ދެވެމުންދިޔަ ސަރަޙައްދުތެރެގައެވެ. 

މި ހުސްވި އޮކްޓޫބަރުމަހު އިސްރާއީލުން ޖަބާލިޔާ ގައި ވަނީ ޤަތުލުޢާންމެއް ހިންގައިފައެވެ. މި ޤަތުލުޢާންމުގައި ފަލަސްޠީނުގެ 400 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.

މީގެއިތުރަށް ފަލަސްޠީނުގެ މީޑިއާތައް ބުނާގޮތުގައި އިސްރާއީލުން ޚާން ޔޫނުސްގެ ޤަރާރާ ސަރަޙައްދުގެ ގެއަކަށް ރޭ ބޮންއެޅުމުގެ ސަބަބުން 10 މީހުން ވަނީ ޝަހީދުވެފައެވެ. 

އިސްރާއީލުން ޣައްޒާގެ ދެކުނު އަމާން ސަރަޙައްދަކަށް ހަދައިފައިވާ އިރުގައި ވެސް އިސްރާއީލުން ދަނީ ކޮންމެ ދުވަހަކުވެސް ދެކުނު ޣައްޒާއަށް ބޮންއަޅަމުންނެވެ. 

އިސްރާއީލުން މީގެ 41 ދުވަސްކުރިން ޣައްޒާއާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ވަނީ 11,500 މީހުން ޝަހީދުވެފައެވެ. އޭގެތެރޭގައި 4,710 ކުޑަކުދިންނާއި 3,160 އަންހެނުން ވެއެވެ. މީގެ އިތުރަށް 29,800 މީހުން ވަނީ ޒަޚަމުވެފައެވެ. މީގެ ތެރޭގައި ހިމެނޭ 70% އަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *