Support Us

ފުރަތަމަ 100 ދުވަސް: ޑރ. މުއިއްޒު ވިދާޅުވީ މަގުޗާޓުގެ އިތުރަށްވެސް ކަންކަން ހާސިލްވާނެ ކަމަށް

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވާ ކަންކަމުގެ އިތުރަށް ވެސް ކަންކަން ހާސިލްވެގެންދާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާދަމާ ފަށާ ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ހިމަނައިފައިވާ "ހަފްތާ 14″ ގެ ނަމުގައި ޕްލޭނެއް، ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ އިއުލާންކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ރިޔާސީ ކެންޕެއިންގައި ވިދާޅުވެފައިވާ ކަންކަމަކީ ހަމަ ޔަގީންނުން ވެސް ކޮށްދެއްވާނެ ކަންކަން ކަމަށެވެ.

"މި ތަނުގައި މި އި އިއުލާން ކުރެވުނު 14 ހަފުތާގެ ޕްލޭންގައިވާ ކަންކަމަށް ވުރެ ވެސް އިތުރަށް އިރާދަކުރެއްވިއްޔާ ކަންކަން ހާސިލްވެގެންދާނެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ކެންޕެއިންގައި ދެއްކި ހުރިހާ ވާހަކައެއް އަދި މެނިފެސްޓޯގައި ހިމެނިފައިވާ ހުރިހާ ކަމެއް އެއީ އަޅުގަނޑުމެން ފުރިހަމައަށް ރައްޔިތުންނަށްޓަކައި ހާސިލްކޮށްދޭނެ ކަންކަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ރިޔާސީ އިންތިހާބުގެ ތެރޭގައި ޑރ. މުއިއްޒު ދައްކަވައިފައިވާ ވާހަފުޅުތަކާއި ވައުދުތައް ހިމަނައިފައިވާ ފޮތެއް ވެސް ވަނީ އިފްތިތާހު ކޮށްދެއްވައިފަ އެވެ.

އެ ފޮތާ ބެހޭ ގޮތުން ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ގާތަށް ތާއީދު ހޯދުމަށް ވަޑައިގެންނެވީ ކެންޕެއިންކޮށް ރައްޔިތުން ތާއީދު ލިބިވަޑައިގެން ވެރިކަން ހާސިލްވުމުން ފިއްލަވަން ނޫން ކަަމަށާއި ރައްޔިތުން ކައިރީގައި ދެއްކެވި ކޮންމެ ވާހަކައެއް ކޮންމެ ކަމެއް އެ ފޮތުގައި ހިމަނުއްވާފައިވާނެ ކަމަށެވެ. އަދި އެ ކަންކަން އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރު ހިންގުމަށް އެކުލަވާލައްވާ ޓީމުން ކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރު ވާނީ އެއްވެސް ކަމެއް ނުފޮރުވާ ސަރުކާރަކަށް. ފޮރުވުމުގެ ބޭނުމެއް ވެސް ނެތް. ކޮން ކަމެއްތޯ ފޮރުވަން އޮތީ؟ ރައްޔިތުންނަށްޓަކައި ހިދުމަތް ކުރަން ރައްޔިތުން ސަރުކާރެއް ހޮވީމަ ދެން ފޮރުވަންޖެހޭ ކަމެއް ނޯންނާނެ. އެހެންވީމަ އެ ފޮތުން އެއޮތީ ދެއްކިހާ ހުރިހާ ވާހަކައެއް (ފެންނަން)،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ނަގާ ކޮޅަށް ޖައްސަވަން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އާމްދަނީ އިތުރުކުރެވި، ހަރަދުތައް ކުޑަކުރެވެމުންދާ މިންވަރަކުން "ހަފްތާ 14″ގައިވާ ގޮތަށް ކަންކަން ކޮށްދެއްވާނެ ކަމަށާއި އަދި ވިދާޅުވެފައިވާ އެހެނިހެން ކަންކަން ވެސް ކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.

ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް "ހަފްތާ 14″ގެ ފްލޭންގައި އެންމެ ފުރަތަމަ ހިމަނައިފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ މަސައްކަތާއި ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަށް އިޓްލޮސްއަށް މައްސަލަ ހުށަހެޅުން ހިމެނެއެވެ.

މީގެ އިތުރުން އެކިއެކި މަޝްރޫއުތައް ހިންގުމަށް ބޭރުގެ ގައުމުތަކާ އެކު ވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ރާއްޖޭގެ އިސްތިގުލާލާއި ސިޔާދަތަށް އުނިކަމެއް އަންނާނެހެން ހުރި ކަމެއް ވާނަމަ އެކަމެއް އެ އެއްބަސްވުމަކުން އުނިކުރުމުގެ މަސައްކަތް ހިމަނައިފައިވެ އެވެ. އަދި މިސްކިތްތަކުގެ ހާލަތު ރަނގަޅުކުރުމާއި ސްކޫލް ކުދިންނަށް ގައުމިއްޔަތާއި ދީނާއި ސަގާފަތް ކުރިއެރުވުމުގެ މަސައްކަތްތަކާއި ދިވެހި ގައުމީ ތަރިކަ އިޔާދަކުރުމުގެ މަޝްރޫއު އެކުލަވާލުމުގެ މަސައްކަތްތައް ވެސް ހިމަނައިފައިވެ އެވެ.

ޑރ. މުއިއްޒުގެ ވެރިކަމުގައި އެންމެ އިސް ކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ މަޝްރޫއު ކަމުގައިވާ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދުމަށް މިހާރަށްވުރެ ފަސޭހަ ގޮތްތައް ހިމަނާފައިވެ އެވެ.

ސިއްހީ ދާއިރާ އިން މި މަގުޗާޓުގައި ހިމަނާފައިވާ މަސައްކަތްތަކުގެ ތެރޭގައި އާސަންދައިން ލިބޭނެ އާ ހިދުމަތްތަކާއި އިސް ރަށްވެހިންނަށް އަޅާލައި އޯގާތެރި މުޖުތަމައެއް އެކުލަވައިލުމުގެ ގޮތުން އިޖުތިމާއީ މަރުކަޒުތައް ގާއިމްކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.

ޑރ. މުއިއްޒުގެ ސަރުކާރުގެ "ހަފްތާ 14″ މި ފްލޭންގައި ޖުމްލަ އަށް ދާއިރާއަކަށް ބަހައިލައިފައިވާ 161 ވައުދު ހިމަނާފައިވާއިރު ޑރ. މުއިއްޒު ރިޔާސީ ކެންޕެއިންގައި ދައްކަވައިފައިވާ މުހިންމު ވާހަކަފުޅުތަކާއި ވައުދުތައް ހިމެނޭ 953 ސޮފްހާގެ ގޮތުގައި ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ޑރ. މުއިއްޒު 153 ރަށަކާއި ފަސް ސިޓީއެއްގައި ދައްކަވާފައިވާ ވާހަކަފުޅުތަކާއި ފޮޓޯތައް ހިމަނައިފައިވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *