ޙަމާސުން އަސީރުކޮށްފައިވާ އިސްރާއީލު މީހުން މިނިވަންކުރުމަށް ޓަކައި މަސައްކަތް ކުރުމަށް ގޮވައިލާ އިހްތިޖާޖުތައް ތައްލު އަބީބުގައި ވަރަށް ފުޅައު ދާއިރާއެއްގައި އިއްޔެ ބާއްވައިފިއެވެ. ނޫސްވެރިން ސިފަކުރާ ގޮތުގައި މިއީ އެންމެ ފުޅައު ދާއިރާގައި މި ޙަރަކާތްތައް ބޭއްވުނު ފުރަތަމަ ފަހަރެވެ.
އިއްޔެ އިޙްތިޖާޖު ބާއްވައިފައި ވަނީ ދިފާޢީ ވުޒާރާގެ ކައިރީގައެވެ. އެތައް ހާސް ބަޔަކު ހަނގުރާމައާ އިދިކޮޅު ލިޔުންތައް ހިފައިގެން ކުރި މުޒާހަރާގައި "އަހުރެމެން ބޭނުންވަނީ ހަނގުރާމަ ހުއްޓަން" ކަމަށް ބުނާ ފޮތިގަނޑުތަކާއި "ހަނގުރާމައިގައި މޮޅުވާ މީހެއްނެތް" ކަމަށް ބުނާ ފޮތިގަނޑުތަކާއި "ޢަސްކަރީ ޙައްލެއް ނެތް" ކަމަށް ބުނާ ފޮތިގަނޑުތައް އުފުލައިފާ ވެއެވެ.
މި މުޒާހަރާގައި ބައިވެރިވި މީހަކު ހާ އާރްތިސް ދުވަހު ނޫހަށް ބުންޏެވެ. "ޢިއްޒަތްތެރި ބޮޑުވަޒީރެވެ! ކެބިނެޓްގެ މެންބަރުންނޭވެ! ހަނގުރާމައާ ބެހޭގޮތުން ވާހަކަނުދައްކާށެވެ! ޣައްޒާ ބިމާހަމަކުރަންޖެހޭ ވާހަކަ ނުދައްކާށެވެ! އަހުރެމެންގެ ބަފައިންނާއި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިން ގެއަށް ގެނެސްދޭށެވެ!"
އިއްޔެ ތައްލު އަބީބުގެ އިތުރަށް ޤުދުސާއި ބިއުރުއްސަބަޢާއި ޙައިފާއާއި އީލާތުގައި ހަނގުރާމައާ ދެކޮޅަށް މުޒާހަރާތައް ބޭއްވިއެވެ. އަޤްޞާ ޠޫފާނުގައި ޙަމާސުން އަސީރުކޮށްފައިވާ އިސްރާއީލު މީހުން މިނިވަންކުރުމަށް މުޒާހަރާގެ ބައިވެރީން ގޮވައިލިއެވެ. ޙަމާސުން 240 މީހުން އަސީރުކޮށްފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ. އެހެނަސް ޙަމާސުން ބުނާގޮތުގައި އެ ޢަދަދު އިސްރާއީލަކަށް ނޭނގޭނެއެވެ.އޭގެތެރޭގައި ޢަސްކަރީންނާއި މަދަނީން ހިމެނެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނާގޮތުގައި އިސްރާއީލުގެ ޖާސޫސީ އިދާރާ (މޯސާދު)ގެ ޑިރެކްޓަރު ޑޭވިޑް ބާރްނީޢު ދަނީ ޣައްޒާގައި ހިފަހައްޓައިފައިވާ މީޚހުންނާ ބެހޭގޮތުން ވާހަކަދެއްކުންތައް ބާއްވަމުންނެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާއަށާއި ދުނިޔޭގެ ޒަޢީމުންނަށް ގޮވައިލަމުންދަނީ އިސްރާއީލަށް ނުފިއްތައި އިސްރާއީލު ކުރަން ބޭނުންވާ ކަންތައް ކުރުމަށް ވަގުތު ދިނުމަށެވެ.
އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި އެމެރިކާއާއި ޤަޠަރުން ދަނީ ޣައްޒާގައި ވަގުތީގޮތުން ދެތިން ދުވަހަށް ހަނގުރާމަ ހުއްޓުމާބެހޭގޮތުން މަޝްވަރާތައް ކުރަމުންނެވެ. ޙަމާސުން ބުނާގޮތުގައި އަސީރުންގެ ބަޔަކު ދޫކޮށްލެވޭނީ ޣައްޒާއަށް އުނދަނަ ވެއްދުމަށް ހުއްދަދީ އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އަސީރުންގެ ތެރެއިން ޙަމާސުން ބުނާ ބަޔަކު ދޫކޮށްލާނަމައެވެ.
މި ވާހަކަތައް އަދިވެސް ދަނީ ކުރިއަށެވެ. ނިމުމަކާ ހަމައަށް ދެވޭނީ ހައެއްކަ ދުވަހުގެ ތެރޭގައި ކަމަށް ޚަބަރުތައް ބުނެއެވެ.



advertisment