ސިޔާސީ ޕާޓީތަކުގެ ވެރިން "އަމިއްލަ ފައިދާއަށް ވުރެ ބޮޑަށް އެންމެ ފުރަތަމަ ގައުމު އިސްކުރަންޖެހޭ" ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ޓީވީއެމްއިން ގެނެސްދޭ "ދިވެހީންގެރާއްޖެ" ޕްރޮގްރާމްގައި، 55 ވަނަ ޖުމްހޫރީ ދުވަހުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި މިއަދު ބައިވެރިވެވަޑައިގެންނަވާ ދެެއްވި އިންޓަވިއުއެއްގައެވެ.
ޑިމޮކްރެޓިކް ނިޒާމު ހިނގާ ތަހުޒީބުވެފައިވާ ގައުމުތަކުގައި ސިޔާސީ ޕާޓީ ނިޒާމު ހިންގާގޮތަށް ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގުމުގައި އަދިވެސް ދަތިތަކެއް އެބަހުރި ކަމަށާއި ރާއްޖޭގައި އެ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވާނީ ކޮން މަސައްކަތްތަކެއްތޯ ދެންނެވި ސުވާލަަކަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ ޕާޓީ ނިޒާމަކީ ރައްޔިތުންގެ ވަރަށް ބޭނުންވާ ނިޒާމެއް ކަމަށާއި ސިޔާސީ ޕާޓީތަކަށް ގުޅުމަށް ވެސް ރައްޔިތުންގެ ވަރަށް ޝައުގުވެރިވާ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ ގައުމު އެއީ ބުނެލާ ޖުމްލައަކަށް ހެދުމުގެ ބަދަލުގައި ޕާޓީތައް ހިންގާ ފަރާތްތަކުން ޕާޓީތަކުގެ މަސްލަހަތަށް ވުރެ ބޮޑަށް ގައުމުގެ އިސްކުރަންޖެހޭ ކަމަށެވެ.
"ޕާޓީތައް އުފައްދަނީ ކޮން ބޭނުމެއްގައިކަން ވިސްނާވަޑައިގެން ޕާޓީގެ މަސްލަހަތަށްވުރެ ބޮޑަށް ގައުމު މަސްލަހަތު އިސްކުރައްވާށޭ ކޮންމެ ބޭފުޅަކު ވެސް. އެކަމަށް އަަޅަންޖެހޭ ބާރެއް ވިއްޔާމުން އަޅުގަނޑު އިރާދަކުރެއްވިއްޔާ އަޅައިދޭން މަގުފަހިކޮށްދޭން ޖެހޭ ކަމެއް ވިއްޔާ މަގު ފަހިކޮށްދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ޒިންމާދާރުކަމާ އެކު ޕާޓީތައް ކުރިއަށް ގެންދާ ކަމުގައިވާ ނަމަ އެފަދަ ޕާޓީތަކަށް އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން އިންވެސްޓްކޮށްގެން އަމިއްލަ ފައިމައްޗަށްް ތެދުވެ ޕާޓީއަށް އާމްދަނީ ލިބޭނެ ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށެވެ.
"ޒިންމާދާރުކަމާ އެކު ކުރިއަށްދާން ޕާޓީތައް އޮތިއްޔާ ކޮށްދޭނަން. އެހެން ނުވަންޏާ ހަމަވާނީ ރައްޔިތުންނަށް ގެއްލުން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ރަނގަޅު ވާހަކައެއް ދައްކަންޏާ އަދި ސަރުކާރުން ރަނގަޅު ކަމެއް ކުރަންޏާ އެހީތެރިކަން ދިނުމަށާއި ސަރުކާރުން ކުރާ ކަމެއްގައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމެއް ކަމުގައިވާނަމަ އިދިކޮޅުން އެންމެ ރަނގަޅަށް އެކަންތައް ކުރައްވާނެ ގޮތް ރައްޔިތުންނަށް ހުށަހެޅުމަށް ވެސް ޑރ. މުއިއްޒު އެދިވަޑައިގެންނެވި އެވެ.
ޑރ. މުއިއްޒު ވަނީ ސެޕްޓެމްބަރު 30ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ބޭއްވެވި ބައްދަލުވުމުގައި ވެސް، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރުމަށް ތައްޔާރުވުމަށް މިހާރު ވެރިކަން ކުރަމުން ގެންދާ އެމްޑީޕީ ކިބައިން އެދިވަޑައިގެންފަ އެވެ.
ސިޔާސީ ޕާޓީ ނިޒާމު ހަރުހަދާ ކުރުމަށްޓަކައި ބޭރުގެ މާލީ އަދި ފަންނީ އެހީތެރިކަން ހޯއްދެވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ޑރ. މުއިއްޒު ހާމަކުރެއްވިއެވެ.



advertisment