އާ ސަރުކާރުގެ 22 ވަޒީރުންގެ ކެބިނެޓަށާއި ކުންފުނިތަކުގެ އެމްޑީންގެ މަގާމުތަކަށް ނަންގަވާފައިވާ އެއްވެސް ބޭފުޅަކު ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޓީވީއެމް އިން ގެނެސްދޭ "ދިވެހީންގެރާއްޖެ" ޕްރޮގްރާމްގައި، މިއަދު ފާހަގަކުރަމުންދާ 55 ވަނަ ޖުމްހޫރީ ދުވަހުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރު ހިންގުމަށް ކަނޑައަޅުއްވާފައިވާ ހުރިހާ ބޭފުޅުންނަކީ ވެސް އެމަނިކުފާނަށް ފުރިހަމަ ޔަގީންކަން އޮތް، ތެދުވެރި ބޭފުޅުން ކަމަށެވެ.
"ކޮރަޕްޝަނަށް ހަމަ ހަގީގަތުގައި ވެސް ނޫނެކޭ ބުނާނެ މި ސަރުކާރުން. ކެބިނެޓްގެ މެމްބަރެއް ވިޔަސް އެމްޑީއެއް ވެސް ފުރުސަތެއް ނުދެއްވާނެ. އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑު ނަގައިފައި މި ތިއްބެވި އެއްވެސް ބޭފުޅަކު ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރު ހިންގަން ބޭފުޅުން އައްޔަން ކުރެއްވުމުގައި ބައްލަވައިފައި ވަނީ ސާފު، ދެފުށް ފެންނަ، ހިންގުންތެރި ސަރުކާރެއް ހިންގޭނެ ފަދަ ގާބިލް ޓީމެއް އެކުލަވާލެއްވުމަށް ކަމަށެވެ. އަދި އެ ޓީމާ މެދު އެކި ފަރާތްތަކުން ދެކޭ ގޮތް ހާމަކުރެއްވިދާނެ ކަމަށާއި ނަމަވެސް ހަގީގަތާ އެއްގޮތަށް އެ ކަންކަން ހާމަކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި އާ ސަރުކާރުން ނަތީޖާ ނެރެދިނުމުގައި އެއްވެސް ބޭފުޅަކު ފެއިލްވާނަމަ އެ ކަންކަން އަޑުއައްސަވާނެ ކަމަށް ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އާ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެވެނޭ ފަަދަ ގާބިލް ޓީމަކަށް އެމަނިކުފާނުގެ ޓީމް ވެގެންދާނެ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ތެރޭގައި އެމަނިކުފާނު ވިދާޅުވި ފަދައިން އެމަނިކުފާނުގެ ކެބިނެޓް ވެގެންދާނީ ރައްޔިތުން ފަހުރުވެރިވާ ފަދަ ތައުލީމީ، ގާބިލް، ހިންގުންތެރި ކެބިނެޓަކަށް ކަމަށެވެ. އަދި އާއްމު ވެގެން އުޅޭ ކެބިނެޓްގެ ލިސްޓްގައިވާ މައުލޫމާތުތައް 95 އިންސައްތަ ދިމާވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އަންހެން ބޭފުޅުންނަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ފަދައިން ސަރުކާރުގެ ހަ ކުންފުންޏެއްގައި އަދި ކެބިނެޓްގައި ވެސް އަންހެން ބޭފުޅުން ހިމެނޭ ކަމަށެވެ. އެހެން ކަމުން މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ޓޮޕް މެނޭޖްމަންޓްގައި ހިމެނޭ ސަރުކާރަކަށް އެމަނިކުފާނުގެ ސަރުކާރު ވެގެންދާނެ ކަމަށެވެ.
ސަރުކާރުގެ ހިންގެވުމަށް ބޭފުޅުން ކަނޑައެޅުގައި ބައްލަވާފައިވާނީ އެބޭފުޅަކު ތައުލީމު ހާސިލްކުރައްވާފައިވާ ދާއިރާއަކަށް ނެގޭތޯ ނުވަތަ ހިންގުންތެރި، ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ނެންގެވުމަށް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"(ކެބިނެޓުގައި) ތައުލީމީ ގޮތުން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ނެތް ބޭފުޅަކު ނުހުންނަވާނެ. ޕީއެޗްޑީ ހޯލްޑަރުންގެ ގޮތުގައި ނުވަ ބޭފުޅުން ތިއްބަވާނެ. މާސްޓާޒް ހަތެއް ނުވަތަ އަށް ބޭފުޅުން ތިއްބަވާނެ. ތަޖުރިބާ އާއި ތައުލީމު ހާސިލްކޮށްފައިވާ ބޭފުުޅުން ވީވަރަކުން ހިމަނާފައިވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
އާ ސަރުކާގައި 22 މިނިސްޓްރީ އެއް ހިމެނޭނެ ކަަމަށާއި އެއީ ބައެއް މިނިސްޓްރީތައް ދެބައި ކުރުުމުން ވެފައިވާ އިތުރުވުމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް 700 އަށްވުރެ ސިޔާސީ މަގާމުތައް އިތުރު ނުކުރައްވާނެ ކަމަށާއި މިހާރު ހުރި ސަރުކާރުގެ އޮފީސްތައް ފިޔަވައި އެހެން އެއްވެސް ތާކުން އާ އިމާރާތެއް ޕްރައިވެޓް ސެކްޓާއިން ވެސް ސަރުކާރުން ހަރަދުކޮށްގެން ނުހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ހަރަދުތައް ވީހާވެސް ކުޑަކުރެއްވުމާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެވުމަކީ އާ ސަރުކާރުގެ އާމާޒު ކަަމުގައި ޑރ. މުއިއްޒު ވިދާޅުވި އެވެ.



advertisment