ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް މިދައުރުގެ ތެރޭގައި އިސްކަންދިން އެއްކަމަކީ، ރަށްރަށުގެ ބިން އިތުރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ބޯހިޔާވަހިކަމާއި ޚާރިޖީ ދާއިރާއިން އަދި މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން މިދައުރުގައި ކުރެވުނު ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ ތަކްލީފަށް ޙައްލު ހޯދުމަށް، މި ފަސް އަހަރު އިސްކަންދިން އެއްކަމަކީ، ރަށްރަށުގެ ބިން އިތުރުކުރުން ކަމަށާއި، މިގޮތުން ހުޅުމާލެ ފޭސް ތިނަކާ ގުޅީފަޅާ ގިރާވަރު ފަޅު އަދި އުތުރު ތިލަފަޅަކީ މާލެއަށް އޮތް ހައްލު ކަމަށެވެ. މީގެ އިތުރުން، މާލޭގެ ރައްޔިތުންނަށް ދޫކުރާ 9،031 ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން، 6،500 ވުރެ ގިނަ ފަރާތަށް ގޯތީގެ ފަތް ހަވާލުކުރެވިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް، މާލެ ސަރަހައްދުގައި 7،700 ފްލެޓް އަދި އަތޮޅުތަކުގައި 2،732 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނުކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚާރިޖީ ދާއިރާއިން މިދައުރުގައި ޙާޞިލްކުރެވުނު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެއްޓެވީ، ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާތައް ފާހަގަކުރައްވަމުންނެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމަށް ދިވެހިންކުރާ ތާޢީދު ދުވަހަކުވެސް ބަދަލު ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވި ފަސް އަހަރަކީ، ރާއްޖޭގެ ތާރީޚުގައި، ޚާރިޖީ ގުޅުން، ބައިނަލްއަޤްވާމީ ދުނިޔެއާ އެންމެ ބޮޑަށް ބަދަހިކުރެވުނު ފަސް އަހަރު ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ގުޅުމާ ޑިޕްލޮމެޓިކް ފުޓްޕްރިންޓް ދުނިޔޭގެ 185 ގައުމަށް ފުޅާކުރެވި، 101 ގައުމަށް ވިސާނެތި ދިވެހިންނަށް ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އ.ދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ބެލެހެއްޓުމަކީވެސް މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން މިދައުރުގައި ކުރެވުނު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވަމުންދާ ނުރައްކަލަކީ ދެބަސްވެވެންނެތް ހަޤީޤަތެއް ކަމަށެވެ. އަދި ތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ދުނިޔޭގެ އިސް ސަފުގައި ބަސްބުނެ ކަންކަން ނިންމުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމަކަށް މިއަދު ވެފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



advertisment