Support Us

ޣައްޒާއާ ބެހޭ ދެ ސަމިޓެއް ރިޔާޟުގައި

އިސްރާޢީލުން ޣައްޒާއަށް ދެމުންގެންދާ ޢުދްވާނާ ބެހޭގޮތުން މަޝްވަރާކޮށް ޣައްޒާގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރުމަށް ޓަކައި ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ދެ ސަމިޓެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ފުރަތަމަ ސަމިޓަކީ އަރަބި ޤަމުތަކުގެ ސަމިޓެވެ. މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުއެވެ. ދެވަނަ ސަމިޓަކީ އިސްލާމީ ޤައުމުތަކުގެ ސަމިޓެވެ. މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

ރިޔާޟުގައި ބޭއްވޭ ޢަރަބި ސަމިޓަކީ ފަލަސްޠީނާއި ސުޢޫދިޔާއިން އެދިގެން ބާއްވާ ސަމިޓެކެވެ. މިއީ 77 އަހަރުގެ ތެރޭގައި ބޭއްވޭ 51ވަނަ އަރަބި ސަމިޓެވެ. މީގެ ތެރޭގައި 14 ކުއްލި ސަމިޓް ހިމެނެއެވެ.

އިސްލާމީ ސަމިޓް

އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ސަމިޓްގައި މި ޖަމްޢިއްޔާގެ 57 މެންބަރު ޤައުމު ބައިވެރިވާނެއެވެ.

ކުއްލި މި ސަމިޓުތަކުގައި މަޝްވަރާކުރެވޭނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ޢުދްވާނާ ބެހޭގޮތުންނެވެ.

އިސްލާމީ ކުއްލި ސަމިޓުގައި ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާނާއި އީރާނުގެ ރައީސް އިބްރާހީމު ރައީސީއާއި މިޞްރުގެ ރައީސް ސީސީއާއި އުރްދުންގެ ރަސްގެފާނު ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް އުރްދުޣާން އުޒްބަކިސްތާނުން ޤައުމަށް އިއްޔެ އެނބުރިވަޑައިގަންނަވަމުން މަތިންދާބޯޓުގައި ނޫސްވެރީންނާ ބައްދަލުކުރައްވަމުން ވިދާޅުވިގޮތުގައި "ރިޔާޟުގެ ޤަރާރުތައް އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށް ޓަކައި އެޅޭ ވަރަށް ބޮޑު ފިޔަވަޅަކަށް ވެގެންދާނެއެވެ."

އިސްރާއީލުގެ ނުބައި ރޭވުންތަކުގެ ތެރޭގައި ފަލަސްޠީނު މީހުން ޣައްޒާއިން ބޭރުކޮށް ޔަހޫދީން އެތާނގައި ވަޒަންވެރިކުރުވުން ވެއެވެ. މިއީ މިޞްރާއި އުރްދުން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ. މި ސަމިޓްގައި ފަލަސްޠީނު މަސްއަލަ ޙައްލުކުރުމާ ބެހޭގޮތުން އިސްލާމީ ސަމިޓުތަކުންނާއި ޢަރަބި ސަމިޓުތަކުން ނިންމައިފައިވާ ޤަރާރުތައް އަލުން ކަށަވަރުކޮށްދޭނެއެވެ.

ގިނަ ޤައުމުތައް ޤަބޫލުކުރާގޮތުގައި ފަލަސްޠީނު މަސްއަލައަށް އޮތް އެންމެ ރަނގަޅު ޙައްލަކީ 1967ގެ ސަރަޙައްދުގައި ދެ ދައުލަތް ޤާއިމުކުރުމުގެ ޙައްލެވެ.މި ނިންމުމަށް އިސްރާއީލު ތާއީދެއް ނުކުރެއެވެ. އަދި މަސައްކަތް ކުރަމުންދަނީ މި ޙައްލާ ހަމައަށް ވާޞީލުވުން މަނާކުރުމަށެވެ.

އުރްދުޣާން އީރާނުގެ ރައީސާއެކު ޣައްޒާ މަސްއަލައާމެދު މަޝްވަރާކުރެއްވުން

އުޒްބަކިސްތާނުގެ ވެރިރަށް ޠަޝްޤަންދުގައި ބޭއްވުނު އިޤްތިޞާދީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ސަމިޓުގެ ހަވާސާގައި އުރްދުޣާން އިރާނުގެ ރައީސް އިބްރާހީމު ރައީސީއާ ބައްދަލު ކުރައްވައި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ބިރުވެރި ޢުދްވާނާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އިސްރާއީލުން ޣައްޒާއަށް މެދުނުކެނޑި ޙަމަލާތައް ދެމުންދާތތާ 35 ދުވަސް ވެއްޖެއެވެ. އުރްދުޣާންފަދަ ޒަޢީމުން ސިފަކުރައްވާ ގޮތުގައި އެއީ ޚަރާބުކުރަނިވި ޢުދްވާނެކެވެ. ތުރްކީގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއް ބުނާގޮތުގައި އުރްދުޣާނާއި ރައީސީ މަޝްވަރާކުރެއްވީ ޣައްޒާއަށް އިސްރާއިލުން ދެމުންދާ ޢުދްވާނުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނާ ކުރިމަތިވެފައިވާ އިންސާނީ ދަތިތަކާ ބެހޭގޮތުންނެވެ. އިސްރާއީލުން ވަނީ ޣައްޒާއިން ފެނާއި ކަރަންޓާއި ހަކަތައާއި އުނދަނަ ކަނޑައިލައިފައެވެ. އަދި ޣައްޒާގެ ބިނާރުތައް ވަނީ ފުޑުފުޑުކޮށް ބިމާ ހަމަކޮށްފައެވެ. މީގެއިތުރަށް އިސްރާއީލުން ދަނީ ހަސްފަތާލުތަކަށާއި ޞިއްޙީ މަރްކަޒުތަކަށް ބޮންއަޅައި އެތަންތަން ޚިދްމަތްދިނުމުގައި ނުކުޅެދުންތެރި ކުރުވަމުންނެވެ.

އުރްދުޣާން ވިދާޅުވިގޮތުގައި އިސްރާއީލަށް މި ހަނގުރާމަ ހުއްޓުމަށް މަޖުބޫރުކުރުމަށް ޓަކައި އިސްލާމީ ދުނިޔެއިން ގުޅިގެން ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ.

އޭނާ އިތުރަށް ވިދާޅުވިއެވެ. "ސުޢޫދީ ޢަރަބިއްޔާގައި ބޭއްވޭ އިސްތިސްނާއީ ސަމިޓުން ފަލަސްޠީނުގެ މަސްއަލައަށް ޢަދްލުވެރި ޙައްލެއް ގެނައުމަށް ޓަކައި ޤަރާރުތަކެއް ކަނޑައަޅަންވާނެއެވެ."

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޢުދްވާނުގެ ސަބަބުން ޣައްޒާއިން ވަނީ 10 ހާސް 812 މީހުން ޝަހީދުވެފައެވެ. އޭގެތެރޭގައި 4412 ކުޑަކުދިންނާއި 2،918 އަންހެނުން ހިމެނެއެވެ. މީގެ އިތުރަށް އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ ހަ ހާހަށްވުރެ ގިނަ ބަޔަކު ރަހީނުކޮށްފައި އެބަ ތިއްބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް