ޣައްޒާގެ ރައްޔިތުންގެ ތެރެއިން މިލިޔަނެއްހާ މީހުން ޣައްޒާގެ އުތުރުން ދެކުނަށް ފޭބުމަށް އެންގުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށް، އެކަށީގެންވާ ބޯހިޔާވަހިކަމުގެ ޙައްޤާ ބެހޭ އދގެ މުޤައްރިރު ބާލަ ކްރިޝްނަން ރާޖަ ގޯޕާލް ވިދާޅުވެއްޖެއެވެ.
އިސްރާއީލުން ޙިޞާރުކޮށްފައިވާ ޣައްޒާއަށް މެދުކަނޑައި ނުލައި ދެމުންދާ ޙަމަލާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ މިއަދު ވިދާޅުވިގޮތުގައި "ޢާންމުންގެ ބޯހިޔާވަހިތަކާއި ބިނާރުތައް ހަލާކުވެގެންދާނެކަން އެނގިހުރެ ޙަމަލާ ދިނުމަކީ ޙަނގުރާމައިގެ ޖަރީމާއެކެވެ."
މީސްތަކުންގެ ޙަޔާތަށް އެ ކަމުގެ ނުބައި އަސަރު ފޯރާ ގޮތަށް ބިނާރުތަކާއި ބޯހިޔާވަހިތަކަށް އަމާޒުކޮށް ދެމުންގެންދާ ބިރުވެރި ޙަމަލާތައް ހުއްޓުވުމަށް ޓަކައި ދުނިޔެ ޙަރަކާތްތެރިވުން ޟަރޫރަތަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން ޣައްޒާގެ ހަކަތައާ ބެހޭ ރަސްމީ އިދާރާ ބުނާގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ކަރަންޓު ވިއުގައިގެ 70% ވަނީ ހަލާކުވެފައެވެ. މި އިދާރާގެ ރައީސް ޖަލާލު އިސްމާޢީލު ހާމަކުރެއްވި ގޮތުގައި މި ގެއްލުންތަކަކީ 80 މިލިއަން ޑޮލަރުގެ ގެއްލުންތަކެކެވެ.
އިސްރާއީލުން ވަނީ ޣައްޒާއިން ފެނާއި ކަރަންޓާއި ހަކަތައާއި ބޭސްފަރުވާގެ ހުރިހާ ވަސީލަތްތަކެއް އެކަށް ކަނޑައިލައިފައެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި ޣައްޒާއަށް ދުވާލަކު 550 މެގަވޯޓުގެ ކަރަންޓު ބޭނުންވެއެވެ.



advertisment