Support Us

ތަރިކަ ރައްކާތެރިކުރުމާ ބެހޭ ޔުނެސްކޯ މުއާހަދާގައި ސޮއިކުރަން މަޖިލީހުގެ ލަފާ ހޯދަން ނިންމަވައިފި

ތަރިކަ ރައްކާތެރިކުރުމާ ބެހޭ ޔުނެސްކޯގެ މުއާހަދާގައި ސޮއިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

"ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިންގ އެންޑް ޕްރިވެންޓިންގ ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓު އެންޑް ޓްރާންސްފަރ އޮފް ކަލްޗަރަލް ޕްރޮޕަޓީ" މުޢާހަދާއަކީ ސަގާފީ އަދި އާސާރީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި އެ ތަކެތި ރައްކާތެރިކުރުމުގެ ބާރު ލިބިދޭ ގޮތަށް އެކުލަވާލައިފައިވާ މުޢާހަދާއެކެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ދާރުލްއާސާރުތަކާއި އަރުޝީފުތަކުގައި ހުރި ކަމުގެ މަޢުލޫމާތުތައް ލިބެމުންދާއިރު މިގޮތަށް ގެންދެވޭ ކޮންމެ އެއްޗަކާއެކު ދިވެހީންގެ އެތައް ތަރިކައެއް ނެތިގެންދެއެވެ. އަދި، ތާރީޚް ދިރާސާކުރެވޭނެ ގޮތްތައް ގެއްލިގެންދެއެވެ. އެހެންކަމުން، ސަގާފީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމުކަމެއް ކަމުގައި ވެސް ރައީސް އޮފީހުން ބުނެއެވެ.

މި މުޢާހަދާގައި 143 ޤައުމުން ސޮއިކޮށްފައިވާއިރު، ދިވެހިރާއްޖެއިން މި މުޢާހަދާގައި ސޮއިކުރުން ވެގެންދާނީ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަކަށް ކަމުގައި ވެސް ކަމުގައި ވެސް ރައީސް އޮފީހުން ބުނެއެވެ. އަދި، އޮންނަ އުސޫލާއި ހަމަތަކުގެ މަތިން، ޤާނޫނާ ޚިލާފަށް ގެންގޮސްފައިވާ އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް އަނބުރާ ރާއްޖެއަށް ގެނެވޭނެ މަގުވެސް ފަހިވެ، އެ ތަކެއްޗާއި ލިޔެކިޔުންތަކުގެ ދަފުތަރު ބެލެހެއްޓުމަށް މި މުޢާހަދާގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ވެސް މި ކަންކަމުގައި ޔުނެސްކޯގެ ފަންނީ އެހީތެރިކަން ލިބުމަށް ބާރަކަށް ވެސް ވެގެންދާނެ ކަމަށާއި ހަމަ އާއެކު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު އަދި، މި ޤާނޫނާ ގުޅިގެން އާންމުކޮށްފައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމަކަށް މިކަންވެގެންދާނެ ކަމުގައި ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *