ޣައްޒާގައި އުރްދުނު ހަދައިފައިވާ މައިދާނީ ހަސްފަތާލަށް ވައިގެ މަގުން ރޭ ބޭސްފަރުވާގެ އެހީ ފޮނުވައިފިކަން އުރްދުންގެ ރަސްގެފާނު ޢަބްދުﷲ (2 ވަނަ) މިއަދު އިޢުލާން ކުރައްވައިފިއެވެ.
އުރްދުންގެ ރަސްގެފާނު އެކްސް މަންސާގައި ޝާއިޢު ކުރެއްވި ޚަބަރެއް ބުނާގޮތުގައި "ﷲގެ ވާގިފުޅާ ލައިގެން އަހުރެމެންގެ ވައިގެ ސިފައިން ރޭ ޣައްޒާގެ މައިދާނީ ހަސްފަތާލަށް ބޭހާއި ފަރުވާ ފޯރުކޮށްދީފިއެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެމެން ފަލަސްޠީނުގެ އަޚުންނާއި އުޚްތުންގެ ވާގިވެރިން ކަމުގައި ވާނަމެވެ."
އުރްދުންގެ ރަސްމީ ނޫސް އޭޖެންސީ ބަތުރާ ބުނިގޮތުގައި ރަސްގެފާނުގެ އަމުރުފުޅަށް ވައިގެ ބާރުތަކުން ވައި ކުޑައިގެ ޒަރީޢާއިން ޣައްޒާގެ މައިދާނީ ހަސްފަތާލަށް ބޭނުންވާ އަވަސް އެހީއާއި ބޭސް ވަނީ ރޭ ފޯރުކޮށްދީފައެވެ.
އިސްރާއީލުން ޣައްޒާ ތަޅުލައި ކަރަންޓައި ފެނާއި ހަކަތައިން އެ ސަރަޙައްދު މަޙްރޫމު ކުރުމުގެ ސަބަބުން ޣައްޒާ ވަނީ ބަނޑަށްޖެހިފައެވެ. މީގެ އިތުރަށް އިސްރާއީލުން ދެމުންދާ ޢުދްވާނީ ޙަމަލާތަކުގައި މިސްކިތެއް ހަސްފަތާލެއް މަދުރަސާއެއް ތަފާތު ނުކޮށް ބޮން އަޅަމުންދާތީ ހަސްފަތާލުތައް ވަނީ ހަލާކުވެފައެވެ. ޒަޚަމުވަމުންދާ މީހުން ގިނަކަމުން ފަރުވާ ދިނުމަށް ވަނީ ނުކުޚެދުންތެރިވެފައެވެ.
ޣައްޒާގައި އުރްދުންގެ މައިދާނީ ހަސްފަތާލެއް ޤާއިމު ކުރީ 2009 ވަނަ އަހަރުއެވެ. މިއީ އުރްދުންގެ ޢަސްކަރިއްޔާއަށް ތަބާވާ ހަސްފަތާލެކެވެ. މި ހަސްފަތާލުގައި ދުވާލަކު ދެހާހެއްހާ މީހުން ބަލައި ފަރުވާ ދެއެވެ. މި ހަސްފަތާލުގައި މަސައްކަތްކުރާ ޑަކްޓަރުންނާއި ފަންނީ މުވަވައްޒަފުން ތިން މަހަކުން ތިން މަހަކަން ބަދަލުކުރެއެވެ. މި ހަސްފަތާލުން ހުރިހާ ޚިދްމަތެއް ދެނީ މުޅިން ހިލެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ޢުދްވާނު ކުށްވެރިކޮށް އުރްދުނުން ވަނީ އިސްރާއީލުގައި ހުންނަވާ އެ ޤައުމުގެ ސަފީރު ޤައުމަށް އަނބުރާ ގެނެސްފައެވެ. އަދި އުރްދުންގައި ހުންނަ އިސްރާއީލު ސަފީރަށް ވަނީ އުރްދުނުން ބޭރަށް ދިޔުމަށް އަންގައިފައެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވަޒީރު ކައިލާ ވިދާޅުވާ ގޮތުގައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ޣައްޒާގައި 24 ހާސް މީހުން ޒަޚަމުވެފައި އެބަ ތިއްބެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޣައްޒާގައި ހުރި ބޭސްފަރުވާގެ ޚިދްމަތްދޭ 72 ކުލިނިކުގެ ތެރެއިން 51 ތަން ވަނީ އިސްރާއީލުން ހަލާކުކޮށްލައިފައެވެ. ޣައްޒާގެ ބޮޑެތި ހަސްފަތާލުތަކަށް ވަނީ ބޮންއަޅައި ޚިދްމަތް ދިނުމަށް ނުކުޅެދުންތެރިކުރުވައިފައެވެ.
އޭނާ ބަޔާންކުރެއްވި ގޮތުގައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ޣައްޒާގައި 150 ޞިއްހީ ކާދިރުން ވަނީ ޝަހީދުވެފައެވެ. އަދި 27 އެންބިޔުލެންސާއި 16 ހަސްފަތާލާއި ޞިއްހީ ފަރުވާދޭ 32 މަރްކަޒެއް ވަނީ ހަލާކުކޮށްލައިފައެވެ.



advertisment