Support Us

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީ.އެން.ސީގެ ޗެއާޕާސަން އަބްދުއްރަހީމު އަބްދުﷲ "އަދިވެސް" އަށް އިންޓަވިއު ދެއްވަނީ... -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

އަދުރޭ ވިދާޅުވީ ރައީސް ޔާމީނާ ގުޅުން ރަނގަޅު ކަމަށް، އަބަދުވެސް ވަފާތެރިވާނެ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު މިހާރު ވެސް ގުޅުން ރަނގަޅު ކަމަށާއި އަބަދުވެސް ރައީސް ޔާމީނަށް ވަފާތެރިވެވަޑައިގެން ހުންނަވާނެ ކަމަށް އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީ.އެން.ސީގެ ޗެއާޕާސަން އަބްދުއްރަހީމު އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

"އަދިވެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަބްދުއްރަހީމު ވިދާޅުވީ ސިޔާސީ ހަޔާތަށް އޭނާ ނުކުމެވަޑައިގެންނެވީ ވެސް ރައީސް ޔާމީނާ އެކުގައި ކަމަށާއި މިހާތަނަށް ސިޔާސީ އެހެން ލީޑަރަކާ އެކު މަސައްކަތް ކުރައްވައިފައިނުވާނެ ކަމަށެވެ.

އަބްދުއްރަހީމަކީ ރައީސް ޔާމީނާ ސިޔާސީ ގޮތުން އެންމެ ގާތް ބޭފުޅާއަށް ވާއިރު ޑރ. މުއިއްޒާއި ރައީސް ޔާމީނާ ކުރެން އަބްދުއްރަހީމުގެ ލޯޔަލްޓީ ދެން އޮންނާނީ ކޮން ބޭފުޅަކަށްތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ތާއީދާ އެކު ކަމަށާއި މިހާރު މި ފެށެނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް ކަމަށެވެ. އަދި "މި ސަރުކާރު ދަމަހައްޓަން ކުރެވުނު ކަމެއް ވެއްޖެއްޔާ ކުރާނަން" ކަމަށެވެ. އަދި އަބަދުވެސް ރައީސް ޔާމީނަށް ވަފާތެރިވެވަޑައިގެން ހުންނަވާނެ ކަމަށެވެ.

"ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން، ވެރިކަން ނިމުނީމަ މިި ދިމާވި ހުރިހާ ކަމެއްގައި (ޖަލަށް ވަޑައިގެންނެވި ހިސާބުން) އެންމެ އިތުބާރު ކުރައްވާފަ ދެ ޕާޓީ ހިންގަން ވެސް ހަވާލުކުރެއްވީ ވެސް އަޅުގަނޑާ. އެހެންވީމަ މިދިޔަ މުއްދަތުގައި ރައީސް ޔާމީން އެދިވަޑައިގެންނެވި ހުރިހާ ކަމެއް އެދިވަޑައިގެންނެވި ގޮތަކަށް ޕާޓީގައި ކޮށްފައި ހުންނާނީ. ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދާ ނުލައި އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އަޅުގަނޑަށް މިއަދު ސިޔާސީ ގޮތުން ކުރިއެރުމެއް ލިބުނު ކަމަށް ވަންޏާ ލިބިފައި އޮންނާނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ލިބުނު ތަޖުރިބާގެ އަލީގައި. އެ ތަޖުރިބާ ބޭނުންކޮށްގެން މަސައްކަތްކުރީމަ،" އަބްދުއްރަހީމް ބުދަ ދުވަހު ވިދާޅުވި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީ.އެން.ސީގެ ޗެއާޕާސަން އަބްދުއްރަހީމު އަބްދުﷲ "އަދިވެސް" އަށް އިންޓަވިއު ދެއްވަނީ… -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް 11 އަހަރުގެ ޖަލު ހުކުމެއްގައި ރައީސް ޔާމީން ހުންނަވަނިކޮށް، ޑރ. މުއިއްޒު ރައީސް ކަމަށް އިންތިހާބުވުމާ އެކު މާފުށީ ޖަލުން ގޭބަންދަށް، އަދި ފަހުން ރަށުބަންދަށް ބަދަލުކުރި ފަހުން ޕީޕީއެމްގެ އޮފީހުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ދެ ބައްދަލުވުމެއް ބޭއްވެވި އިރުވެސް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ފެނިފައިނުވާތީ އެކި ފަރާތްތަކުން ދަނީ ތަފާތު ގޮތްގޮތަށް ވާހަކަދައްކަމުންނެވެ.

އެކަމާ ބެހޭގޮތުން ސުވާލު ދެންނެވުމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމް އޮފީހުގައި ބޭއްވެވި ބައްދަލުވުންތަކުގައި ލީޑަޝިޕްގެ ބޭފުޅުން ނުފެނުނީ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. ރައީސް ޔާމީން ފުރަތަމަ ބައްދަލުވުން ބޭއްވެވި ރެއަކީ އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ބޭއްވެވި ރޭ ކަމަށާއި ޕާޓީގެ އިސް ބޭފުޅުން އުޅުއްވީ އެތަނުގައި ކަމަށެވެ. އަދި ދެވަނަ ބައްދަލުވުން އޮތް ރޭ ޑރ. މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގަންނަވާތީ އެއާޕޯޓަށް ވަޑައިގަންނަވަން ޖެހުނީ ކަމަށެވެ. އަދި ލީޑާޝިޕްގެ ބޭފުޅުންނަށް އެރޭ ޕޯޑިއަމަށް އެރެން ނެތީމަ އެހެން ބޭފުޅުންނާ އެކު ބައްދަލުވުން ކުރިއަށް ގެންދަވަން ރައީސް ޔާމީން ބޭނުންފުޅުވީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ލީޑަޝިޕްގެ ބޭފުޅުން ރައީސް ޔާމީނާ ބައްދަލުކުރި ރޭގެ ކުރީ ރޭ ވެސް ބައްދަލުކޮށް ދެ ގަޑި ތިން ގަޑިއެއްހާއިރު އަޅުގަނޑުމެންގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު. ރޭގައި (ބުދަ ދުވަހުގެ ރޭ) ނެރުނު ނޫސްބަޔާނަކީ ވެސް ރައީސް ޔާމީނާ މަޝްވަރާކޮށްފައި ޕްރައިމަރީއެއް ބާއްވާނެ ތާރީހާއި ހުރިހާ އެއްޗެއް ކަަނޑައަޅާ އެއްބަސްވެގެން ނެރުނު ނޫސްބަޔާނެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޑރ. މުއިއްޒުގެ ވެރިކަން ވެގެންދާނީ ރައްޔިތުން އެދޭ ފަދަ ވެރިކަމަށް ކަމަށާއި ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް ދަމަހައްޓައި ގައުމިއްޔަތަށް އިސްކަންދޭނެ އަދި ދިވެހި ރާއްޖޭގެ ތާރީހާއި ސަގާފަތަށް ހާއްސަ ސަމާލުކަމެއް ދޭނެ ސަަރުކާރަކަށް ކަމަށެވެ. އޭގެ އިތުރުން ޑރ. މުއިއްޒުގެ ސަރުކާރު ވެގެންދާނީ މިހާތަނަށް ރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ސަރުކާރަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *