23:40
ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް 11 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު، މާލޭ ބަންދަން މިރޭ ބަދަލުކޮށްފިއެވެ. މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގޭބަންދަން ބަދަލުކޮށްފައިވާ ރައީސް ޔާމީން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅުއްވޭ ގޮތަށް ބަދަލުކުރީ މިރޭ 9.45 ހާއިރު ކަމަށް އިތުބާރު ހުރި މަސްދަރަކުން "އަދިވެސް" އަށް ވަނީ ކަށަވަރުވެފައެވެ.
މި ކަމާ ބެހޭ ގޮތުން ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް އިން ވެސް އަދި ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ވެސް މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ރައީސް ޔާމީން ހ. ދޫވެއްސަށް ބަދަލުކުރީ، ސެޕްޓެމްބަރު 30ގެ ރިޔާސީ އިންތިހާބު ޑރ. މުހައްމަދު މުއިއްޒު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ދުވަސް ނޫން އަނެއް ދުވަހުއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، ދެއްވި ފުރަތަމަ މީޑިއާ ބަޔާނުގައި ޑރ. މުއިއްޒު ވަނީ ގައުމުގެ މަސްލަހަތަށްޓަކައި ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ރައީސް ސޯލިހު އަރިހުގައި އެދިވަޑައިގެންފައެވެ. އެއާއެކު ރައީސް ޔާމީން ގެއަށް ބަދަލުކުރީ ޖެހިގެން އައި ދުވަހުއެވެ.
ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ރައީސް ޔާމީން ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް 11 އަހަރަށް ޖަލަށް ލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވުނީ އެހެންވެގެންނެވެ. އިދިކޮޅުން ބުނަމުން އަންނަނީ މިއީ ފަނޑިޔާރުގެއަށް ރައީސް ސޯލިހުގެ ސަރުކާރު އަތްބާނައިގެން ރައީސް ޔާމީންގެ މައްޗަށް އިއްވައިފައިވާ "ހަރާންހުކުމެއް" ކަމަށެވެ.
އޭގެ ކުރިން، 2019 ވަނަ އަހަރު ވެސް ރައީސް ޔާމީން ވަނީ ރިޝްވަތުގެ މައްސަލައެއްގައި ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލައިފައެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް ރައީސް ޔާމީން މިނިވަންކޮށްފައެވެ.
މި ދެ ހުކުމުގައި ރައީސް ޔާމީން ވަނީ މާފުށީ ޖަލުގައި 1،049 ދުވަސް ހޭދަކުރައްވައިފައެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހޭދަކުރެއްވި އެންމެ ދިގު މުއްދަތެވެ.



advertisment