ކުރިއަށް އޮތް ގަޑިތަކުގައި (މުޤާވިމާ ޖަމާޢަތްތަކުން) ރެސިސްޓެންސް ބާރުތަކުން އިސްވެ ފިޔަވަޅެއް އަޅައިފާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން އީރާނުގެ ރަސްމީ ޓީވީގައި ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އަޅައި ކޮންމެ ފިޔަވަޅެއްގެ ހިތި ނަތީޖާ އިސްރާއީލަށް ނުފެނިނުދާނެތެވެ.
ޢަބްދުﷲޔާން ވިދާޅުވިއެވެ. " ޞިހްޔޫނީ ނިޒާމުން ޣައްޒާގައި ބޭނުންވާ ގަނޑު ގަންނާން މުޤާވިމާގެ އިސްވާރުން އެމީހުން ދޫކޮށެއް ނުލައްވާނެއެވެ. ހުރިހާ ޚިޔާރުތަކެއް އޮތީ މޭޒުމަތީގައެވެ. ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޞިހްޔޫނީ ބާރުތަކުން އަރައިގަންނަމުންދާ ޖަރީމާތަކަށް އަރައިގަންނަން އަހުރެމެން އެމީހުން ދޫކޮށެއް ނުލާނަމެވެ."
އީރާނުގެ ވަޒީރު ވިދާޅުވިގޮތުގައި "ޢަރަބިލީގުން މާދަމާ ރަގަނޅު ނިންމުންތަކެއް ނިންމާނެ ކަމަށް އުންމީދު ކުރަމެވެ. އީރާނުން މި ކަން މިޞްރަށް ވެސް ވާނީ އަންގައިފައެވެ. އީރާނުގެ ވަޒީރު ވިދާޅުވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާ ވަނީ އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމާ ވަރަށް ކައިރިވެފައެވެ. އެހެނަސް އެކަމުގެ ސަބަބުން ސުޢޫދީ އިޤްތިޞާދަށް ކުރާނެ ނުބައި އަސަރު ފެނުމުން ސުޢޫދީ ޢަރަބިއްޔާއަށް ވަނީ ސަރަޙައްދީ އަމްނު ގެއްލުމުގެ އަސްލަކީ ޞިހްޔޫނީ ފާރުގަނޑުކަން އެނގިފައެވެ."
އޭނާ އިތުރަށް ވިދާޅުވިއެވެ. "އިސްރާއީލުން ޠަހަރާނުގެ މަގުތައް މަތީގައި އީރާނުގެ ޢިލްމުވެރިން ޤަތުލުކުރަމުންދާއިރު މި ކެންސަރު ފާރުގަނޑާމެދު އަހުރެމެން ނުވިސްނުމަށް ތިޔަބައިމީހުން އެދެނީ ކީއްވެގެން ހެއްޔެވެ؟" އޭނާ ވިދާޅުވިއެވެ. "މުޤާވިމާގެ ސަރަޙައްދުގައި އިސްރާއީލުން ހަނގުރާމަ ކުރަމުންދާނަމަ ޞިހްޔޫނީ ނިޒާމުގެ ސިޔާސީ އަދި ޖޯގުރަފީ ޗާޓަށް ބަދަލު އަންނާނެއެވެ."
އޭނާ ވިދާޅުވިގޮތުގައި "އަހުރެމެން މުޤާވިމާގެ ވާހަކަ ދައްކާއިރު އެއީ ހަމައެކަނި ޙިޒްބުﷲއެއް ނޫނެވެ." އިސްރާއީލާ ދެކޮޅަށް އީރާނުން ހަނގުރާމައަށް ވަދެދާނެތޯ ދެންނެވުމުން ޢަބްދުﷲޔާން ވިދާޅުވިއެވެ. "މުޤާވިމާގެ ޖަމާޢަތްތަކަށް އަމުރު ކުރަނީ އަހުރެމެންނެއް ނޫނެވެ.އެހެނަސް އެ މީހުން ފިޔަވަޅުތައް އަޅަނީ އެމީހުން އަމިއްލައަށެވެ. އިސްރާއީލު ހަނގުރާމަ ހުއްޓައިނުލައިފިނަމަ އިތުރު މައިދާންތައް ހުޅުވިގެންދާނެއެވެ."
އޭނާ ވިދާޅުވިއެވެ. "މިއަދު އަހުރެމެން ޣައްޒާ ދިފާޢު ނުކޮށްފިނަމަ އަހުރެމެންގެ ހަސްފަތާލުތަކަށް މާދަމާ މުޢާމަލާތު ކުރަން ޖެހޭނީ އިސްރާއީލުގެ ފޮސްފޯރު ބޮންތަކާއެވެ."
ރައީސީ ޕޫޓިނާ ގުޅުއްވުން
އަނެއްކޮޅުން އީރާނުން ބުނާގޮތުގައި އީރާނުގެ ރައީސް އިބްރާހީމު ރައީސީ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކާ ބެހޭގޮތުން ރޫސީ ރައީސް ޕޫޓިނާ ފޯނުން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. އޭނާ ޕޫޓިނަށް ދެންނެވިއެވެ. "ފަލަސްޠީނުގެ ރެސިސްޓެންޓް ޖަމާޢަތްތަކަކީ މިނިވަން ބައެކެވެ. އަހުރެމެން އެމީހުންނަށް ވާގިވެރިވަމެވެ." ރައީސީ ރޫސީ ރައީސާއެކު ފަލަސްޠީނު މަސްއަލައިގެ އިތުރަށް އިޤްތިޞާދީ މައިދާނުގައްޔާއި ވިޔަފާރީގެ މައިދާނުގައި އެއްބާރުލުން ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
އީރާނުގެ ރައީސް އިބްރާހީމު ރައީސީ ރޫސީ ރައީސަށް ދެންނެވިގޮތުގައި ފަލަސްޠީނުގެ މުޤާވިމާ ބާރުތަކަކީ މިނިވަން މުސްތަޤިއްލު ބާރުތަކެކެވެ.އިސްރާއީލުގެ ޢުދްވާނާ ކުރިމަތިލުމަށް ޓަކައި އެ މީހުން އަޅައި ފިޔަވަޅުތަކަށް އީރާނުން ތާއީދުކުރާނެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކާ ބެހޭގޮތުން ރަޝިޔާއިން ގެންގުޅޭ ސިޔާސަތަށް އީރާން ތާއީދުކުރާކަމަށް ރައީސީ ވިދާޅުވިއެވެ. ރަޝިޔާއިން މި ހަނގުރާމަޔާ ބެހޭގޮތުން ސަލާމަތީ މަޖިލީހަށް ހުށައެޅި މަޝްރޫޢާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވަނީ ވީޓޯކޮށްފައެވެ.



advertisment