އާ ސަރުކާރު ވާނީ އިސްލާމްދީނާއި ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ކަމުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވީތާ 897 އަހަރު ފުރޭ މުނާސަބާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ބަޔާނުގައި، އިސްލާމްދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީ ގޮތުން ނުވަ ޤަރުނު ފުރިހަމަވާން ބާކީ އޮތީ ތިން އަހަރުކަން ފާހަގަ ކުރައްވައި، މި ޤައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީޚީ ހާދިސާއަކީ ރާއްޖެ އިސްލާމްވުންކަމަށް ވިދާޅުވިއެވެ. އަދި ދިވެހީންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ޘަޤާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީވެސް މާތްވެގެންވާ އިސްލާމްދީން ކަމަށް ވެސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ، 17 ނޮވެމްބަރު 2023 ގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާއި ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށެވެ. މި ޤައުމުގެ އިސްތިޤްލާލާއި ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށެވެ. ދިވެހީންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަޤްވާމީ މަސްރަޙުގައި އުފުލައިދޭނެ ސަރުކާރަކަށެވެ." ޑރ. މުއިއްޒު ވިދާޅުވިއެވެ. "ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބި ކަމީ މުޅި ދުނިޔެއަށް ނަމޫނާއެކެވެ. މިއަދުގެ ދުނިޔޭގައި، ފިކުރީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އަދި އިސްތިރާތީޖީ ގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުއްޓެވެ. މިއިން ކޮންމެ ގޮންޖެހުމަކާވެސް ދިވެހި ޤައުމު އިސްކޮށްގެން، ދިވެހީންގެ މަޞްލަޙަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭ ގޮތެވެ."
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ މި ބަޔާން ނިންމަވާލައްވައިފައި ވަނީ އިސްލާމްދީނާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ދިވެހި ރައްޔިތުން ގުޅިގެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުމަށް އެދި ދުއާ ކުރައްވަމުންނެވެ.
"ދިވެހީންގެ ހިތްތައް އިސްލާމީ ހިދާޔަތުގެ މަތީގައި އަބަދުމެ ލަހައްޓަވައި، މި ދިވެހި ފަސްގަނޑަށް ނިސްބަތްވާ ކޮންމެ ދިވެހި ދަރިއަކީ އިސްލާމްދީނަށް ލޯބިކުރާ، ޤައުމު އިސްކުރާ، ތެދުވެރި، އަމާނާތްތެރި، ޚުލްޤު ހެޔޮ މުޥާޠިނެއްކަމުގައި ލައްވާށިއެވެ. އާމީން."
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ރަބީޢުލްއާޚިރު މަހެއްގެ ދެ ވަނަ ދުވަހެވެ.



advertisment