އިސްރާއީލު މިހާރު އެ ވަނީ އަމިއްލަ ނަފްސުގެ ދިފާޢީ އިން ފަހަނަޅައި ގޮސްފައިވާ ކަމަށް މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެނަށް ދަންނަވައިފި އެވެ. އޭނާ ބްލިންކެނަށް މިހެން ދެންނެވީ ޤާހިރާގައި އޭނާއާ ބައްދަލުކުރައްވަމުންނެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ޖަމާޢީ ސިފައެއްގައި ދެމުންގެންދާ އަދަބުތަކާމެދު މިޞްރު ބިރުގަންނަ ކަމަށް ރައީސް ސީސީ ވިދާޅުވިއެވެ.
ޢާންމުންނަށް އަމާޒުކޮށް ޙަމަލާތައް ދިނުމަކީ މިޞްރަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް ރައީސް ސީސީ ބްލިންކެނަށް ދެންނެވިއެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަރުކަށި ޢަމަލުތަކުގެ ސަބަބުން 2،500 ފަލަސްޠީނު މީހުން ޝަހީދުވެއްޖެކަމަށް މިޞްރުން ބުންޏެވެ.
އިސްރާއީލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ ޖުމްލަ މައްޗަށް
- އަޤްޞާ ޠޫފާނުގައި މަރުވި އިސްރާއީލު މީހުންގެ ޢަދަދަކީ 1،400
- ޒަޚަމުވި މީހުންގެ ޢަދަދަކީ 3،500
- ޙަމާސުން ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދަކީ ލަފާކުރެވޭ ގޮތުގައި 120
- ފަލަސްޠީނުގެ މުޖާހިދުން އިސްރާއީލުގެ ސަހަރުތަކަށާއި ރަށްތަކަށާއި އާބާދީތަކަށް ފޮނުވައިލި ރޮކެޓުތަކުގެ ޢަދަދަކީ: 6،600
ޣައްޒާގެ މަސްރަޙު ހޫނުވުން ކުޑަކުރުމަށް ވޮޝިންގްޓަނުން މަސައްކަތް ކުރޭ
ޣައްޒާގެ މަސްރަޙު ހޫނުވެގެން ދިޔުން ކުޑަކުރުމަށް ޓަކައި ވޮޝިންގްޓަނަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންދާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވިއެވެ. އޭނާ ބީބީސީއަށް ވިދާޅުވިއެވެ. "އެމެރިކާއިން މަސައްކަތް ކުރަމުންދަނީ ޣައްޒާގެ މީހުން އަމާން ސަރަޙައްދުތަކަށް ބާލާށެވެ. ޣައްޒާގެ އުތުރަކަށް ދެކުނަކަށެއް ނޫނެވެ. އިސްރާއީލަށް ދާއިމީ އެހީއާއި ވާގިވެރިކަން ދިނުމަށް ޓަކައި އެހީގެ ބޮޑު ޕާރުސަލެއް ތައްޔާރުކުރުމުގެ މަސައްކަތް އަހުރެމެން ވަނީ ފަށައިފައެވެ. މި ކަމަށް ޓަކައި ކޮންގްރެސްއިން އަވަސް ފިޔަވަޅުތަކެއް އަޅާނެއެވެ. ޢާންމުންގެ ސަލާމަތަށް އިޙްތިރާމު ކުރަން ޖެހޭނެއެވެ. އެމީހުންނަށް ކާބޯތަކެއްޗާއި ފެން ލިބެން ޖެހޭނެއެވެ. އިސްރާއީލުންނާއި އދންނާއި ސަރަޙައްދީ ޤައުމުތަކުން މި ކަންތައް ކޮށްދެން ޖެހޭނެއެވެ."
ޣައްޒާ ހަނގުރާމަ ފުޅައުވެގެން ދިޔަނުދިނުމަށާއި ޣައްޒާ ތެރޭގައި މި ހަނގުރާމަ ބޭއްވުމަށް ބައިޑްން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދަށް ބަލާއިރު ކޯޅުން އިތުރަށް ހޫނުވެގެން ގޮސްފައެއް ނުވެއެވެ. ޙިޒްބު ﷲއާއި އީރާނު މި މަސްއަލައިގެ ތެރެއަށް ވަދެދާނެތީ އަހުރެމެން ކަންބޮޑުވަމެވެ. އީރާނު މި މަސްއަލައިގެ ތެރެއަށް ސީދާ ވަނުމަކީ ދުރު ކަމެއް ނޫނެވެ."



advertisment