ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަންނަވާ ފުރަތަމަ ހަފުތާގެ ތެރޭގައި ވެސް، އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެންދާތަން ދެކެވަޑައިގެންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލްޖަޒީރާއަށް ދެއްވި އިންޓަވިއު އަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ތައުރީފު ކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވިއެވެ. "މަރުހަބާ އެކްސެލެންސީ! މަނިކުފާނު އަލްޖަޒީރާ އިންގްލިޝްއަށް ދެއްވި އިންޓަވިއު އަޅުގަނޑު ބަލައިފިން. ވަރަށް ފުރިހަމަ. ދެން ވަޑައިގަންނަވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގައުމަށް ހިދުމަތްކުރެއްވުމުގައި މަނިކުފާނަށް ހުރިހާ ކާމިޔާބީއަކަށް އަޅުގަނޑު އެދެން."
ރައީސް މައުމޫންގެ މި އެކްސްއަށް ޑރ. މުއިއްޒު ވަނީ 12 މިނިޓް ތެރޭގައި ޝުކުރު އަދާކުރައްވައިފައެވެ.
އަލްޖަޒީރާ އިންޓަވިއުގައި ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު އޮތީ ރައްޔިތުން އެންމެ އެދޭ ގޮތަށް ނޫން ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު އޮތް ގޮތުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާ ވެދާނެ ކަމަށް ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮންނަންވާނީ ދިވެހި ގައުމު އިސްކުރާ ސިޔާސަތެއްގެ ގޮތުގައި ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބައިގެންދާތަން ދެކެވަޑައިގެންނަވަން ބޭނުންފުޅުވަނީ ވެރިކަމަށް ވަޑައިގެންނަވާ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައިތޯ އަލްޖަޒީރާއިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ "ހަމަ ޔަގީނުން ވެސް ވެގެން ވަންޏާ ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި (އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބަން އަޅުގަނޑު ބޭނުންވަނީ) އަދި އެ މައްސަލައަކީ މިހާރު އެހާ ވެސް ސީރިއަސް މައްސަަލައެއް" ކަމަށެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށް ދެކެވަޑައިގެންނަވާތޯ އަލްޖަޒީރާއިން ސުވާލު ދެންނެވުމުން ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިންޑިއާ ނޫނަސް ބޭރު އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ރާއްޖޭގެ ރައްޔިތުން ނޭދޭ ކަމަށެވެ.
"ބޭރު އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ. އަޅުގަނޑުމެން ދެކޭ ގޮތުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ނުރައްކަލެއް. ރާއްޖޭގެ ރައްޔިތުން ވެސް ބޭނުމެއްނުވޭ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް އެއްވެސް ހިދުމަތެއް ދޭން ވެސް. އެ ވަރިހަމަ އިންޑިއާ އަދި އެނޫނަސް ބޭރުގެ އެއްވެސް ގައުމެއްގެ ވިޔަސް. އިންޑިއާގެ ސިފައިން މި ރާއްޖޭގައި އެބަތިބި. ރައީސް (ސޯލިހް) ވަނީ ރާއްޖޭގައި އެކިއެކި ހިދުމަތްތައް ދިނުމަށް އިންޑިއާގެ ސިފައިން ތިބިކަން ކަށަވަރުކޮށްދެއްވައިފައި،" ޑރ. މުުއިއްޒު ވިދާޅުވި އެވެ.
ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން "ރާއްޖޭގައި މިލިޓަރީ މަސައްކަތެއް ކުރުމަށް ނުތިބޭނެ" ކަމަށާއި ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ކަަމަށް ދެކެވަޑައިނުގެންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސަންގު ޓީވީން ގެނެސްދިން ރިޔާސީ ބަހުސްގައި މިދިޔަ ސެޕްޓެމްބަރުގައި ވިދާޅުވެފަ އެވެ.



advertisment
3 Responses
މައުމޫނު ކޮމެންޓްކުރީމަތޯ ނޫސްތަކުގަ ޖަހަންވަނީ؟ ބަލަގަ އެއްމެ އާދައިގެ މީހާވެސް ކޮމެންޓްކުރީމަ އެވާހަކަވެސް ދެކެވި ލިޔަންޖެހޭނެ. މޮޅު މީހާއެކޭ ދެރަމީހާއެކޭ ވެރިއެއްގެ ކުރިމަތީގައި ވާންޖެހޭނީ އެއްވަރު.
އެކަމަކު، އެ މަނިކުފާނު ވޯޓު ދެއްވީ ސޯލިހަށް. މުއުތަބަރު ފަރާތަކުން ދިން ޚަބަރެއް
ރައީސް މައުމޫން ރަނގަޅުވާނީ ހަނު ހުންނެވިއްޔާ! މަނިކުފާނު ތިހެން ހުންނަވާފައި ވިދާޅުވާ އެއްޗެހިން މަނިކުފާނުގެ އަގުވެއްޓޭގޮތް ދިމާވަމުން މިދަނީ. އިހައް ދުވަހު މަނިކުފާނު ވިދާޅުވެއްޖެ ކަމަށް އެބައޮތް ނޫސްތަކުގައި މިރާއްޖޭގައި އިންޑިޔާ ސިފައިންނެއް ނެތޭ. އޭގެ ކުރިޔަށް ވިދާވުވިކަމަށް އެބައޮތް ކީރިތި ޤުރްއާން ކިޔެވުމާ ބެހޭގޮތުން ކޮންމެވެސް އެއްޗެކޭ. ބުރުގާއެޅުމާ ބެހޭގޮތުން ވިދާވުދާނެ ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތް ދެން. މީހާ ހިސާބަށްވުރެ މޮޅުވީމާ އަނެއް ކޮޅަށް ޖަހަނީ ތޯއްޗެއް.