އިސްރާއީލުން މެދުކަނޑައިނުލާ ޣައްޒާއަށް އަޅަމުންދާ ބޮންތަކުގެ ސަބަބުން ފަލަސްޠީނުން ދޮޅު ހާހަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ.
މި ޙަމަލާތަކާ ވިދިގެން އދ ން ބުނާގޮތުގައި އިސްރާއީލުގެ މި ޢަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާއެކެވެ. އިސްރާއީލުން ދަނީ ޣައްޒާ ތަޅުލައިގެން އެ ބިމުގެ ރައްޔިތުން ފެނާއި ކަރަންޓާއި ހަކަތައާއި ބޭސްފަރުވާއިން މަޙްރޫމު ކުރަމުންނެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ރިޕޯޓު ބުނާގޮތުގައި އިސްރާއީލުން މީގެ ހަ ދުވަސްކުރިން ޣައްޒާއަށް ދޭންފެށި ވައިގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާއިން 1،537 މީހުން ޝަހީދުވެއްޖެއެވެ. އޭގެތެރޭގައި 500 ކުޑަކުދިންނާއި 276 އަންހެނުން ހިމެނެއެވެ. އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން 6،612 މީހުން ޒަޚަމުވެފައި ވެއެވެ. އިސްރާއީލު ބުނާގޮތުގައި މިހާތަނަށް ޣައްޒާއަށް 4،500 ޓަނުގެ ބޮން އަޅައިފިއެވެ.
ގަސްތުގައި މަރައި ހުސްކުރުން
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކާ ބެހޭގޮތުން އިންސާނީ ޙައްޤުތަކާ ބެހޭ އދގެ މުޤައްރިރު ފްރޭންޝިސްކާ އަލްބަނޭޒް ވިދާޅުވާ ގޮތުގައި އެއީ ޣައްޒާގެ ރައްޔިތުން ގަސްތުގައި މަރައި ހުސްކުރުމަށް ދެވޭ ޙަމަލާތަކެކެވެ.
އޭނާ ވިދާޅުވިއެވެ. "ޣައްޒާގެ ގިނަ ރައްޔިތުންތަކަކަށް ދޭ ޙަމަލާތަކަކީ ގަސްތުގައި އެމީހުން ނައްތައިލުމަށް އަމާޒުކޮށް ދޭ ޙަމަލާތަކެކެވެ. އޭނާ ވިދާޅުވިގޮތުގައި ޣައްޒާ ޙިޞާރުކޮށްގެން އިސްރާއީލުން އެ ބިމުގެ އަވަށްތަކަށް ވަރަށް ވަރުގަދަ ޙަމަލާތަކެއް ދަނީ ދެމުންނެވެ."
ޣައްޒާއިން ފެނާއި ކަރަންޓާއި ގޭހާއި ހަކަތަ ކަނޑައިލުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އަލްބަނޭޒް ވިދާޅުވިއެވެ. "ޟަރޫރިއްޔާތު ތަކުން އިންސާނުން މަޙްރޫމުކުރުމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ."
އޭނާ ވިދާޅުވިއެވެ. "މިއީ ރާވައިގެން ގަސްތުގައި ދޭ ޙަމަލާތަކެއް ކަމުގައިވާ ނަމަ އެކަން ވާނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއަކަށެވެ."
ޙަމާސުން އިސްރާއީލުގެ ބަޔަކު ރަހީނުކޮށްފައިވާތީ އެކަން ކުށްވެރިކުރައްވާ އަލްބަނޭޒް ވިދާޅުވިއެވެ. "އެމީހުން ރަހީނުކޮށްގެން ބައިތިއްބުމަށް އެއްވެސް ބަހަނާއެއް ނެތެވެ."
ޣައްޒާއަށް ބޭނުންވާ ޟަރޫރީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ އަމާން ދޮރެއް ހުޅުވިފައި އޮންނަން ޖެހޭނެކަމާ ބެހޭގޮތުން އަލްބަނޭޒް ވިދާޅުވިއެވެ. "އެފަދަ މަގެއް ހުޅުވުމާ ބެހޭ ގޮތުން ޤައުމުތަކުގެ މެދުގައި އަދި މަޝްވަރާއެއް ނުކުރެވެއެވެ."
އެހެނަސް އޭނާ ވިދާޅުވިގޮތުގައި ޒަޚަމުވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޓަކައި އެފަދަ އިންސާނީ މަގެއް ހުޅުވިފައި އޮތުމަކީ ބޭނުންތެރިކަމެކެވެ.
އަލްބަނޭޒް ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވިއެވެ. "މިހާރު ހިނގަމުންދާ ހަނގުރާމައިގައި ހުރިހާ ބާވަތެއްގެ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިނގަމުން އެބަ ދެއެވެ."



advertisment