އިސްރާއީލު ސިފައިން މިއަދު ހެދުނު ހުޅަނގު އައްސޭރީގެ ޖަނީން ސަހަރަށް އަރައި ހުޅަނގު އައްސޭރީގެ ތަފާތު ރަށްރަށުން ފަލަސްޠީނުގެ 34 މީހަކު ހައްޔަރުކޮށްފިއެވެ. އަނާޟޫލް ނޫސް އޭޖެންސީ ބުނާގޮތުގައި އިސްރާއީލު ސިފައިންގެ ބޮޑު ބާރެއް ޖަނީނަށް އެރީ އެތައް ފަރާތަކުންނެވެ.
މި މަންޒަރު ދުށް ބަޔަކު ބުނާގޮތުގައި އިސްރާއީލު ސިފައިން ޖަނީނަށް އެރުމުން ފަލަސްޠީނުގެ ޒުވާނުންނާ އިސްރާއީލު ސިފައިންނާ ދެމެދުގައި ކުރިމަތިލުންތައް ހިނގިއެވެ. ފަލަސްޠީނުގެ ޒުވާނުންނާ ކުރިމަތިލުމުގައި އިސްރާއީލު ސިފައިން ޙަޤީޤީ ވަޒަނާއި މަޢުދަނީ ވަޒަން ބޭނުންކޮށްފައި ވެއެވެ.
ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުގައި އިސްރާއީލު ސިފައިން ޖަނީނުން ފޭބީ ޙަމާސް ޖަމާޢަތުގެ އިސްވާރެއް ކަމުގައިވާ ޚާލިދުލް ޙާއްޖު ހައްޔަރުކޮށްގެންނެވެ.
ޙަމާސްގެ ހަނގުރާމަވެރިން އިސްރާއީލަށް ދިން އަޤްޞާ ޠޫފަނާ ވިދިގެން އިސްރާއީލުން ދަނީ ޣައްޒާ ސުންނާފަތިކުރަމުންނެވެ. އަދި ހުޅަނގު އައްސޭރިއަށް އަރައި ޢުދްވާނީ ޙަމަލާތައް ދެމުންނެވެ. ހުޅަނގު އައްސޭރިއަށް ދެމުންދާ ޙަމަލާތަކުގައި 29 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި 200 މީހަކު ވަނީ ޒަޚަމުވެފައެވެ. ހުޅަނގު އައްސޭރިއަށް ދެމުންގެންދާ ޙަމަލާތަކުގެ އަމާޒަކީ ޤަލްޤީލިޔާއާއި ޠަލްކަރަމާއި ރާމަﷲއާއި ޖަނީނެވެ.



advertisment