Support Us

ޙިޒްބުﷲގެ އިންޒާރެއް އެމެރިކާއަށް 

އެމެރިކާއިން އިސްރާއީލުގެ ޢުދްވާނީ ޙަރަކާތްތަކަށް ވާގިވެރިވުމަށް ޓަކައި ސިޔާސީ މައިދާނުގައްޔާއި ހަނގުރާމައިގެ މައިދާންތަކުގައި އަޅަމުންދާ ފިޔަވަޅުތަކާމެދު ޙިޒްބުﷲ ޙައިރާންނުވާނެ ކަމަށް އެ ޖަމާޢަތުން މިއަދު ބުނެފިއެވެ.

ޙިޒްބުﷲއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޞިހްޔޫނީން ހިންގާ މީހުން މެރުމަށާއި ޢުދްވާނަށް ފާޅުގައި އެމެރިކާއިން ކުރާ ތާއީދާއި ދޭ މަދަދާއި އެހީތެރިކަމަކީ އަހުރެމެން ޙައިރާންވާ ކަމެއް ނޫނެވެ. އަހުރެމެންގެ ބިންތައް ހިފައިގެން އޮތް ކިޔާން އުފެދީއްސުރެ އެމެރިކާއަކީ މި ކިޔާނުގެ އެންމެ ބޮޑު މަދަދުގާރެވެ."

ޙިޒްބުﷲއިން ބުންޏެވެ. "ޞިހްޔޫނީ އުދްވާނުގައި އެމެރިކާއަކީ ސައްތައިން ސައްތަ ފުރިހަމަ ބައިވެރިއެއް ކަމަށް އަހުރެމެން ބަލަމުއެވެ. އެއްވެސް އާރެއް ބާރެއްނެތް ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅިންނާ ދެކޮޅަށް ހިންގާ ބިރުވެރި ޤަތުލު ޢާންމުތަކާއި ގެދޮރުތައް ތަޅައި ފުޑުފުޑުކުރުމާއި ޙިޞާރުކުރުމުގެ ސިޔާސަތުގެ ޒިންމާ އެމެރިކާގެ ބޮލުގައި އަހުރެމެން އަޅުވަމެވެ."

އިސްލާމީ އުންމަތާ ދެކޮޅަށް ޢިރާޤާއި ސޫރިޔާއާއި އަފްޣާނިސްތާނުގައި އެމެރިކާއިން ހިންގައިފައިވާ ހަޑި ހުތުރު ޢަމަލުތަކާއި އެ ޤައުމުތަކަށް ދީފައިވާ ޢުދްވާނުތަކުގެ ޙަޤީޤަތް ދެނެގަތުމަށް ޙިޒްބުﷲއިން އިސްލާމީ އުންމަތަށް ގޮވައިލިއެވެ. އެމެރިކާއާއި އެމެރިކާގެ ބައިވެރިން ބައިނަލްއަޤްވާމީ ސަރަޙައްދުތަކުގައްޔާއި ސަރަޙައްދީ މައިދާންތަކުގައި ހިންގަމުންދާ ދެ ފުށް ދެގޮތް ޢަމަލުތަކާއި ލާއިންސާނީ ޙަރަކާތްތައް ބޭޒާރުކޮށް ފަޞީޙަތް ކުރުމަށް މަސައްކަތް ކުރުމަށް ވެސް ޙިޒްބުﷲއިން އުންމަތަށް ގޮވައިލިއެވެ.

"އިސްރާއީލުގެ މާޔޫސްވެފައިވާ މާނަވިއްޔާތު އުފުލުމަށް ޓަކައި އެމެރިކާއިން މަތިންދާބޯޓު އުފުލާ މަނަވަރުތައް ފޮނުވުމުން އެނގެނީ ޞިހްޔޫނީ ޢަސްކަރީ އާލަތްތައް ނިކަމެތިވެފައިވާ މިންވަރު" ކަމަށް ޙިޒްބުﷲއިން ބުންޏެވެ.

"އެމެރިކާގެ މިފަދަ ޢަމަލުތަކުގެ ސަބަބުން އުންމަތް ސިހި ބިރުނުގަންނާނެ" ކަމަށް ޙިޒްބުﷲ އިން ބުންޏެވެ. ޙިޒްބުﷲ ބުނިގޮތުގައި "އުންމަތުގެ ރައްޔިތުންނާއި މުޖާހިދުން އެންމެ ފަހުގެ ނަޞްރާ ހަމައަށް ދެވެންދެން ކުރިމަތިލުންތައް ކުރިއަށް ގެންދާނެއެވެ."

ޙިޒްބުﷲއިން އަޤްޞާ ޠޫފާނަށް އެހީވެދާނެތީ އިސްރާއީލް ވަރަށް ކަންބޮޑުވެއެވެ. މިހެންވެ އިސްރާއީލުން ދަނީ ޙިޒްބުﷲއަށް އިންޒާރުތައް ދެމުންނެވެ. ޙިޒްބުﷲގެ ސިޔާސީ އިސްވާރުން ވަނީ ޙަމަސަށާއި އިސްލާމީ ޖިހާދަށް ތާއީދު ކުރައްވާ ކަން ފާޅުގައި ހާމަކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް