Support Us

އަޤްޞާ ޠޫފާން- ކުރިމަގަށް އަސަރުތައް ދެމިގެންދާނެ

އިސްރާއީލަކީ އެ ކިޔާނުގެ މުއައްސިސުން ކުރަހައިފައިވާ އިސްތިރާޖީގައި ހިމެނޭ ސިޔާސަތުތައް ތަންފީޒު ކުރަމުންދާ ތަނެކެވެ. އެ ކިޔާނުގެ ވެރިކަމަށް އިސްވާ އެންމެން ވެސް މި ސިޔާސަތަށް ކަށަވެތިވެ މި އިސްތިރާޖީއަށް ވަފާތެރިވެއެވެ. 

މި އިސްތިރާޖީގެ ތަރަހައިގައި ހިމެނޭ އުޞޫލުތަކުގެ ތެރޭގައި އިސްރާއީލުގެ ޢަދުއްވުންނަށް އެއީ ޙީލަތް ކުޑަ، ބޮލެއްނެތް ބައެއްކަން ދެއްކުމާއި، އިސްރާއީލަކީ ވަރަށް ވިސްނުންތޫނު ޢަޒްމު ވަރުގަދަ ބައެއްކަން ދެއްކުން ވެއެވެ. އިސްރާއީލުން ޤާއިމުކުރާ  މުއައްސަސާތަކަކީ ވަރަށް ޤާބިލު، ވަރަށް ކުރުންތެރި، ވަރަށް ރޭވުންތެރި، ވަރަށް އިޚްލާޞްތެރި، މަސައްކަތްތައް ތަންފީޒުކުރުމުގެ ކެރިކުޅަދާނަކަން ލިބިފައިވާ މުއައްސަސާތަކެއްކަން ދެއްކުން ވެއެވެ. 

މި ތަޞައްވުރުގެ ދަށުން އިސްރާއީލު ޢަރަބިންނަށާއި ދުނިޔެއަށް  ދައްކަމުން ގޮސްފައި ވަނީ އިސްރާއީލުގެ ސިފައިންނަކީ ބަލިނުކުރެވޭނެ ބައެއްކަމާއި އިސްރާއީލުގެ ލަޝްކަރަކީ ބަލިނުކުރެވޭނެ ފައުޖުތަކެއްކަމެވެ. އިސްރާއީލު ކުރާ ހަނގުރާމަތަކަކީ ޢަރަބިންގެ ބިންތަކުގައި ބާއްވާ މުނިފޫހިފިލުވުމުގެ ހިނގައިލުމެއް ކަމަށާއި އިސްރާއީލުގެ އެތެރޭގައި އެއްވެސް ބަޔަކަށް ހަނގުރާމައެއް ނުކުރެވޭނެ ކަމަށް ބުނެ ފޮނިކަނޑައެވެ. މި ކިބުރުވެރިކަމާއި ބޮޑާކަން އެންމެ ބޮޑަށް ފެތުރިފައިވާ އެއް މުއައްސަސާއަކީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދެވެ. އިސްރާއީލު ބުނާގޮތުގައި އެއީ އޭޖެންޓުން އަތުއަޅުވައިލުމުގައްޔާއި މަޢުލޫމާތު އެއްކުރުމުގައްޔާއި ރޭވުންތައް ފަރުމާކުރުމުގައި އެންމެ ހުނަރުވެރި މުއައްސަސާއެވެ. 

މި ތަޞްވީރުގެ މަތީގައި އިސްރާއީލުން އެ ކިޔާނު އަރަބީންގެ ބާޒާރަށް ނެރެފައިވެއެވެ. ހަނގުރާމައިގެ ދުވަސްވަރުގައި މީހުންގެ ހިތްތަކަށް ހައިބަތާއި ބިރުގެންނެވުން ވައްދައިގެންނެވެ. ޞުލްޙައާއި ސަލާމުގެ ވަގުތުގައި އިސްރާއީލަށް މަންފާ ގެނައުމަށް ޓަކައެވެ. އިޤްތިޞާދީ އެއްބާރުލުމުގެ ތެރެއިން ލައިފައެވެ. ނުވަތަ ސަރަޙައްދީ ދުޝްމަނުންގެ ކިބައިން ޢަރަބި ޤައުމުތައް ޙިމާޔަތްކޮށްދިނުމަށް ހުށައަޅައިގެންނެވެ.  

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޝަމްޢޫން ޕެރޭޒް ސަރަޙައްދީ އެއްބާރުލުމެއްގެ ވާހަކަ ވަރަށް ގިނައިން ދައްކަވައިފައި ވެއެވެ. މި އެއްބާރުލުމުގެ ސިކުނޑިއަކަށް އައްޑަނައަކަށް ކަނޑިއަކަށް އިސްރާއީލު ހަދަން ޖެހޭނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ. 

މިނިކާ ޖަނަވާރެއް

އިސްރާއީލުން ޢަރަބީންނަށް އެ ކިޔާން ތަޞްވީރުކޮށްދީފައި ވަނީ އެއީ ވީދައި ކާ ވަރުގަދަ މިނިކާ ޖަނަވާރެއް ކަމަށެވެ.އެ ޖަނަވާރާ ކުރިމައްޗެއް ނުލެވޭނެއެވެ. އެހާ ބާރެއް އެހާ ހިތްވަރެއް ޢަރަބިންގެ ކިބަޔަކު ނެތެވެ. ހަމަ އެ ނޭވާގައި އިސްރާއީލު ހުޅަނގަށާއި ބޭރު ދުނިޔެއަށް ދައްކަމުންގޮސްފައި ވަނީ އެއީ "ބަނޑުހައިހޫނުކަމުގައި ތިބި މިނިކާކުއްތާގެ އައިނެއް" ވަށައިލައިފައިވާ "ނިކަމެތި ކަންބަޅިއެއް" ކަމަށެވެ.  

އިސްރާއީލުގެ ފޮނިކެނޑުމުގެ މި ބަސްތަކުގެ ދަލުގައި އަރަބިންގެ ގިނަ ބަޔަކު ޖެހުމުގެ ސަބަބުން އެމީހުން ތިބީ އިސްރާއީލަށް އަމާންދީގެންނެވެ. ގަސްތުގައްޔާއި ގަސްތަކާއި ނުލައި ވެސް ބައެއް ޢަރަބިން އެމީހުންގެ ތެރޭގައި އިސްރާއީލުގެ މި ޕްރޮޕެގެންޑާތައް ފަތުރަމުން ދިޔައެވެ.

އެހެނަސް ޢަރަބި ބައެއް މުފައްކިރުން މި ދަލުގައި ނުޖެހުމަށް އަރަބިންނަށް ގޮވައިލެއްވިއެވެ. އިސްރާއީލުގެ މި ބަސްތަކުގެ ޙަޤީޤަތް އޮޅުންފިލުއްވާ ދެއްވުމަށް މަސައްކަތް ކުރައްވައިފައި ވެއެވެ. އިސްރާއީލަކީ ޙަޤީޤަތުގައި ބާރެއް އޮތް ޤައުމެއް ނޫންކަމަށާއި އެމީހުންގެ ބާރަކީ ހުޅަނގެ ބާރުކަން ދެނެގަތުމަށް ވިދާޅުވެފައިވެއެވެ. އިސްރާއީލުގެ ޕްރޮޕެގެންޑާތައް އެހާ ބާރަށް ފެތުރި މުޖްތަމަޢުތަކުގައި ވަކި ހިއްޕަމުން ދަނީ ޚަބަރު ފަތުރާ ހުޅަނގުގެ މީޑިއާތަކުގެ ސަބަބުންކަން ވިސްނައި ދެއްވަން މަސައްކަތް ކުރައްވައިފައި ވެއެވެ.

ޢަރަބި ބައެއް މުއައްރިޚުން މިއީ މެދު ޒަމާނުގައި ޞަލީބީ ހަނގުރާމައިގެ ދުވަސްވަރުގައި އޮތް ތަޞައްވުރާ އެއްފަދަ ތަޞައްވުރެއްކަން ޢަރަބިންނަށް ވިސްނައި ދެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ރަހާއާއި އަންޠާކިޔާއާއި ޢައްކާއާއި ބައިތުލް  މަޤްދިސްގައި ފަރަންޖީން އިމާރާތްތައް ހަދައިގެން ސައްތައެއްހާ ދުވަހު ތިއްބެވެ. އިސްރާއީލު މިހާރު އެ އޮތީ މި ރަށްތަކުގެ ބިމުގައެވެ.

އަމިއްލަ ނަފްސަށް ބަރޯސާވުމާއި ދަފަރާ ވަރުގަދަކުރުން

 އިސްރާއީލުން ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގާ މެރުމާއި ޤަތުލު ކުރުމާއި އަމިއްލަ ވަޒަނުން ބޭރުކޮށްލުންފަދަ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ބިރުވެރި ސިހުންތައް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބުނެވެ. އެހެނަސް އިސްރާއީލީންނާއެކު ގާތުގައި އެކުގައި އުނގުޅޭ ހިސާބުގައި އުޅުމުގެ ސަބަބުން ފަލަސްޠީނު މީހުންނަށް ތަޖްރިބާތަކެއް ލިބުނެވެ. ހުނަރުތަކެއް ދަސްވިއެވެ. ގޯނާކުރާށާއި އޮޅުވައިލާނެ ގޮތްތައް ދަސްވިއެވެ. ޖަހައިފާ ފިލާނެ މަގުތައް ދަސްވިއެވެ. އިސްރާއީލުގެ މުޖްތަމަޢުގެ ބަލިފައިތައް އެނގުނެވެ. ޔަހޫދީ ޝަޚްޞިއްޔަތުގެ އެތެރެފުށާއި ބޭރުފުށް ދަސްވިއެވެ. އެމީހުންގެ ވިސްނުމާއި ފިކްރު އެނގުނެވެ. އެމީހުން އެހެން މީހުންނާއެކު މުޢާމަލާތު ކުރާ އުސްލޫބުތަކުން އިސްރާއީލަކީ ހަމައެކަނި ޔަހޫދީންގެ ދައުލަތެއް ކަން އެނގުނެވެ.

ދިރޭ އެއްޗެއްސަށް ޙަޔަވީ ގޮތުން ދަފަރާ ލިބެމުންދާ ގޮތަށް ފަލަސްޠީނު މީހުންނަށް ވެސް އިސްރާއީލުގެ ކިބައިން ޙިމާޔަތް ހޯދުމަށް ބޭނުންވާ ދަފަރާ ލިބެމުން ދިޔައެވެ.އަމިއްލަ ނަފްސަށް ބަރޯސާވާން ދަސްވިއެވެ. ޢަރަބިން އެމީހުންގެ ޤަޟިއްޔާއަށް އެހީވާނެ ކަމަށް ބަލަމުން އައިއައުން ދޫކޮށްލައިފައެވެ.  މަސްއަލައަކީ "އަހުރެންގެ މަސްއަލައެކޭ" ބުނެފައެވެ.

މި ބަރޯސާވުން ބިނާކުރީ "ޢަރަބި– އިސްރާއީލު އަރާރުން" މި ފޮތިގަނޑު "ފަލަސްޠީނު  އިސްރާއީލު އަރާރުމަށް"  ބަދަލުވެފައިވާތީއެވެ. އަރަބިން ހަތިޔާރު ދިނަސް މާލީ އެހީއާއި ޑިޕްލޮމެޓިކް ވާގިވެރިކަން ދިނަސް އިސްރާއިލާ ހަނގުރާމަކުރުމަށް ޓަކައި ފަލަސްޠީނާއެކު ބަނޑި ހިފައިގެން އެއް ޚަންދަޤަކަށް ނޭރޭނެކަން ކަށަވަރުވާތީއެވެ. 

މުޤާވަމާ (ރެސިސްޓެންސް) ގެ ފިކްރު ތަރައްޤީވާން ފެށީ މި ހިސާބުންނެވެ. އެތާނގައި ނުވަތަ މި ތާނގައި ދެވޭ ވަކިވަކި ޙަމަލާތަކެއްގެ ބަދަލުގައި ރޭވުންތެރިކަމާއި ތަމްރީނު ލިބިގެން ދެވޭ ޙަމަލާތަކެއްގެ ސިފައިގައެވެ. ޖާނުން ފިދާވެގެން ދިން އިސްތިޝްހާދީ ޙަމަލާތަކުންނެވެ. މިފަދަ ޙަމަލާތައް އިސްރާއީލަށް ދޭތީ އެ ހިސާބުން ނިރުބަވެރިކަމުގެ ލަޤަބު އެ ޖަމާޢަތްތަކުގެ ގައިގައި ތަތްކޮށްފިއެވެ. ފަތަޙަ ޖަމާޢަތާއި ޙަމާސް ޖަމާޢަތާއި އިސްލާމީ ޖިހާދު ޖަމާޢަތްފަދަ ޖަމާޢަތްތައް އެމީހުންގެ އަމިއްލަ ބިމަށް އަރައިއޮތް އިސްރާއީލުގެ ވަކިތަކުން އެ ބިން މިނިވަން ކުރުމަށް ކުރެވޭ މަސައްކަތްތައް ނިރުބަވެރި ޙަމަލާތަކެއް ކަމަށް ހެދީ އެވެ. ހަރުކަށި ޖަމާޢަތްތަކަކަށް ވީއެވެ. މިއާ ޚިލާފަށް އިސްރާއީލުން ފަލަސްޠީނު މީހުންނަށް ދޭ އަނިޔާވެރި ޙަމަލާތަކާއި ހިންގާ ޤަތުލު ޢާންމުތައް އަމިއްލަ ނަފްސުގެ ޙިމާޔަތުގައި ކުރެވޭ ކަމަކަށް ވީއެވެ.

ފަލަސްޠީން މީހުން ތަފާތުގޮތްގޮތަށް އެމީހުންގެ ޢަދްލުވެރި ޤަޟިއްޔާ ދުނިޔެއަށް ހުށައެޅުމަށް މަސައްކަތް ކުރިއެވެ. ފުރަތަމަ ތަޖްރިބާއަކީ 1987ގައި ފެށި އިންތިފާޟާ އެވެ. ހަ އަހަރު ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ ފަލަސްޠީނުގެ ޤަޟިއްޔާ ހީނުކުރާފަދަ މިންވަރަކަށް ދުނިޔެއަށް އިޝްތިހާރުވެގެން ދިޔައެވެ. ފަލަސްޠީނު މީހުންގެ ނަފްސުތަކަށް އިތުބާރު ލިބިގެން ދިޔައެވެ. ފަލަސްޠީނު މީހުންގެ ކުރިމަތީގައި އިސްރާއީލު ސިފައިންގެ ހުރި ފަންވަރާއި ފެންވަރު ފާޅުވެގެން ދިޔައެވެ. ކުޑަކުޑަ ކުދިން އެއްލާ ގައުކޮޅާ ފިލަން އެ "ހިތްވަރުގަދަ" ސިފައިން ދުވިތަން ފެނުނެވެ. ފަލަސްޠީނު މީހުންގެ އުދަލިތަކުގެ ކުރިމަތީގައި އިސްރާއީލުގެ ޓޭންކްތައް ހުއްޓައިލައިގެން އޮތްތަން ވެސް ފެނުނެވެ. ބާރު އެއްވަރުވެގެންނެއް ނޫނެވެ. އެހެނަސް ހިތްބިރުގަތުމުގެ ސަބަބުންނެވެ.  

އޮށްގަލުގެ ފިޔަވަހިން ހަތިޔާރު އުފުލާ މަރްޙަލާއަށް ދިޔައިރު ފަލަސްޠީނީންގެ ބާރަކީ ވަރަށް ދެރަ ބާރެކެވެ. ބަޑިއަކާއި ކުޑަ ތަންކޮޅަކަށް ދެވޭވަރުގެ ބާރު ކުޑަ ރޮކެޓެކެވެ. އެހެނަސް މަޑުމަޑުން އެމީހުން ދިޔައީ މި ބާރު ތަރައްޤީ ކުރަމުންނެވެ. މިއަދު ފަލަސްޠީނީންގެ އަތުގައި އިސްރާއީލުގެ މުޅި ޖޯގްރަފީ ކަޑައްތުކުރެވޭ ވަރުގެ ރާސްތާ ލިބިފައިވާ ރޮކެޓް އެބަ ހުށްޓެވެ. އޭއްޗެހީގެ ގޮވާ ބާރު ގަދައެވެ.

ހަނގުރާމައިގެ މައިދާނުގައި ފަލަސްޠީނުގެ މުޖާހިދުން މިއަދު އެދަނީ އިސްރާއީލަށް ގޮންޖަހަމުންނެވެ. އަޤްޞާ ޠޫފާން އައީ އިސްރާއީލުން ފަތުރާފައިވާ ހުރިހާ ޕްރޮޕެގެންޑާތަކެއް ފުހެލަމުންނެވެ. މި ޠޫފާނުގެ އަސަރު ކުރިއަށް އޮތް އެތައް އަހަރުތަކަކަށް ދެމިގެންދާނެއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް