ޣައްޒާ ފަށަލައިގެ ހުރިހާ ބިންތަކެއްގެ މައްޗަށް އިސްރާއީލުގެ ޢަސްކަރިއްޔާއިން އަލުން ވެރިވެގަންފިއެވެ.
އިސްރާއީލުގެ ޢަސްކަރިއްޔާއިން މިއަދު ހެނދުނު ބުނިގޮތުގައި ފަލަސްޠީނުގެ އެއްވެސް ހަނގުރާމަވެރިއަކު އެ ހިސާބުގައި މިހާރަކު ނެތެވެ. އެހެނަސް ޙަމާސްގެ ހަނގުރާމަވެރިން ވަދެދާނެކަމުގެ ބިރު އަދި މުޅިން ފިލައިގެނެއް ނުދެއެވެ.
އިސްރާއީލުގެ ޢަސްކަރިއްޔާގެ އިސް ތަރްޖަމާން ރިޗަރޑް ހޭޝްޓާ ޙަވާލާދީ އިސްރާއީލު ރޭޑިއޯ ބުނިގޮތުގައި ޣައްޒާ ސަރަޙަދުގެ ސަރަޙައްދީ މަގުން ލައިފައި ފަލަސްޠީނުގެ ހަނގުރާމަވެރިން ވަން މަގު މިހާރު ވާނީ މައިންކޮށްފައެވެ. އޭނާ ވިދާޅުވިގޮތުގައި ފަލަސްޠީނުގެ ހަނގުރާމަވެރިން ވަނީ ބިންގަރާސް މަގަކުންނެއް ނޫނެވެ. އެފަދަ ބިންގަރާސްތަކެއް ނެތެވެ.
މި މަހު ހައެއްގައި ޙަމާސުން ދިން އަޤްޞާ ޠޫފާނުގައި ޙަމާސްގެ ޢަސްކަރީ ފިޔަ އަލްޤައްސާމު ފައުޖުގެ ހަނގުރާމަވެރީން ވަނީ ޣައްޒާ ފަށަލައިގައި ހިމެނޭ ޔަހޫދީ އާބާދީތަކަށް ޙަމަލާތައް ދީފައެވެ.
މީގެ އިތުރަށް އިސްރާއީލު ސިފައިން ބުނާގޮތުގައި އިސްރާއީލާއި ޣައްޒާ ފަށަލަ ތެރެއިން ޙަމާސް ހަނގުރާމަވެރީންގެ ތެރެއިން މަރުވެފައިވާ 1،500 މީހުންގެ ހަށިގަނޑު ހޯދިއްޖެއެވެ.
އިސް ތަރްޖަމާނު ހޭޝްޓް ހާމްކުރެއްވި ގޮތުގައި ޣައްޒާ ސަރަޙައްދާ ކައިރީގައިވާ ޔަހޫދީ އާބާދީތަކުން މިހާރު ވަނީ މީހުން ބާލައި ހުސްކޮށްފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޣައްޒާގެ ޚާން ޔޫނުސް އާއި އައްރިމާލު އަވަށުގައި ހުރި 200 އަމާޒަކަށް ރޭ ވަނީ ޙަމަލާދީފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޙަމާސްގެ ޙަމަލާތަކުގެ ސަބަބުން އިސްރާއީލު ސިފައިންގެ 123 ސިފައިންނާއި އޮފިސަރުން މަރުވިއެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި އިސްރާއީލުން ހުއްޓައިނުލާ ޣައްޒާއަށް ބޮން އެޅުމުގެ ސަބަބުން މިހާތަނަށް ޢާންމުންގެ 687 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 140 ކުޑަކުދިންނާއި 105 އަންހެނުން ވެއެވެ.
އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި ޙަމާސުގެ ޙަމަލާގެ ސަބަބުން އިސްރާއީލުން 900 މީހުން މަރުވިއެވެ. އަދި 2،616 މީހުން ޒަޚަމުވިއެވެ.



advertisment