އިސްރާއީލާއެކު ސިޔާސީ ގުޅުންތައް ޤާއިމުކޮށްފައިވާ ޢަރަބި ޤައުމުތަކުން ޙަމާސް ކުށްވެރިކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން އެދިވަޑައިގަތުމުން އެއިން އެއްވެސް ޤައުމަކުން އެމެރިކާގެ މި އެދުމަށް އާނއެކޭ ނުބުނި ކަމަށް އެމެރިކާގެ އެކްސިއޮސް މީޑިއާ ނެޓް ބުނެފިއެވެ.
މި ނެޓް ބުނާގޮތުގައި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކޮށްފައިވާ ޤައުމުތަކުގެ ޚާރިޖިއްޔާތަކާ ބްލިންކެން ގުޅުއްވައި، އަޤްޞާ ޠޫފާން ކުށްވެރިކުރުމަށް އެދިވަޑައިގަތެވެ. އެހެނަސް އެއިން އެއްވެސް ޤައުމަކުން އެމެރިކާގެ އެދުމަށް އިޖާބައެއް ނުދިނެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އިސްރާއީލު މީހުންނާ މުޚާޠަބު ކުރައްވާ ޓީވީން ދެއްވި ޚިޠާބުގައި ވިދާޅުވިއެވެ. "އަހުރެމެން މި ވަގުތު މި ތިބީ ހަނގުރާމައިގެ ޙާލަތުގައެވެ. މިކަމަށް ޓަކައި ޢަސްކަރީ ޚިދްމަތަށް މީހުން ބޭނުންވެއެވެ."
ސަލާމަތީ މަޖިލީހުގައި ޙަމާސް ކުށްވެރިކުރަން އެމެރިކާއިން ކުރި މަސައްކަތެއް ނާކާމިޔާބުވުމުން ވެސް އެމެރިކާ ވަނީ ވަރަށް މާޔޫސްވެފައެވެ. އެ މަޖިލީހުގައި ރަޝިޔާއާއި ޗައިނާ ވަނީ ޙަމާސް ކުށްވެރި ނުކޮށް ހަނގުރާމަ ހުއްޓުމަށް ގޮވައިލައިފައެވެ. ރަޝިޔާއިން ގޮވައިލީ ހަނގުރާމަ ހުއްޓައިލައިފައި ވާހަކަދެއްކުމަށް ޓަކައި މޭޒުދޮށަށް އައުމަށެވެ.



advertisment