ސިޔާސަތާއި އަމްނާ ބެހޭ އިސްރާއީލުގެ ކުޑަ ކެބިނެޓުން ފާސްކޮށްފައިވާ ފަދައިން ބޮޑުވަޒީރު ނަތަންޔާހޫގެ އިސްތިރާޖީއަކަށް ވާނީ އިސްރާއީލުގެ ޙިޞާރުގެ ދަށުގައި މިހާރުވެސް އޮތް ޣައްޒާއަށް މެދުކަނޑައިނުލާ ވަރުގަދަ ޙަމަލާތަކެއް ދީ "ޙަމާސް ޖަމާޢަތާއި އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ބާރާއި ވެރިކަމުގެ ބާރު ނައްތައިލުން" ކަމަށް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއްޖެއެވެ. އޭގެ ސަބަބުން "ކުރިމަގުގައި އިސްރާއީލަށް ގޯނާއެއް ނުދެވޭނެގޮތަށް އެ ދެ ޖަމާޢަތުގެ ބާރު ނައްތައިލައި ވަކިތައް ކަނޑައިލުމެވެ."
އެހެނަސް އިސްރާއީލުގެ ކެބިނެޓްގައި ހިމެނޭ ޙައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ވަޒީރުން (މާލީ ވަޒީރު ސުމުތުރިޗާއި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ބިން ޣަފީރުފަދަ ވަޒީރުން) ގޮވައިލައްވަނީ ޣައްޒާގައި އޮތް ޙަމާސްގެ ވެރިކަން ނައްތައިލުމަށެވެ.
ނަތަންޔާހޫ މި ބޭފުޅުންގެ ފިކުރާއި ޚިޔާލާ ދެކޮޅު ހައްދަވައި ވިދާޅުވިއެވެ. "ތިޔަބޭފުޅުން ތިޔަ ހުށައަޅުއްވަނީ އަޅުގަނޑުމެން ޣައްޒާގެ ވެރިކަމަށް އިސްވުމަށް ތޯއެވެ؟ ނުވަތަ ޣައްޒާގެ ވެރިކަން އަބޫ މާޒިނަށް ތަބަކަކަށް ލައިފާ އަރުވަން ތޯއެވެ؟ އެންމެ ރަނގަނޅު ގޮތަކީ ކޮބައިތޯއެވެ؟ އެމީހުން ވެރިކަމުގައި ބައިތިއްބައިގެން އެމީހުންގެ ރައްޔިތުން ބަނޑަށް ޖެއްސުން ނޫންތޯއެވެ؟ ކަރަންޓްގެ އަލިކަމެއް ނުލިބޭ، ކާއެތިކޮޅެއް ލިބުނަސް އޭތިކޮޅު ކައްކައިލާނެ ދަރުކޮޅެއް ނުލިބޭ ރައްޔިތެއްގެ ވެރިކަމުގައި ބައިތިއްބުން ނޫންތޯއެވެ؟"
ޣައްޒާގެ ވެރިކަމުގައި ޙަމާސް ބޭއްވުން ވެސް ރަނގަޅެއް ނުވާނެއެވެ. ނަތަންޔާހޫ ޙަމާސްގެ ބާރު މުޅިން ކަނޑުވައިލުމަށް ގޮވައިލެއްވީ މިހެންވެގެންނެވެ. ޙަމާސުން ކުރިމަގުގައި ވެސް އިސްރާއީލުގެ ލަޝްކަރުތަކުގެ ހައިބަތު ވައްޓައިލުމަށް މަސައްކަތްކޮށްފާނެތީއެވެ.
އިސްރާއީލުގެ ކުޑަ ކެބިނެޓުން ނިންމައިފައި ވަނީ ޣައްޒާގެ ބިނާރުތައް މުޅިން ހަލާކުކޮށް ނައްތައިލުމަށެވެ. ޙަމާސްގެ ޒަޢީމުންނާއި އިސްވާރުން ކަތިލައި ނައްތައިލުމަށެވެ. ޔަޙްޔާ އައްސިންވާރާއި އިސްމާޢީލު ހަނިއްޔާގެ ގެކޮޅު ގޮއްވައިލާ ހަލާކުކޮށްލުމަށް ނަތަންޔާހޫ އިޝާރާތް ކުރެއްވީ މިހެންވެގެންނެވެ. އަދި ޙަމާސުން އަސީރުކޮށްފައިވާ ޔަހޫދީ ސައްތައެއްހާ ވަޒަންވެރިން ހޯދައި ސަލާމަތް ކުރުމަށް ޓަކައި ޣައްޒާއަށް އެއްގަމުމަގުން އެރުމަށް ވެސް އިޝާރާތް ކުރެއްވީ މިހެންވެގެންނެވެ. ނަތަންޔާހޫ ވިދާޅުވިގޮތުގައި އެއީ ލަފާކުރެވޭ ޢަދަދެކެވެ. އިސްރާއީލުގެ ސިފައިންނަށާއި އިސްރާއީލުގެ ޖާސޫސީ އިދާރާއަށް މި ޢަދަދު އަދި ކަނޑައަޅައި ބުނާކަށް ނެނގެއެވެ.
އިސްރާއީލު މީހުންގެ ތެރެއިން ގެއްލިފައިވާ މީހުންނާބެހޭ މަޢުލޫމާތު ދިނުމަށް ޓަކައި ޤާއިމުކުރެވުނު މަރްކަޒުތައް ދޮށަށް އިސްރާއީލުގެ އެތައް ޢާއިލާތަކެއް ގޮސް ގެއްލިފައިވާ މީހުންނާ ބެހޭގޮތުން މަޢުލޫމާތު ނުލިބިގެން އެނބުރި ގެއަށް ގޮސްފައި ވަނީ ވަރަށް މާޔޫސްކަމާއެކުގައެވެ.
ލަދުގަންނުވައިލި ސުވާލުތަކެއް
އިސްރާއީލުގެ ކެބިނެޓް ޖަލްސާތަކުގައި އަރާރުންތަކާއި ޒުވާބުތައް ގަދަވެ ނަތަންޔާހޫއާއި ދިފާޢީ ވަޒީރުފަދަ ވަޒީރުން ލަދުފުޅު ގަންނުވައިލި ސުވާލުތަކެއް ކުރެވުނެވެ. މީޑިއާއަށް ނީރުންވި މަޢުލޫމާތުތައް ބުނާގޮތުގައި އަޤްޞާ ޠޫފާނުގެ ތިން ދުވަސްކުރިން އިސްރާއީލު ސިފައިން ބުނެފައިވާ ގޮތުގައި ޙަމާސް އޮތީ މައިތިރި ކުރުވިފައެވެ. ޙަމާސަށް ދެން އިސްރާއީލާ ދިމާއަށް ރޮކެޓެއް ފޮނުވައެއް ނުލެވޭނެއެވެ. ގަޑިއެއްހާއިރުގެ ތެރޭގައި ޙަމާސުގެ ހާހެއްހާ ހަނގުރާނމަވެރިންނަށް އިސްރާއީލަށް ނޭނގި ވަދެވުނީ ކިހިނެއް ހެއްޔެވެ؟ ޙަމާސްގެ ހަނގުރާމަވެރި ބާރު މި ގޮތަށް ތަރައްޤީވަމުން ދިޔަކަން އިސްރާއީލުގެ ޖާސޫސީ އިދާރާއަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ މިހާ ގިނަ ޢަދަދެއްގެ އިސްރާއީލީން ހައްޔަރުކޮށް އަސީރުކޮށް ޣައްޒާއަށް ގެންދިޔައީ ކިހިނެއް ހެއްޔެވެ. އިސްރާއީލުގެ "ނާޙިލް" ބާރުގެ ކޮމާންޑަރާއި ސަރަޙައްދީ މަޖިލީހުގެ ރައީސް މަރައިލެވުނީ ކިހިނެއް ހެއްޔެވެ؟ އިސްރާއީލުގެ 22 ރަށަކަށް ޙަމާސަށް އެރުނީ ކިހިނެއް ހެއްޔެވެ؟
ބައެއް ވަޒީރުން އިސްރާއީލުގެ ލަޝްކަރު ދިފާޢުކުރައްވަން މަސައްކަތް ކުރެއްވިއެވެ. އެބޭފުޅުން ވިދާޅުވިއެވެ. "މި ވަގުތު އިސްރާއީލު އޮތީ ހަނގުރާމައިގެ ޙާލަތުގައެވެ. އަހުރެމެންނަކީ ތަޙްޤީޤު ކޮމެޓީއެއް ނޫނެވެ."
އިސްރާއީލުގެ އަމްނާ ބެހޭ ވަޒީރު ޔޫއާފު ގެލެންޓް ވިދާޅުވިއެވެ. "މިހާރު މަސައްކަތް ކުރަންވީ ޙަމާސްގެ ޢަސްކަރީ ޤާބިލުކަމާއި ބާރު ނައްތައިލާށެވެ. އެމީހުންގެ ވެރިން މަރައި ކުދިކޮށް ކާޅަށް ދޭށެވެ. އެހެން މައިދާންތަކަކަށް ހަނގުރާމަ ފުޅައުވެދާނެތީ އެކަމަށް ތައްޔާރުވުމަށެވެ."
އިސްރާއީލުގެ ކެބިނެޓުން އިއްޔެ ނިންމި ކަންތައްތަކުގެ ތެރޭގައި ދިގު ހަނގުރާމައަކަށް އިސްރާއީލު ތައްޔާރުވުމާއި، ޣައްޒާގެ ބިނާރުތައް ތަޅައި ފުނޑުފުނޑުކުރުމާއި، ހުޅަނގު އައްސޭރި އިސްރާއީލުގެ މުށުގެ ތެރޭގައި ބޭއްވުމާއި، ދެކުނު ލުބްނާނުން އަތުވެދާނެ ޙަމަލާތަކަށް ތައްޔާރުވުމާއި، ރިޒަރވް ބާރުތައް ޚިދްމަތަށް ނެރުމާއި ޣައްޒާއަށް ކަރަންޓައި ހަކަތައާއި މުދާ އެތެރެވުން ހުއްޓައިލުމާއި އިސްރާއީލާ ދެކޮޅަށް އަރަބި ޤައުމުތަކުން އަޅައިފާނެ ފިޔަވަޅުތަކަށް ތައްޔާރުވުމާއި ޝައްކުވާ ކޮންމެ ޢުންޞުރަކަށް ޙަޤީޤީ ވަޒަނުން ވަގުތުން ޙަމަލާދީ އެ ޢުންޞުރުގެ ބާރުކަނޑުވައިލުން ހިމެނެއެވެ.
ސިފައިންގެ ސީނާރިއޯ
ނަތަންޔާހޫ ވިދާޅުވިއެވެ. "އަހުރެމެން މި ކުރިމަތިލަނީ ދިގު، އުނދަގޫ ހަނގުރާމައަކަށެވެ. އެއީ ޙަމާސުން ދިން ހަނގުރާމަވެރި، ފަނާކުރަނިވި ބިރުވެރި، ޙަމަލާގެ ސަބަބުން އަހުރެމެންގެ މައްޗަށް ލާޒިމު ކުރުވި ކަމެކެވެ. ފުރަތަމަ ފިޔަވަހި ނިމޭނީ ޙަމާސްގެ ހަނގުރާމަވެރިން އަހުރެމެންގެ ބިމަށް އެރުމަށް ބޭނުންކުރި ބާރާއި ޤާބިލުކަން ނައްތައިލެވުމުންނެވެ. ދެން އޮންނާނީ އެއްވެސް އޯގާވެރިކަމެއް ނެތި ޙަމާސަށް ޙަމަލާދިނުމެވެ."
ނަތަންޔާހޫ ވިދާޅުވިއެވެ. "މިއަދު މި ހިނގި ކަންތައް ދުވަހަކު ވެސް ހިނގައިފައެއް ނުވެއެވެ. އަހުރެމެން ހަނގުރާމަ ކާމިޔާބު ކުރާނަމެވެ. އެއީ ވަރަށް އަގު ބޮޑު މަސައްކަތެކެވެ. ޙަމާސުން ފިލައި ތިބި ތަންތަން ވީރާނާކޮށް ހަލާކުކޮށް އެމީހުންގެ ބޯ މައްޗަށް ވައްޓައިލާނަމެވެ."
އޭނާ ވިދާޅުވިއެވެ. "އިސްރާއީލުގެ ލަޝްކަރީން މަސައްކަތް ކުރާނީ ޣައްޒާގެ ހުރިހާ ބިނާރުތަކެއް ހަލާކުކޮށްލުމަށެވެ. ޙަމާސްގެ އިސްވާރުން މަރައި ހުސްކުރުމަށެވެ. އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް ޓަކައި ޣައްޒާގެ އެ ފުށް މި ފުށަށް ޖަހާނަމެވެ. އަސީރުން މިނިވަން ކުރާނަމެވެ. އެހެނަސް މިއީ ފަސޭހަ ކަމެއް ނޫނެވެ. މި ކަމުގެ ތެރޭގައި ވެސް އަހުރެމެންގެ ބަޔަކު މަރުވާނެއެވެ. ޙިޒްބުﷲއިން އައު މައިދާނެއް ހުޅުވައިފާނެތީ އަހުރެމެންގެ ލޯތައް ހުޅުވައިފައި ބާއްވާނަމެވެ."



advertisment
One Response
ނަތަންޔާހޫ ބުނާނީ، ވިދާޅެއް ނުވާނެ. ދެންފަހަރަކުން އެހެން ލިޔާތި. އޭނާގެ ޤަދަރެއް އަހަރެމެންގެ ތެރެއަކު ނޯންނާނެ.