ޙަމާސް ޖަމާޢަތުގެ ޢަސްކަރީ ފިޔަ ޢިއްޒައްދީން އައްޤަސާމު ފައުޖުގެ ހަނގުރާމަވެރިން ފެތުރިގެންފައިވާ ޔަހޫދީ އާބާދީތަކުގެ މައްޗަށް ބާރުފޯރުވުމަށް ޓަކައި އިސްރާއީލު ސިފައިން މަސައްކަތް ކުރަމުންދާ ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިއްޔެ ހެނދުނު ޙަމާސްގެ ހަނގުރާމަވެރިން ވަރަށް ކުއްލި ގޮތަކަށް އިސްރާއީލަށް ދިން ޙަމަލާތަކުގައި އިސްރާއީލުގެ 500 މީހަކު ވަނީ މަރުވެފައެވެ. އަޤްޞާ ޠޫފާނަށް ރައްދު ދިނުމަށް ޓަކައި އިސްރާއީލުން ފެށި ދަގަނޑު ކަޑީގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ޢާންމުންގެ 300 މީހަކު ވަނީ ޝަހީދުވެފައެވެ. އިސްރާއީލުން ރުޅިއައިސްގެން ޣައްޒާގައި މީހުން ދިރިއުޅޭ ޓަވަރުތަކަށް ރޭ ވަނީ ބޮންއަޅައި ބައެއް ޓަވަރުތައް ބިމާ ހަމަކޮށްފައެވެ.
އިސްރާއީލުން މިއަދު ރަސްމީކޮށް ބުނިގޮތުގައި ޙަމާސްގެ ޙަމަލާތަކުގެ ސަބަބުން މިއަދު ހަވީރާ ހަމައަށް އާދެވުނުއިރު އިސްރާއީލުގެ 600 މީހުން މަރުވެއްޖެއެވެ.
އީރާނުގެ ރައީސް ގުޅުއްވުން
އީރާނުން ޚަބަރުދޭ ގޮތުގައި އެ ޤައުމުގެ ރައީސް އިބްރާހީމު ރައީސީ ޙަމާސް ޖަމާޢަތާއި އިސްލާމީ ޖިހާދު ޖަމާޢަތުގެ ޒަޢާމަތާ މިއަދު ގުޅުއްވައި އިސްރާއީލާ ދެކޮޅަށް ހޯދަމުންދާ ނަޞްރަށާއި ކާމިޔާބީއަށް ތަހްނިޔާ ވިދާޅުވެ ވަނީ އުފާ ފާޅުކުރައްވައިފައެވެ.
އީރާނުގެ ނޫސް އޭޖެންސީ (އިރްނާ) ބުނާގޮތުގައި އީރާނުގެ ރައީސް އިސްލާމީ ޖިހާދު ޖަމާޢަތުގެ އަމީން ޢާންމު ޒިޔާދުއް ނައްޚާލާއާ ފޯނުން ގުޅުއްވައި ހަނގުރާމަ ނިޔުޅެމުންދާ ގޮތާބެހޭ މަޢުލޫމާތު ހޯއްދެވިއެވެ. އަދި އޭނާ ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ރައީސް އިސްމާޢީލު ހަނިއްޔާއަށް ވެސް ފޯނުން ގުޅުއްވައި ތަހްނިޔާ ވިދާޅުވިއެވެ.
މިޞްރުގައި އިސްރާއީލުގެ 2 ފަތުރުވެރިން މަރައިލުން
މިޞްރުން ޚަބަރުދޭ ގޮތުގައި އެ ޤައުމުގެ މަޝްހޫރު ސަހަރެއް ކަމުގައިވާ އިސްކަންދަރިއްޔާގައި މިޞްރުގެ ފުލުހަކު އޭނާގެ އަމިއްލަ ހަތިޔާރުން އިސްރާއީލުގެ ދެ ފަތުރުވެރިއަކާއި މި ދެ ފަތުރުވެރިންގެ މިޞްރު ގައިޑް މިއަދު ވަނީ މަރައިލައިފައެވެ. މިޞްރު ފުލުހުން ވަނީ ވަގުތުން މި މީހާ ހައްޔަރުކޮށްފައެވެ. މިޞްރުގެ ޤާނޫނީ ވަކީލުންގެ ތެރެއިން އެތައް ބޭފުޅުންނެއް އޭނާގެ ދިފާޢުގައި ތެދުވެވަޑައިގެންފައިވާ ކަމަށް މިޞްރުން ޚަބަރު ދެއެވެ.
މިޞްރުގެ ފުލުސް މީހާ މި ކަން ކުރީ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ އަނިޔާވެރި ޢުދްވާނު ކުށްވެރިކުރާތީ ކަމަށް އޭނާ ބުންޏެވެ. މިޞްރަކީ އިސްރާއީލާއެކު އެންމެ ފުރަތަމަ ޞުލްޙަ ޤާއިމުކުރި ޢަރަބި އިސްލާމީ ދައުލަތެވެ.
ޙިޒްބުﷲގެ ތާއީދު
ލުބްނާނުގެ ޙިޒްބުﷲ ޖަމާޢަތުގެ އިސް އިސްވާރެއް ކަމުގައިވާ ހާޝިމު ޞަފިއްޔުއްދީން ފަލަސްޠީނުގެ ހަނގުރާމަވެރިންގެ ފަހަތުގައި ޙިޒްބުﷲ އޮތްކަމަށް ވިދާޅުވެ މިއަދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
"އަހުރެމެންގެ ހަތިޔާރާއި ރޮކެޓްތައް ހުރީ ތިޔަބައިމީހުންނާއެކުގައެވެ. ފަލަސްޠީނުގެ ހަނގުރާމަވެރީންނާއެކު އެކަތިގަނޑަކަށް ވާކަން ހާމަކުރުމަށް ޓަކައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިއެވެ. "އަހުރެމެން އެބައިމީހުންނަށް ބުނާނީ އުންމަތް އޮތީ ތިޔަބައިމީހުންނާއެކުގައެވެ. އަހުރެމެންގެ ހިތްތަކާއި ހަތިޔާރުތަކާއި ރޮކެޓްތަކާއި ދުޢާތައް އޮތީ ތިޔަ ހިތްވަރުގަދަ ބަޠަލުންނާ އެކުގައެވެ. މާތްﷲގެ ބަރަކާތާއެކު ކުރިއަށްދާށެވެ."
ތައިލެންޑްގެ ދެމީހަކާއި ކެމްޕޫޗިޔާ މީހަކު މަރުވުން
ތައިލެންޑާއި ކެމްޕޫޗިޔާއިން ރަސްމީކޮށް ބުނާގޮތުގައި ޙަމާސާއި އިސްރާއީލާ ދެމެދުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ތައިލެންޑްގެ ދެ މީހަކާއި ކެމްޕޫޗިޔާގެ މީހަކު ވަނީ މަރުވެފައެވެ. ތައިލެންޑްގެ ބޮޑުވަޒީރު އޭނާގެ އެކްސްގައި ލިޔުއްވައިފައިވާ ގޮތުގައި ތައްލު އަބީބުގައި ހުންނަވާ އެ ޤައުމުގެ ސަފީރު ޚަބަރުދެއްވާ ގޮތުގައި އިސްރާއީލާ ފަލަސްޠީނުގެ ހަނގުރާމަވެރީންނާ ދެމެދުގައި ހިނގަމުންދާ ހަރުކަށި ޢަމަލުތަކުގައި ތައިލެންޑްގެ ދެ މީހަކު މަރުވެފައި ވެއެވެ. އެ ދެމީހުން މަރުވީ އިސްރާއީލުގެ ކޮން ރަށެއްގައި ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ. ތައިލެންޑްގެ ޚާރިޖިއްޔާއިން ބުނާގޮތުގައި އެ ވުޒާރާއިން މިހާރު ދަނީ އިސްރާއީލުގައި ތިބި ތައި މީހުން ބޭރަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ.
ކެމްޕޫޗިޔާއިން ބުނާގޮތުގައި އެ ޤައުމުގެ މީހާ މަރުވީ އިސްރާއީލުގައި ޙަމާސް ޖަމާޢަތުން ދިން ޙަމަލާގައެވެ.



advertisment