ޤަޠަރުން އިސްރާއީލާއެކު ވާހަކަދައްކައިގެން ޣައްޒާގެ ބައިތު ޙަނޫން ހުރަސް މަގު ރޭ ހުޅުވައިފިއެވެ.
މި މަގު ބަންދުކޮށް ޣައްޒާ ޙިޞާރުކޮށްފައި އޮންނަތާ ދެ ހަފުތާވެއްޖެއެވެ. މި މަގު ބަންދު ކުރުމުން ފަލަސްޠީނުގެ ޒުވާނުން ފެށި އިޙްތިޖާޖުތައް މިއަދު ހުއްޓައިލައިފައިވާ ކަމަށް ރޮއެޓަރޒް ބުނެއެވެ.
ޣައްޒާގެ 18 ހާސް މީހަކަށް އިސްރާއީލަށް ގޮސް މަސައްކަތް ކުރުމުގެ ހުއްދަ އިސްރާއީލުން ދީފައި ވެއެވެ. ނަމަވެސް މި މަގު ބަންދު ކުރުމުގެ ސަބަބުން އެމީހުންނަށް ވަނީ މަސައްކަތަށް ނުދެވިފައެވެ. ރޮއެޓަރޒް ބުނާގޮތުގައި މި މީހުން މަސައްކަތް ކުރުމުގެ ސަބަބުން ޣައްޒާއަށް ދުވާލަކު ދެ މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ. އިސްރާއީލުން މި މަގު ހުޅުވަން ޤަބޫލުވީ މިޞްރާއި ޤަޠަރާއި އދ ގުޅިގެން ކުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ. މި ތިން ފަރާތް ގުޅިގެން މި މަސައްކަތް ކުރީ ޣައްޒާ ނުތަނަވަސްވެ ކުރިމަތިލުމުގެ އައު ބުރަކަށް ހިނގައިދާނެތީއެވެ.
ޣައްޒާ އާރާސްތުކުރާ ކޮމެޓީގެ ރައީސް މުޙައްމަދުލް ޢިމާދީ ވިދާޅުވާގޮތުގައި އިސްރާއީލާ ޣައްޒާއާ ދެމެދުގައި އެއްބަސްވެފައިވާ ފަދައިން އެރޭޒް މަގު ހުޅުވުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ. އޭނާ ވިދާޅުވިގޮތުގައި ޣައްޒާ އޮތީ ވަރަށް ހަމްދަރްދީގެ ޙާލަތެއްގައެވެ. އިތުރު ކުރިމަތިލުމެއް ހިނގައިފިނަމަ ޣައްޒާގެ އިންސާނީ ޙާލަތު ވަރަށް ނާޒުކު ޙަލަތަކަށް ވެއްޓިގެންދާނެއެވެ.
މުޒާހަރާތައް
އިސްރާއީލު ސިފައިންނާ ޣައްޒާ މީހުންނާ ދެމެދުގައި ސަރަޙައްދީ ރޮނގު ކައިރީގައި ކުރިމަތިލުންތައް ހިނގަމުންދާތާ ދެ ހަފުތާއެއްހާ ދުވަސްވެއްޖެއެވެ. ޣައްޒާ މީހުން އޮށްގަލާއި ވަރަށް އާދައިގެ އަތުބޮންތަކުން އިސްރާއީލު ސިފައިންނަށް ޙަމަލާދެމުންދާއިރު އިސްރާއީލު ސިފައިން ދަނީ ޙަޤީޤީ ވަޒަނުން ޣައްޒާ މީހުންނާ ކުރިމަތިލަމުންނެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން ޣައްޒާއިން ވަނީ އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމުވެފައެވެ.
ޣައްޒާގެ ބައިތު ޙަނޫން މަގު ބަންދު ކުރުމުގެ ސަބަބުން ޣައްޒާމީހުންނަށް ވަނީ މިޞްރަށް ދިޔުން ވެސް ބަންދުވެފައެވެ. ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ލިބެނީ މިޞްރުންނެވެ. އަދި ގިނަ ބަޔަކު ބޭސްފަރުވާ ކުރުމަށް ދަނީ ވެސް މިޞްރަށެވެ.
ފައިސާއާ ބެހޭ ބައިނަލްއަޤްވާމީ ފަންޑް ބުނާގޮތުގައި ޣައްޒާގައި މަސައްކަތް ލިބިފައިނުވާ މީހުންގެ ޢަދަދު ވަނީ 50% އަށް މައްޗަށް ގޮސްފައެވެ.



advertisment