Support Us

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރިއަށް އަރައިފި

ހުޅަނގު އައްސޭރީގެ ޠޫބާސްގެ އުތުރުގައި އޮންނަ ޢުޤާބާ ނަމަކަށް ކިޔާ ރަށަށް އިސްރާއީލު ސިފައިން މިއަދު ހެނދުނު އެރުމުން އިސްރާއީލު ސިފައިންނާއި ފަލަސްޠީނުގެ ހަނގުރާމަވެރީންނާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

މި ކުރިމަތިލުމުގައި ފަލަސްޠީނިގެ ހަނގުރާމަވެރިއަކު ޝަހީދުވެ އިތުރު ހަތަރު ހަނގުރާމަވެރިން ޒަޚަމުވިއެވެ. މީގެ ތެރެއިން ދެ މީހުން ޒަޚަމުވީ ޙަޤީޤީ ވަޒަނުންނެވެ. އަނެއް ދެ މީހުން ޒަޚަމުވީ ރަބަރު ތޮށިގަނޑެއްލައިފައި ހުންނަ މަޢުދަނީ ވަޒަނުންނެވެ.

އިސްރާއީލު ސިފައިން މި ރަށަށް އެރީ އިސްރާއީލުން ހައްޔަރު ކުރާން ބޭނުންވާ ފަލަސްޠީނު މީހަކު ހައްޔަރުކުރާންވެގެންނެވެ. އިސްރާއީލު ސިފައިން އޭނާގެ ގޭދޮށަށް ގޮސް އަޑުގަދަކުރާއިން އޭނާއަށް ނުކުމެ ހައްޔަރުވުމަށް ގޮވައިލިއެވެ. އޭނާ ނުނުކުތުމުން އޭނާގެ ގެ ގޮއްވައިލިއެވެ.

އިސްރާއީލު ސިފައިން މި މީހާ ހޯދަންވެގެން ޠޫބާސްގެ ހަސްފަތާލަށް ވެސް ވަނެވެ. އިސްރާއީލު ސިފައިން މި މީހާ ނުފެނިގެން އެމީހުން ޢުޤާބާއިން ފޭބި ކަމަށް ވެސް އިސްރާއީލުން ބުންޏެވެ.

ޖަޒީރާ ބުނާގޮތުގައި އިސްރާއީލު ސިފައިން މި ރަށުން ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ އެމީހުންގެ ގެ ޙިޞާރުކޮށް އެ ގެ ގޮއްވައިލުމަށް ފަހުގައެވެ. ހައްޔަރު ކުރި ތިން މީހުންނަކީ ބައްޕައަކާއި އޭނާގެ ދެ ދަރީންނެވެ.

ޖަޒީރާ ބުނާގޮތުގައި އިސްރާއީލު ސިފައިން މިއަދު ހެނދުނު ނާބްލުސްގެ ބައެއް އަވަށްތަކަށް އަރައި ފަލަސްޠީނުގެ ދެ މީހަކު ހައްޔަރުކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *