Support Us

ގެބޯންގެ ރައީސް މުސްކުޅިކޮށް ވަގުތީ އައު ރައީސެއް ޢައްޔަންކޮށްފި

ގެބޯންގެ އިންޤިލާބީ އިސްވާރުން އެ ޤައުމުގެ އިންތިޤާލީ މަރްޙަލާގެ ރައީސްކަމަށް އެ ޤައުމުގެ ރިޔާސީ ފާރަވެރީންގެ ކޮމާންޑަރު، ޖެނެރަލް ޕްރިސް އޮލެގީ ނުގައިމާ މިއަދު ޢައްޔަންކޮށްފިއެވެ. މިކަމާ ވިދިގެން އޭނާ އެ މަޤާމުގެ ހުވާކުރައްވައި ވަގުތީ ރައީސްކަމާ ޙަވާލުވެވވަޑައިގެންފިއެވެ.

ގެބޯންގެ ސިފައިން އެ ޤައުމުގެ ވެރިކަމާ ޙަވާލުވީ އިއްޔެ ހެނދުނު ގެނައި އިންޤިލާބެއްގައެވެ. މި އިންޤިލާބަށް ތާއީދުކޮށް ވެރިރަށް ލިބަވެލްގައި ޢާންމު ރައްޔިތުން އިއްޔެ ވަނީ މުޒާހަރާ ކޮށްފައެވެ. ވެރިކަމުން ރައީސް ޢަލީ ބޮންގޯ ވަކިކުރީ އޭނާ ރައީސްކަމަށް ތިން ވަނަ ދައުރަކަށް ހޮވިވަޑައިގެންކަން އިޢުލާން ކުރިތާ އިރުކޮޅެއް ފަހުންނެވެ.

ސިފައިންގެ ވެރިން ރިޔާސީ އޮފީހުގައި ތިބެ ދިން ބަޔާނުގައި އެ ޤައުމުގައި ބޭއްވި އިންތިޚާބު ބާޠިކޮށްފައިވާ ކަމަށާއި އެ ޤައުމުގެ ސަރަޙައްދުތައް ބަންދުކޮށްފައިވާ ކަމަށް އައިސްފައި ވެއެވެ. ހަވީރު 6:00 ން ހެނދުނު 6:00 ށް ވަނީ ބޭރަށް ނުކުމެއުޅުން ވެސް މަނާކޮށްފައެވެ.

މި އިންޤިލާބާ ވިދިގެން އިނޤްލާބުގެ އިސްވާރުން ދިން ދެވަނަ ބަޔާނުގައި ރައީސް ބޮންގޯއާއި އޭނާގެ ދަރިކަލަކާއި އޭނާގެ ސަރުކާރުގެ ބައެއް ވަޒީރުން "އެންމެ ބޮޑު ޚިޔާނަތުގެ ކުށުގައި" ބަންދުކުރެވިއްޖެ ކަމަށް ބުނެފައި ވެއެވެ.

އެ ބަޔާން ބުނާގޮތުގައި ގެބޯންގެ ސަރުކާރާއި ސެނެޓާއި ވަޠަނީ ޖަމްޢިއްޔާ (ބަރްލަމާން) އާއި ދުސްތޫރީ ކޯޓާއި އިލެކްޝަން ކަމިޝަން މިހާރު ވަނީ އުވާލައިފައެވެ.

ޖަޒީރާ ފަދަ މީޑިޔާތައް ބުނާގޮތުގައި ވައިގެ ދަތުރުފަތުރުތައް ވަނީ ހުއްޓައިލައިފައެވެ. ރޮއެޓަރޒް ބުނާގޮތުގައި ނެޓްގެ ޚިދްމަތް އިރުކޮޅަކަށް ކެނޑުނު ނަމަވެސް މިހާރު އެ ޚިދްމަތް އެބަ ލިބެއެވެ.

ގެބޯންގެ ވަގުތީ ރައީސް ޖެނެރަލް ނުގައިމާ

މި ދިޔަ ހޮނިހިރު ދުވަހު ގެބޯންގައި ބޭއްވި ރިޔާސީ އިންތިޚާބާއި ބަރްލަމާން އިންތިޚާބު ބޭއްވުނު ގޮތާމެދު އިދިކޮޅު ޕާޓީތަކުން ވަނީ ފާޑުކިޔައިފައެވެ. މި އިންތިޚާބު ބާއްވައުފައިވަނީ ބައިނަލްއަޤްވާމީ މުރާޤިބުންގެ ބެލުމެއް ނެތިއެވެ. ރައީސް ޢަލީ ބޮންގޯގެ ޢާއިލާ އެ ޤައުމުގައި ވެރިކަން ކުރަމުންދާތާ 56 އަހަރުވެއްޖެއެވެ. މި އިންތިޚާބުގައި ވޯޓުލައިފައި ވަނީ 56.65% މީހުންނެވެ. މި އިންތިޚާބުގައި ރައީސް ޢަލީ ބޮންގޯއަށް 64.27% ވޯޓު ލިބިވަޑައިގެންފައި ވެއެވެ.

ގެބޯނަކީ ތެލާއި ކޮކޯއާއި އަލިމަހާއި ޔޫރޭނިޔަމްގެ މުއްސަނދިކަން އޮތް ޤައުމެކެވެ. އެއީ އޯޕެކްގެ މެންބަރެއް ވެސްމެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *