Support Us

ސޫދާނުގެ ސިޔާދަތީ މަޖިލީހުގެ ރައީސް މިޞްރަށް

ސޫދާނުގެ ސިޔާދަތީ މަޖިލީހުގެ ރައީސް ޢަބްދުލްފައްތާޙުލް ބުރްހާނު މިއަދު މިޞްރަށް ވަޑައިގެންފިއެވެ. މިއީ މީގެ ފަސްމަސް ކުރިން ސޫދާނުގައި ސިފައިންނާއި އިދިކޮޅު އަވަސް ޙަރަކާތުގެ ބާރުތަކާ ދެމެދުގައި ހަނގުރާމަ ފެށުނު ފަހުން ރައީސް އަލްބުރްހާން ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 

މިޞްރުގެ އައްޝަރްޤުލް އައުސަޠު ނޫސް އޭޖެންސީ ބުނާގޮތުގައި ސޫދާނުގެ ރައީސަށް ޢަލަމައިނި ވައިގެ ބަނދަރުން މަރްޙަބާ ދެންނެވީ މިޞްރުގެ ރައީސް ޢަބްދުލްފައްތާޙުއް ސީސީއެވެ. ސޫދާނުގެ ސިޔާދަތީ މަޖިލިސް ބުނާގޮތުގައި ދެ ރައީސުންގެ ބައްދަލުކުރެއްވުމުގައި ބަޙުސްކުރައްވާނީ ސޫދާނުގެ މަސްއަލަ ތަރައްޤީވަމުންދާ ގޮތާ ބެހޭގޮތުންނާއި، އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކާ ބެހޭގޮތުންނާއި މި ގުޅުންތައް ވަރުގަދަކޮށް ދެމެހެއްޓުމާ ބެހޭގޮތުންނެވެ. 

ރައީސް ބުރްހާނުގެ އަރިހުގައި ޚާރިޖީ ވަޒީރު ޢަލިއްޞާދިޤާއި  ޖާސޫސީ އިދާރާގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމު މުފައްޟަލާއި ދިފާޢީ ޞިނާޢަތްތަކުގެ ނިޒާމާ ބެހޭ ޑިރެކްޓަރު ޖެނެރަލް ޖެނެރަލް މިރްޣަނީ އިދްރީސް ސުލައިމާން މިޞްރަށް ވަޑައިގެންނެވިކަމަށް ސޫދާނުގެ ރިޔާސީ އޮފީހުން ބުންޏެވެ. 

ސޫދާނުގެ ސިޔާދަތީ އިންތިޤާލީ މަޖިލިސް ބުނިގޮތުގައި ރައީސް ބުރްހާން މިޞްރަށް ވަޑައިގަތުމުގެ ކުރިން އިއްޔެ ޕޯޓް ސޫދާނު ސަހަރުގައި ކެބިނެޓާ ބައްދަލުކުރެއްވިއެވެ. ވޭތުވެދިޔަ މަރްޙަލާގައި ދައުލަތުގެ ތަންފީޒީ ބާރުން ކޮށްފައިވާ މަސައްކަތްތައް މުރާޖަޢާ ކުރައްވައި ސަރުކާރުގެ މަޝްރޫޢުތަކުގެ ޢާންމު މަލަތަކަށާއި ޕްރޮގްރާމުތަކަށް އޭނާ ބައްލަވައިލެއްވިއެވެ.

ސޫދާނުގެ ސަޤާފަތާއި އިޢުލާމީ ވަޒީރު ގްރެހަމް ޢަބްދުލް ޤާދިރު ހާމަކުރެއްވިގޮތުގައި ނުރައްކާތަކާ ކުރިމަތިލުމަށް ޓަކައި ސޫދާނުން ބަރޯސާ ވާނީ އެ ޤައުމުގެ ތަނަވަސްކަމަށާއި މަޞްދަރުތަކަށެވެ.

އަނެއްކޮޅުން ރައީސް ބުރްހާން ވިދާޅުވާގޮތުގައި "ޚާޢިނުންނާއި ބާޣީންނާއެކު ވާހަކަދެއްކުމުގެ ފުރްޞަތެއް ނޯންނާނެއެވެ. ބުރްހާނުގެ ނާއިބު މާލިކު ޢަޤާރު ވިދާޅުވާގޮތުގައި ޤައުމުތަކުގެ ރައީސުންނާއި ސަރުކާރުތަކުގެ ވެރިން އޭނާއަށް ކަށަވަރުކޮށްދެއްވައިފައިވާ ގޮތުގައި އެ ޤައުމުތަކުން މުޢާމަލާތު ކުރާނީ ސޫދާނުގެ ސަރުކާރާއެވެ. އަދި އެ ޤައުމުތަކުން ސުދާނުގެ ދާޚިލީ އެއްވެސް ކަމަކާ ނުބެހޭނެއެވެ.

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 4.6 މިލިއަން މީހުން ވަނީ ޤައުމު ދޫކޮށް ދާން މަޖްބޫރުވެފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *