ނޭޓޯގެ އިސް އޮފިސަރުންތަކެއް ސިއްރު ތަނެއްގައި ޔުކްރޭނުގެ ޢަސްކަރީ އިސްވާރު ވެލަރީ ޒަލޮޖިނީއާ ބައްދަލުކުރައްވައިފިއެވެ.
އިނގިރޭސިވިލާތުގެ ގާޑިޔަން ދުވަހުނޫސް ބުނާ ގޮތުގައި މި ބައްދަލުވުން އޮތީ ޕޯލެންޑް ޔުކްރޭން ސަރަޙައްދު ކައިރީގައެވެ. މި ބައްދަލުވުން ފަސް ގަޑިއިރަށް ދެމިގެން ދިޔައެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ޔުކްރޭނުގެ ޢަސްކަރީ އިސްތިރާޖީ އަލުން ހަމަ މަގަށް އިޢާދަކުރުމެވެ. މި އަންނަ ފިނި މޫސުމުގައި ޔުކްރޭންގެ އިދިކޮޅު ޙަމަލާ ކުރިއަށް ގެންދާނެ ގޮތާބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާތައް ކުރިއެވެ. އަދި ޒަބަރޯޖިޔާ ސަރަޙައްދުގެ ޙަމަލާތައް ވަރުގަދަ ކުރުމަށް ވެސް ނަސޭޙަތްތެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމުގެ ކުރިން ޔުކްރޭންގެ ރައީސް ޒިލެންސްކީ ވަނީ ކިޔީވްގައި އިނގިރޭސިވިލާތުގެ އެޑްމިރަލް ޓޯނީ ރެޑްކިނާ ބައްދަލުކުރައްވައި ޔުކްރޭންގެ އިސްތިރާޖީއާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
ވުޖޫދީ މަސްއަލައެއް
ޔުކްރޭން ހަނގުރާމައަކީ ރަޝިޔާއަށް ބަލާއިރު އެ ޤައުމުގެ ވުޖޫދީ މަސްއަލައެއް ކަމަށް ރޫސީ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް މެޑްވެޑޭވް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި މޮސްކޯއަށް އޮތް ހަމައެކަނި ޚިޔާރަކީ ކުރިމަތިލުމެވެ.
މެޑްވެޑޭވް ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ތިބީ ޚިޔާރެއްގެ ކުރިމަތީގައެވެ. ތާރީޚީ ގޮތުން ބޮޑު ދައުލަތެއްގެ ގޮތުގައި ދެމިއޮތުމެވެ. ނުވަތަ ދުޝްމަނުންނާއި އެމީހުންގެ ފަލަކުގައި އެނބުރޭމީހުން އެދޭގޮތަށް މި ބޮޑު ދައުލަތް އިރި ކުދިކުދި ދައުލަތްތަކަކަށް ކިބަވެގެން ދިޔުމެވެ. މި މަސްއަލައާމެދު އަޅުގަނޑުމެން މުޢާމަލާތު ކުރާނީ މި މިންގަނޑުންނެވެ. ޤައުމުގެ ޒަޢާމަތުން މުޢާމަލާތު ކުރާނީ މި މީޔާރުގެ ދަށުންނެވެ."
މެޑްވެޑޭވަކީ ރަޝިޔާގައި ރައީސްކަން ކުރެއްވި، ރައީސް ޕޫޓިނަށް ވަރަށް ވަފާތެރި ބޭފުޅެކެވެ.