ބ. ހިތާދޫ އިންޖީނުގެއާއި ފެނަކަ އޮފީސް ޢިމާރާތާއި ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ހުޅުއްވައިދެއްވި ހިތާދޫ ފެނަކަ އައު އޮފީސް ޢިމާރާތަކީ 15 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެ، ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 800 ކިލޯވޮޓްއެވެ. ހިތާދޫ އިންޖީނުގެ އާއި ފެނަކަ އައު އޮފީސް ޢިމާރާތްކޮށްފައި ވަނީ ރަށުގެ މީހުން އުޅޭ ސަރަޙައްދާއި ދުރުގައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތަކީ އެ ހޮސްޕިޓަަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިތުރު ކުރި ޢިމާރާތެކެވެ. މި ޢިމާރާތުގައި، ހަ އެނދުގެ ޑަޔަލިސިސް ޔުނިޓަކާއި، އޯޕީޑީ ކޮންހަސަލްޓޭޝަން ރޫމާއި، ވެއިޓިންގ އޭރިޔާއަކާއި، ރިސެޕްޝަން ހިމެނެއެވެ.
މި ޢިމާރާތް ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޢިމާރާތް ބައްލަވާލައްވައި، ބ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ.



advertisment