ގއ. ދެއްވަދޫ ފެނަކަ އައު އޮފީހާއި ސްކޫލުގެ އައު ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ދެއްވަދޫ ފެނަަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. ކުރިން ދެއްވަދޫގައި ހުރި އިންޖީނުގެއާ އޮފީސް ހުރީ، މީހުން ދިރިއުޅޭ ސަރަހައްދުގައި ނަމަވެސް އައު އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ދެއްވަދޫ ސުލްޠާން މުޙައްމަދު ސްކޫލުގެ ދެ ބުރީގެ އައު ޢިމާރާތަކީ، ދެ ކުލާސްރޫމާއި، ހެލްތް ރޫމަކާއި ލައިބްރަރީއެއް ހުންނަ ޢިމާރާތެކެވެ. މިޢިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެންނެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެއްވަދޫގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ، އަޒްރޯވާ ޕައިޕް ފެކްޓަރީ ހުޅުއްވައިދެއްވާފައެވެ. އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މި ފެކްޓްރީއަކީ، ފެނާއި ނަރުދަމާ އަދި އެނޫންވެސް ބޭނުންތަކަށް ބޭނުންވާ ހޮޅި އުފައްދާ ފެކްޓްރީއެކެވެ.



advertisment