Support Us

ކަޅުކަނޑުގައި އޮންނަ ރޫސީންގެ ފްލީޓް ފުނޑުފުނޑުކޮށްލާނަން: ޒިލެންސްކީ

ޔުކްރޭންގެ ކަނޑުގެ ސަރަޙައްދު ޙިޞާރު ކުރިޔަ ނުދިނުމަށާއި ޔުކްރޭންގެ ގޮވާމާއި އެހިހެން ބާވަތްތަކުގެ މުދާތައް ބޭރުކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ޓަކައި ޔުކްރޭނުން ކަޅުކަނޑުގައި ދެމުންގެންދާ ޙަމަލާތަކަށް ކިޔީވުން ވަރަށް ވަރުގަދައަށް ރައްދުދެމުންދާނެ ކަމަށް ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވެއްޖެއެވެ.

ޒިލެންސްކީ ވީޑިއޯ ކްލިޕެއްގައި ވިދާޅުވިއެވެ. "ރޫސީ ކަނޑުގެ ސަރަޙައްދުން ބޭރުގައި އަހުރެމެން ޙިޞާރުކުރަމުންދާނަމަ އަދި އަހުރެމެންގެ ބަނދަރުތަކަށް ރަޝިޔާއިން ބަޑިންނާއި ރޮކެޓުން ޙަމަލާދެމުންދާނަމަ ޔުކްރޭނުން ވެސް ހަމަ އެ ބީދައިން ރަޝިޔާއަށް ޙަމަލާތައް ދޭނެއެވެ. މިއީ ޢަދްލުވެރި ދިފާޢެކެވެ."

ރައީސް ޒިލެންސްކީ މޮސްކޯއަށް އިންޒާރުދެއްވަމުން ވިދާޅުވިއެވެ. "އަހުރެމެންގެ އަތުގައި މާ ގިނަ އުޅަނދުތަކެއް ނެތެވެ. އެހެނަސް ރޫސީންނަށް އެނގެންޖެހޭނެ އެއް ޙަޤީޤަތަކީ ހަނގުރާމަ ނިމޭއިރު ރޫސީން އަތުގައި އެއްވެސް އުޅަނދެއް ނޯންނާނެއެވެ. އެ ހުރިހާ އެއްޗެއް ހަލާކުކޮށް ނައްތައިލާނަމެވެ."

ރައީސް ޒިލެންސްކީ ލެޓިން އެމެރިކާގައި ނޫސްވެރީން ބައްދަލުކުރައްވަމުން ޔުކްރޭންގެ ކަނޑުގެ ބަނދަރުތަކަށް ޑްރޯނުންނާއި ރޮކެޓުން ޙަމަލާތައް ދިނުން ހުއްޓައިލުމަށާއި ޔުކްރޭނަށް ވިޔަފާރި ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މޮސްކޯއަށް ގޮވައިލެއްވިއެވެ.

މީގެ އިތުރަށް ޔުކްރޭނުގެ ދެކުނު ސަރަޙައްދުގެ ޢަސްކަރީ ތަރްޖަމާނު ރަޝިޔާއަށް އިންޒާރުކުރައްވަމުން ވިދާޅުވި ގޮތުގައި ރަޝިޔާގެ އެއްވެސް އުޅަނދަކަށް ކަޅު ކަނޑުގައި ނޯވެވޭނެ ގޮތް ހަދާނަމެވެ. ޔުކްރޭނުން އެ އުޅަނދުތައް ހަލާކުކޮށްލާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނުން ރޫސީ ފްލީޓަށް ދީފައިވާ ޙަމަލާތަކުގެ ސަބަބުން އެ ފްލީޓް މިހާރުވެސް ވަނީ ގަޑުބަޑުވެފައެވެ.

މީގެ ދެ ދުވަސްކުރިން ރަޝިޔާގެ ތެޔޮބޯޓަކަށާއި ރަޝިޔާގެ ކަނޑުގެ ބޭހެއްގައި އޮތް ސިފައިން ބާލައި މަނަވަރަކަށް ޔުކްރޭނުން ވަނީ ބޮއްކުރާ ބޮމުން ދެ ޙަމަލާއެއް ދީފައެވެ.

ހަނގުރާމައިގެ މައިދާން

ޔުކްރޭންގެ އިރު އުތުރުގެ ޚާރކީވް ސަރަޙައްދުގައި ތިބި ރޫސީ ސިފައިންގެ ޢަސްކަރީ އިދާރާގެ ރައީސް ގެންޝިވް ވިދާޅުވާ ގޮތުގައި ރޫސީ ސިފައިން އެ ސަރަޙައްދުން ފަސް ރަށެއް ޔުކްރޭން ސިފައިން އަތުން ވަނީ ހިފައިފައެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭން ސިފައިންގެ އިދިކޮޅު ޙަމަލާތައް ފޭލްވަމުންދާ މިންވަރު އެނގެއެވެ. ރަޝިޔާއިން ހޯމަދުވަހު ބުނިގޮތުގައި ރޫސީ ސިފައިން ވަނީ ކޮބިޔަންސްކް ސަހަރާއާ ދިމާއިން ތިން ކީލޯމީޓަރަށް ކުރިއަށް ޖެހިފައެވެ.

އަނެއްކޮޅުން ޔުކްރޭން ސިފައިން ބުނާގޮތުގައި ދެކުނުގެ ޚަރސަން ސަރަޙައްދުގެ ޑްނެޕްރޯ ކޯރުގެ ދެކުނު ފަރާތުގައި ތިބި ރޫސީ ސިފައިންގެ މަރްކަޒަކަށް ޙަމަލާދީ އެ މަރްކަޒު ހަލާކުކޮށްލައިފައެވެ.

ޔުކްރޭންގެ ޚަރކީވް ސަރަޙައްދުގައި އެތައް ނާރެސްތަކެއްގައި ހަނގުރާމަ ހިނގަމުން އެބަދެއެވެ. ޔުކްރޭނުން ބުނާގޮތުގައި ޕޮކްރޯޗްސްކް ސަހަރުގެ ޢިމާރާތަކަށް ރަޝިޔާ ސިފައިން ދިން ރޮކެޓް ޙަމަލާގައި މަރުވި މީހުންގެ ޢަދަދު ހަތަކަށް އިތުރުވެއްޖެއެވެ. ޒަޚަމުވި މީހުންގެ ޢަދަދު ދަނީ އިތުރު ވަމުންނެވެ. އެހެނަސް ރޫސީން ބުނާގޮތުގައި އެމީހުން ޙަމަލާދިނީ އެ ސަހަރުގައި ހުރި ޔުކްރޭން ސިފައިންގެ މައިމަރްކަޒަށެވެ.

ރަޝިޔާއިން ބުނާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ޔުކްރޭން ސިފައިން ތިބި 143  ތަނަކަށް ޙަމަލާ ދިނެވެ.

ޖޫން ހަތަރެއްގައި ޔުކްރޭނުން ވަނީ ރަޝިޔާއާ ދެކޮޅަށް އިދިކޮޅު ޙަމަލާތައް ފަށައިފައެވެ. ހުޅަނގުގެ އެހީގައި މި ފެށި އިދިކޮޅު ޙަމަލާތައް ކުރިއަށް ދަނީ ވަރަށް މަޑުމަޑުން ކަމަށް ޔުކްރޭނުން ބުނެއެވެ.

އެހެނަސް ރަޝިޔާގެ ކުރީގެ ރައީސް އަދި ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް މެޑްވެޑޭވް ވިދާޅުވާ ގޮތުގައި ޔުކްރޭންގައި ރަޝިޔާއިން ފަށައިފައިވާ ޢަސްކަރީ ޚާއްޞަ މަސައްކަތް ރާވައިފައިވާ ގޮތަށް ކުރިއަށް ގެންގޮސް ނިންމައިލުމުގެ ކުޅަދާނަކަން ރަޝިޔާއަށް ލިބިގެން ވެއެވެ. މެޑްވެޑޭވް އޭނާގެ ޓެލެގްރާމުގައި ވިދާޅުވެފައިވާ ގޮތުގައި 2008ގައި ރަޝިޔާއިން ނަޞްރު ހޯދިގޮތަށް ޢަދުއްވުން ބަލިކޮށް ނަޞްރު ހޯދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި އެ ހަނގުރާމައިގައި ވެސް އެމެރިކާ، ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރިއެވެ. އެހެނަސް މިއަދު ހަނގުރާމަ ކުރަމުންދަނީ ފާޅުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *