އީރާނުގެ ސަބަބުން ގަލްފް ސަރަޙައްދު ނުތަނަވަސްވަމުންދާކަމަށް ތުހްމަތުކޮށް އެމެރިކާއިން ތިން ހާސް ކަނޑުގެ ސިފައިން މެދުއިރުމައްޗަށް ފޮނުވައިފިއެވެ.
އެމެރިކާއިން ދިރާސާކުރަމުންދަނީ ހުރްމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުގައި އެމެރިކާގެ ކަނޑުގެ ސިފައިން ބައިތިއްބައިގެން އީރާނުގެ ބިރުދެއްކުމުން އެ އުޅަނދުތަކަށް އަމާންކަން ހޯދައިދިނުމަށެވެ. މިއީ އެމެރިކާއިން މީގެކުރިން ކޮށްފައިވާ ކަމެއް ނޫނެވެ.
ބަޙްރައިނުގައި މަރްކަޒުކޮށްފައިވާ އެމެރިކާގެ ހަ ވަނަ ފްލީޓް ބުނާގޮތުގައި އިއްޔެ 3000 ސިފައިން މެދުއިރުމައްޗަށް ވަނީ ފޮނުވައިފައެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ކަނޑާއި އެއްގަމުގައި ދަތުރުކުރާ އެމެރިކާގެ ޢަސްކަރީ އުޅަނދު ޔޫއެސްއެސް ޕެޓަނާއި ސިފައިން ބާލައި މަނަވަރު ޔޫއެސްއެސް ކާޓަރ، މެޑިޓެރޭނިއަނުން ލައިފާ ސުވޭސް ކެނެލް ހުރަސްކޮށް ރަތްކަނޑަށް ހިނގައްޖެއެވެ. އެމެރިކާގެ ފްލީޓް ބުނާގޮތުގައި މި ދެ މަނަވަރު ދިޔައީ ވަޔާއި ކަނޑުގެ އުޞޫލުތައް ތަނަވަސްކޮށްދިނުމަށް ޓަކައެވެ. ކަނޑު- އެއްގަމު އުޅަނދުގައި 24 ހެލިކޮޕްޓަރ ވާ ކަމަށް ވެސް އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.
ޠަހަރާނުން އިލްޒާމު އަޅުވަނީ ވޮޝިންގްޓަންގެ ބޮލުގައި
މިއަދު އީރާނުން ބުނިގޮތުގައި މިއީ ހަމައެކަނި އެމެރިކާގެ މަޞްލަޙަތުތައް ޙިމާޔަތް ކުރަންވެގެން ކުރާ ކަމެކެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނާޞިރު ކަންޢާނީ ވިދާޅުވިއެވެ. "އެމެރިކާ ސަރުކާރަށް ޓަކައި އެ ސަރަޙައްދުގައި ބާއްވާ ޢަސްކަރީ ވުޖޫދަކުން ދުވަހަކުވެސް އެ ސަރަޙައްދަށް އަމާންކަމެއް ނުލިބޭނެއެވެ. މި ސަރަޙައްދުގައި އެމީހުންގެ މަޞްލަޙަތުތައް ދެމެހެއްޓުމަށް ކުރާ މަސައްކަތުން މި ސަރަޙައްދަށް ލިބޭނީ ނާމާންކަމެވެ. ހަމަނުޖެހުމެވެ."
އޭނާ ނޫސްވެރީންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަހުރެމެން ޤަބޫލުކުރާގޮތުގައި ގަލްފުގެ ޤައުމުތަކަށް ގަލްފް އަމާންކުރުމުގެ ޤާބިލުކަން ލިބިގެންވެއެވެ."
ވޭތުވެދިޔަ ދުވަސްތަކުގައި އީރާނުގެ އިންޤިލާބީ ފާރަވެރީން ވަނީ އިމާރާތުން އެ ޤައުމުގެ ރަށެއްކަމުގައި ބުނާ އަބޫ މޫސާ ޖަޒީރާގައި ޢަސްކަރީ ތަމްރީނުތަކެއް ބާއްވައިފައެވެ.
އީރާނުން ހިފައިފައިވާ އިމާރާތުގެ ތިން ޖަޒީރާ (އަބޫ މޫސާ ޖަޒީރާއާއި، ބޮޑު ޠަންބު ޖަޒީރާއާއި، ކުޑަ ޠަންބު ޖަޒީރާ) ގެ މަސްއަލަ ޙައްލުކުރުމަށް އިމާރާތުން ހުށައެޅި ހުށައެޅުމަށް ރަޝިޔާ-ގަލްފް ވަނީ ތާއީދުކޮށްފައެވެ. މި ހުށައެޅުން ގޮވައިލަނީ ވާހަކަދައްކައިގެންނާއި ބައިނަލްއަޤްވާމީ ނިޔާގެ ދަށުން މި މަސްއަލަ ޙައްލުކުރުމަށެވެ.



advertisment