މަތީގައި ލިޔެލާފައި އޮތް ސުރުޚީ އަޅާލަން ޖެހުނީ މިހާރު ދައުރު ވަމުންދާ ވީޑިޔޯ ފީތާއެއްގައި ރައްޔިތުން މަޖުލީހުގެ މެމްބަރަކު ވިދާޅުވާ ވާހަކައެއް އަޑުއަހާފައެވެ. އެ ވީޑިޔޯ ފީތާގައި އިވެނީ އެ މެމްބަރު މިމާނައިގައި ވިދާޅުވާ ވާހަކައެކެވެ.
"އިންޑިޔާއިން ބޭނުންނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ރާއްޖެއަށް އަރައިގަނެ، ރާއްޖެ ހިފިދާނޭކަމުގެ ވާހަކައެވެ." އާދެ، އެއްވެސް ކަހަލަ ބައިނަލްއަގުވާމީ ގާނޫނަކަށް ބެލުމެއް ނެތި، ޣައިރު ގާނޫނީ ސިފައެއްގައި، އިންޑިޔާއިން ރާއްޖެ ހިފާފާނެ ވާހަކައެވެ. ދެން، މިވާހަކައަށް ބާރު ދިނުމުގެ ގޮތުން، ސައްހަ ނޫން ގިޔާސީ މަންތިގީ ހަމައެއް ވެސް އެ މެމްބަރު ބޭނުންކުރެއްވިއެވެ. އިރާގުން ހަ ގަޑިއިރު ތެރޭގައި ކުވޭތު ހިފި ވާހަކައެވެ. މިހާދިސާ މެދުވެރިވާން ދިމާވި ސަބަބާއި އަދި މިއުދުވާނީ ހަމަލައިގެ ހިތި ނަތީޖާގެ ވާހަކައެއް ނުގެނެވެއެވެ. އަދި އިރާގުން ކުވޭތަށް އަރައިގަތުމާއި އިންޑިޔާއިން ރާއްޖެއަށް އަރައިގަތުމުގެ އިހުތިމާލަކީ ތެލާއި ފެނާއިގެ ތަފާތު ހުރިކަމެކަން އެމަނިކުފާނު ދެނެހުންނެވި ކަމަކަށް ނުވެއެވެ. މިކަމުގެ މައްޗަށް ތަންގީދީ ނަޒަރަކުން ބަލައިލުމުގެ ކުރިން، ސުރުޚީގައި އިޝާރަތްކުރެވިފައިވާ ޖަންގަލީގެ ހަމައަކީ ކޮބައިކަން ބަޔާންކޮށް ދިނުމުގެ ގޮތުން ކުރު ވާހަކައެއް ކިޔައިދޭނަމެވެ.
އެއް ދުވަހަކު ސިންގާއެއް ޝިކާރަކުރުމަށްޓަކައި ނުކުތެވެ. އަދި އޭނާއާ އެކު، މިނަޅަކާއި (ހިޔަޅު ވައްތަރު، މިނި/މަސްކާ ޖަނަވާރެއް، ވުލްފް،) ހިޔަޅެއް ވެސް ގެންދިޔައެވެ. އަދި، މިވެރިން ވެގެން، ގެރިއަކާއި ބަކައްޓަކާއި މުސަޅެއް ޝިކާރަކުރިއެވެ. ދެން، މިނަޅު ހިތަށް އެރީ، އެންމެންގެ މެދުގައި އެމީހުންގެ ޝިކާރަކުރި އެއްޗެހި ބަހާލާނޭ ގޮތެއް ހުށަހަޅާލުމަށެވެ. އަދި، ސިންގާއާ މުޚާތަބުކޮށް މިނަޅު ބުންޏެވެ.
"ސިންގާ މަނިކުފާނެވެ. މަނިކުފާނަކީ އަޅުގަނޑުމެންގެ ރަސްގެފާނެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން، އެންމެ ބޮޑުވެފައި ވަރުގަދައީ ވެސް ހަމަ މަނިކުފާނެވެ. އެހެންވީމާ، މަނިކުފާނު ގެރި ނަންގަވާށެވެ. ދެން، އަޅުނގަޑު، ބަކަރި ގެންދާނެމެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ ކުޑައީ ހިޔަޅެވެ. އެހެންވީމާ، ހިޔަޅަށް މުސަޅު ފުދޭނެ ނޫންތޯއެވެ؟"
މިވާހަކަ އަޑުއަހައި ސިންގާ ގާތަށް ވަރަށް ރުޅިއަތުވެއްޖެއެވެ. އަދި ހަޅޭލަވައިގެންފައި މިނަޅާ ދިމާއަށް ބުންޏެވެ.
"ޝިކާރަކުރި އެއްޗެހި ބެހުމުގެ ހައްގު ކަލެއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ މި ޝިކާރައިގައި ކަލޭގެ ހިއްސާއެއް އޮތް ވާހަކަ، ކަލޭ ގާތު ބުނީ ކާކު ހެއްޔެވެ؟ އެކަން ކަލެއަށް އެނގުނީ ކިހިނެއް، ކޮންގޮތަކުން ހެއްޔެވެ؟" މިހެން ބުނެ، އަދިވެސް އިތުރަށް، ސިންގާގެ ރުޅި ގަދަވެ، ކަރުގެ އެންމެ ބުޑުން ވަރުގަދައަށް އަޑު ނެރެ، ގޮވައިގެންފައި، ފުންމައިގެން ގޮސް މިނަޅު ގައިމައްޗަށް ޖެހިގަތެވެ. އަދި، މިނަޅު މަރާލައި، ނޮޅައި ކުދިކޮށްލައި ކާލިއެވެ.
ދެން، ހަމަޖެހިލާފައި ހިޔަޅު ގާތު، ސިންގާ ބުންޏެވެ.
"އަހަރުމެންގެ ޝިކާރަ ބަހަމާ އުޅޭށެވެ. މިކަމާ ބެހޭ ގޮތުން، އަހަރެން އެއްޗެއް ބުނުމުގެ ކުރިން، ކަލެއަށް ފެންނަ ރަނގަޅު ގޮތެއް ވެސް އަޅެ ބުނެބަލާށެވެ."
ދެން، ވަރަށް ވެސް އަދަބުވެރިވެފައި، ސިންގާ ރަސްގެފާނު އަރިހުގައި، ހިޔަޅު ދެންނެވިއެވެ.
"މަނިކުފާނުގެ ހެދުނުގެ ނާސްތާއަށް ގެރި ފަރިއްކުޅުއްވާށެވެ. ދެން، މަނިކުފާނުގެ މެންދުރުގެ ފަރިއްކޮޅަށް ބަކަރި ރަނގަޅުވާނެ ނޫންތޯއެވެ؟ އަދި، މަނިކުފާނުގެ ރޭނގަޑު ފަރިއްކޮޅަށް މުސަޅު ބާއްވާނީއެވެ."
ހިޔަޅުގެ ބެހުމާ މެދު، ސިންގާ އުފާކޮށް، ހިޔަޅަށް ގިނަގުނަ ތައުރީފުގެ ބަސްތައް އިއްވިއެވެ.
"ތިޔައީ ހާދަހާވާ ހަމަހަމަ ބެހުމެކެވެ. ތިޔަށް ވުރެ ވަކިން، އިންސާފުވެރި އެހެން ބެހުމެއް ނޯންނާނެކަން ކަށަވަރެވެ." ސިންގާ ބުންޏެވެ.
"ތިޔަ ފަދަ ހަމަހަމަކަމާއި އިންސާވެރިކަން ކަލޭ ކިޔަވައި ދަސްކުރީ އަޅެ ކޮން މަދަރުސާއަކުން، ކޮން ފޮތަކުން، ކަން އަހަންނަށް ބުނެދީފާނަން ހެއްޔެވެ؟" ހިޔަޅު ކުރެން ސިންގާ އެދުނު ވެސް މެއެވެ. ޖަވާބުގައި ހިޔަޅު ބުނި އަޑު އިވުނެވެ. "އެކަންކަން އަޅުގަނޑަށް ދަސްކޮށްދިނީ މިނަޅެވެ. އޭގެ މަސީރެވެ. އޭތި މަރުވެ ދިޔަ ގޮތެވެ. އޭގެ ހިތާމަވެރި ނިމުމެވެ."
ކޮންމެއަކަސް، ސިންގާ ވަރަށް ވެސް އުފާކޮށް، ގެރިއާއި ބަކައްޓާއި މުސަޅުވެސް ކާލިއެވެ. ދެން، ބާކީ އޮތް ކަށިތައް ހިޔަޅަށް ހަދިޔާކުރިއެވެ.
އާދެ، މިނަންގަތް ވާހަކައިން ޖަންގަލީގެ ހަމަ ފެނިގެންދެއެވެ. ޖަންގަލީގެ ހަމައާއި އިންސާފު ބިނާވެފައި އޮންނަނީ ބާރުގެ މައްޗަށެވެ. ބާރުގަދަ ޖަނަވާރުގެ ބަހަކީ ގާނޫނެވެ. އޭތި ނިންމާ ގޮތަކީ ހަމަ އެންމެ ރަނގަޅު ގޮތެވެ. ޖަންގަލީގައި އެހެން ޖަނަވާރުން، ދިރި ދެމި ތިބުމައްޓަކައި، ހިޔަޅުގެ ބުއްދި ބޭނުންކުރަން ޖެހެއެވެ. އަދި، ނަހަމައަކީ ހަމަ ކަމާއި ބޭއިންސާފަކީ އިންސާފުކަމަން ގަބޫލުކުރަންޖެއެވެ. ހުތުރު ގޮތަކީ ރީތި ގޮތްކަމާއި ނާތަހުޒީބަކީ ތަހުޒީބުކަން ވެސް ޖަންގަލީގެ އުސޫލުގައި ހަމަޖެހިފައި އޮވެއެވެ.

އިއްޒަތުގެ ލަގަބު އެރުވިފައިވާ މަޖުލީހުގެ މެމްބަރު، އިންޑިޔާއިން ރާއްޖެ ހިފިދާނެ ކަމަށް އެ ވިދާޅުވާ ވާހަކަ ނިޔާ ކުރަނީ އަޅުގަނޑުމެން މިއުޅެނީ ޖަންގައްޔެއްގައި ކަމެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި ވެސް ހިނގަނީ ޖަންގަލީގެ ގާނޫނުކަމެވެ. ސިންގާއަށް އޭތި ބޭނުން އެއްޗެއް ޝިކާރަކޮށް، ކައިލުމުގެ ހައްގު އޮންނަ ފަދައިން، ބާރުގަދަ ގައުމުތަކަށް، ކުދި ގައުމުތައް 'ކާލުމުގެ' ހައްގު އޮންނަކަމެވެ. މިފަދަ، މާނައެއް ދޭހަވާ އިބާރަތްތައް، އިއްޒަތްތެރި މެމްބަރު ބޭނުންފުޅުކުރައްވާއިރު، ޚުދް، މިކަމުން، އިންޑިޔާއަށް ބަދު ބަސްތަކެއް ރައްދުވާކަން ވެސް، އިއްޒަތްތެރި މެމްބަރުގެ ފުރިހަމަ ސިކުނޑިފުޅަށް މޭރުންވާ ހެނެއް ހިޔެއް ނުވެއެވެ.
އިންޑިޔާއަކީ ވަރަށް ވެސް ނާތަހުޒީބު، އެއްވެސް ގަވާއިދަކަށް ގާނޫނަކަށް ބެލުމުއްނެތި، ޖަންގަލީގެ ހަމައިން ކަންތައް ކުރާ ޖަންގަލީގެ ޖަނަވާރެއް ފަދަ ގައުމެކޭ ވިދާޅުވެވޭކަން ވެސް އިއްޒަތްތެރި މެމްބަރަކަށް ކުޑަކޮށް ވެސް ވިސްނިވަޑައި ނުގަންނަވައެވެ. އަޅުގަނޑު ދެކޭ ގޮތުގައި، އިންޑިޔާއަކީ މުއްސަނދި ސަގާފަތަކާއި ގަދީމީ ހަޟާރަތެއްގެ ވެރި ބަޔެކެވެ. އަދި، އ.ދ.ގެ މެމްބަރެއް ވެސް މެއެވެ. އެހެންވެ، ޖަންގަލީގެ އުސޫލަށް ތަބާވެ، އ.ދ.ގެ ޗާޓަރާއި ބައިނަލް އަގުވާމީ ގަވާއިދުތަކާއި ގާނޫނުތަކާ ޚިލާފުވާ ގޮތަށް، ޖަނަވާރުންގެ އުސޫލަށް އިންޑިޔާއިން ކަންތައް ކޮށްފާނޭ ކަމަކަށް ފަހަރެއްގައި ވެސް، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ.
އިންޑިޔާއަކީ އެފަދަ ޖަންގަލީގެ އުސޫލަށް ތަބާވާ ބައެއް ކަމުގައި އިއްޒަތްތެރި މެމްބަރު، ނޭނގި ހުންނަވައިގެން ނަމަވެސް، ވިދާޅުވިޔަސް ވެހެވެ. އިންޑިޔާއިން ވެސް، އިންޑިޔާއިން ބޭނުންވާ ކަންތައް ކުރާނީ، ބައިނަލް އަގުވާމީ ގާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރޭގައި، ހުރެ، ތަހުޒީބީ ސިފައެއްގައިކަން އަޅުގަނޑު ގަބޫލުކުރަމެވެ. އިއްޒަތްތެރި މެމްބަރުން ފަދަ، ތިމާމެންގެ އަމިއްލަ ފައިދާއަށްޓަކައި، ގައުމު ވިއްކާލަން އަތުރުކުރި އޮޅާލައިގެން ތިބޭ ޣަދަރުވެރި ޚިޔާނަތްތެރިންގެ އެހީއާ ވެސް އެކުގައެވެ.
ދެން، އިއްޒަތްތެރި މަނިކުފާނު ދެއްކެވި މިސާލުގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟ އިރާގުން ކުވޭތަށް އަރައި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ހިފި ވާހަކައިގެ މައްޗަށެވެ. އަދި، ހަމަ މިފަދައިން އިންޑިޔާއަށް ވެސް ރާއްޖެ ހިފިދާނެކަމުގެ ވާހަކައިގެ މައްޗަށެވެ. ބޭރުފުށުން ބަލާލާއިރު، މިއީ އެއްކަހަލަ ދެކަމެއް ކަމުގައި ހީވެދާނެއެވެ. މި ދެކަމުގައި ވެސް، ބާރުގަދަ ގައުމަކަށް، މާ ބޮޑު ދިފާއީ ބާރެއް ނެތް، ކުޑަ ގައުމެއް ހިފުމުގެ އެއްގޮތްކަން އެބަ އޮތެވެ. ކުވޭތާއި ރާއްޖެއަކީ މާ ބޮޑު ދިފާއީ ބާރެއް، ނެތް ދެ ގައުމެވެ. އެހެންވެ، ބާރުގަދަ އިރާގަށް ކުވޭތު ހިފުނު ފަދައިން، ބާރު ގަދަ އިންޑިޔާއަށް ވެސް ރާއްޖޭ ހިފިދާނެޔޭ އިއްޒަތްތެރި މެމްބަރު ވިދާޅުވަނީއެވެ.
މިފަދައިން، ހަމަ ނުޖެހޭ ގޮތެއްގައި ޒުވާބުދީ (އާގިޔުކޮށް)، ހުއްޖަތް، ހެކި، ދައްކާ ދެއްކުމަށް ކިޔޭ ޚާއްސަ ނަމެއް، މަންތިގީ އިލްމުގައި (ލޮޖިކްގައި) އޮވެއެވެ. 'ސިލޮޖިކަލް ފެލަސީ' މިނަމެވެ. މާނައަކީ 'ކުށުގެ ގިޔާސެވެ'. އާދެ، އަޅާނުކިޔޭ ފަދަ މަގާމެއްގައި، އެބަހީ، ކުށް ގޮތެއްގައި، އަޅާކިޔައި ގިޔާސްކުރާކުރުމެވެ. ނުވަތަ އެފަދަ ގޮތެއްގައި އަޅާކިޔައި މިނާ މިނުމެވެ. މިފަދަ ކުށް ގިޔާސްކުރުމުގެ މިސާލެއް ލިޔެލާނަމެވެ. ފުރަތަމަ މިދެ މުގައްދިމާ، ދެ ޕްރެމިސް، އަށް ބަލާލާށެވެ. 1. އިއްޒަތްތެރި މެމްބަރު ފަރިއްކުޅުއްވައި ދިޔާ އެއްޗެހި ހިއްޕަވާ ހައްދަވައެވެ. 2. ވަލު ކުއްތާ ވެސް ކައިބޮއި ހަދައެވެ. މި ދެ މުގައްދިމާގައިވާ އެއްގޮތް ކަމަކީ ކެއުމާއި ބުއިމެވެ.
މި އެއްގޮތް ކަމުގެ މައްޗަށް ބިނާކޮށް އިއްޒަތްތެރި މެމްބަރަކީ ވަލު ކުއްތާއެކޭ ބުނެވިދާނެ ހެއްޔެވެ؟ ނުބުނެވޭނެއެވެ. އެއީ އިއްޒަތްތެރި މެމްބަރަކީ ވަލުކުއްތާއަކަށް ނުވާތީއެވެ. މިހެން މާނަ އިސްތިންބާތުކުރުން، މާނަ ނެރުން، އެއީ ކުށުގެ ގިޔާސެކެވެ. ސިލޮޖިސްޓިކަލް ފެލަސީއެކެވެ. ސަބަބަކީ ކެއުން ބުއިމަކީ އިއްޒަތެރި މެމްބަރަށް އެކަނި ޚާއްސަވާ ސިފަޔަކަށްވެ، އެކަމަކީ އިއްޒަތްތެރި މެމްބަރު، އެހެން އެއްޗިއްސާ ވަކިކުރާ ސިފައަކަށް ނުވާތީއެވެ. ނަމަވެސް، އިއްޒަތްތެރި މެމްބަރަކީ ބުއްދިނުވާ ކާއިނެއް ކަމަށް ހީކޮށްލާފައި، އިއްޒަތްތެރި މެމްބަރަކީ ބުއްދިނެތް އެއްޗެކޭ ބުނެ އަދި ކުއްތާއަކީ ވެސް ބުއްދި ނެތް ޖަނަވާރެކޭ ބުނެ، މި ދެ މުގައްދިމާއިން، އިއްޒަތްތެރި މެމްބަރަކީ ކުއްތާއެކޭ ބުނެވިއްޖަ ނަމަ، މި ގިޔާސްވާނީ ރަނގަޅު ގިޔާސަކަށެވެ. ނަމަވެސް، އިއްޒަތެރި މެމްބަރަކީ ވެސް، ބުއްދީގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުން ނުކުރެއްވިޔަސް، ނުވަތަ އެނގިވަޑައި ނުގަތަސް، ބުއްދި ލިބިގެންވާ އިންސާނަކަށް ވުމުން، މިފަދަ ގިޔާސެއް ބޭނުންކޮށް ޒުވާބުދީ، އިއްޒަތްތެރި މެމްބަރަކީ ވައްވައް ޖަހާ ކުއްތާއެއްކަން ސާބިތުކޮށްދޭން އުޅެފި ނަމަ، އެފަދަ ޒުވާބުދިނުން ވާނީ ވެސް، ކުށުގެ ގިޔާސްއަކަށެވެ. އާދެ، 'ސިލޮގިސްޓިކް ފެލަސީ' އަކަށެވެ. ތާކުންތާކު ނުޖެހޭ މޮޔަ ވާހަކައަކަށެވެ.
މަތީގައި އެވާ ކުށުގެ ގިޔާސްގެ މިސާލު ކިޔާލުމަށް ފަހު، ދެ ރައްދު ފިއުލެއް (ރިއެކްޝަނެއް) އަތުވެދާނެއެވެ. އެއް ރައްދުފިއުލަކީ ރުޅިއައުމެވެ. އިންސާނަކަށް، އަދި ވަކިން ޚާއްސަކޮށް، އިއްޒަތްތެރި މެމްބަރަކަށް، ނުސީދާ ގޮތުން ވިޔަސް، މޮޔަ ކުއްތާއެކޭ ބުނެ، މަތީގައިވާ މިސާލުގައި އިޝާރަތްކުރެވޭތީއެވެ. މިތާނގައި ހަނދާންކޮށްލަންޖެހޭނީ ބަދުބަސް ކުއްތާއަށް ވެސް ރައްދުވާކަމެވެ. ކުއްތާއަކީ، އޭގެ ސާހިބާއަށް، ވަރަށް ވެސް ވަފާތެރި ތެދުވެރި ޖަނަވާރެކެވެ. ނަމަވެސް، މިފަދަ ވަފާތެރިކަމެއް، އާދެ، ގައުމަށް ވަފާތެރިވުމުގެ ސިފައެއް، އިއްޒަތްތެރި މެމްބަރުގެ ކިބައަކުން ނުފެނެއެވެ. އެހެންވެ، ކުއްތާ، އެއާ އިއްޒަތްތެރި މެމްބަރާ އެއްގޮތްކުރުމާ ދެކޮޅު ހަދާނެ ނޫން ހެއްޔެވެ؟
ދެވަނަ، ރައްދުފިއުލަކީ ހިނިއައުމެވެ. އިންސާނަކީ ކުއްތާއެކޭ ބުނުމުން މިފަދަ ބޭ އަދަބީ ހަމަ ނުޖެހޭ މޮޔަ ވާހަކައެއް ބުއްދި ސަލާމަތުން ހުރި މީހަކު ދައްކަފާނޭ ހިތަށް އަރާފައެވެ. އާދެ، އަޅުގަނޑު ހަމަ މުޅިން އެއްބަހެވެ. މިއީ ފަހަރެއްގައި ވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އިންސާނަކީ ވައްވައް ޖަހާ މޮޔަ ކުއްތާއެކޭ، ސީދާ ގޮތެއްގައި ވިޔަސް ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް، ބުނެގެން ނުވާނެއެވެ. ދެން ސުއާލަކީ، އެހެންކަމަށްވާ އިރު، އެފަދަ މިސާލެއް ލިޔުނީ ކީއްވެގެން ހެއްޔެވެ؟
އެ ސުއާލުގެ ޖަވާބުގައި ބުނަމެވެ. އެ އިއްޒަތްތެރި މެމްބަރު އެ ވިދާޅުވަނީ މުޅި ގައުމެއް އަޅުވެތިކުރާ ވާހަކައެވެ. މުޅިގައުމެއްގެ ސިޔާދަތާއި އެ ގައުމުގެ މިނިވަންކަން ގެއްލުވާލާ ވާހަކައެވެ. އަދި އެއީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމެވެ. އިންޑިޔާއިން އެދޭހާ ކަމެއް އަޅުގަނޑުމެން ނުކޮށްފި ނަމަ، އިންޑިޔާއިން ބާރުގެ ބޭނުންކޮށްގެން ވެސް އެކަން ކުރާނޭ ކަމުގެ ބަހަނާ ދައްކައިގެންނެވެ.
އިއްޒަތްތެރި މެމްބަރުގެ ކަރާމަތާއި އަބުރަށް ވުރެ، ގައުމުގެ ކަރާމަތާއި އަބުރު ކުޑައީ ހެއްޔެވެ؟ އެހެންވެ، އިއްޒަތްތެރި މެމްބަރުގެ ވާހަކައަކީ، އިއްޒަތްތެރި މެމްބަރާއި ވައްވައްޖަހާ ކުއްތާއަކާ އެއްގޮތް ކުރެވި ދިޔަ މިސާލުފަދަ މޮޔަ، ހަމަ ނުޖެހޭ ވާހަކައެއްކަން ބަޔާންކޮށް ދިނުމުގެ ގޮތުން އެ މިސާލު ލިޔަންޖެހުނީއެވެ. އަދި ކުއްތާގެ މި މިސާލު ޖެހުމުން ރުޅިއަންނަ ކަމަށްވާ ނަމަ، އިއްޒަތްތެރި މެމްބަރު ގައުމު ވިއްކާލައި އަޅުވެތިކުރާ ވާހަކަ ދެއްކުމުން، އެކަމާ ރުޅި އައުން އައުލާކަން މާ ބޮޑުކަން ދެއްކުމުގެ ގޮތުން ވެސް މެއެވެ.
ދެން، އިއްޒަތެރި މެމްބަރުގެ ވާހަކައިގެ މޮޔަކަމާއި އެވާހަކަ ހަމަނުޖެހެނީ ކީއްވެތޯ ބަލާލަމާ ހެއްޔެވެ؟ އޯގަސްޓު 1990ގައި އިރާގުން ކުވޭތަށް ހަމަލާދީ ކުވޭތު ހިފުމާ ހަމައަށް އައިރު، ދެ ގައުމުގެ ދެމެދުގައި ބޮޑެތި މައްސަލަތަކެއް ޖެހިފައި އޮތެވެ. އަދި 1980އިން ފެށިގެން 1988އާ ހަމައަށް އިރާގާއި އިރާނާއި ދެމެދު ކުރެވުނު ހަނގުރާމައިގެ ސަބަބުން، އެ ހަނގުރާމަ ނިމުނު އިރު، އިރާގު އޮތީ، ބައެއް އަރަބި ގައުމުތަކަށް، ވަރަށް ބޮޑަށް، ދަރާފައެވެ. ކުވޭތަށް އެކަނިވެސް ސާދަ ބިލިޔަން ޔޫ.އެސް. ޑޮލަރު އިރާގުން ދައްކަން އޮތެވެ. އީރާނާ ހަނގުރާމަކުރުމަށްޓަކައި އިރާގުން ކުވޭތު އަތުން ނެގި ދަރަނީގެ ސަބަބުންނެވެ. ހަނގުރާމަ ނިމުނު އިރު، އިގުތިސާދީ ގޮތުން އިރާގު އޮތީ މި ދަރަނި އަދާކުރެވޭ ގޮތެއްގައެއް ނޫނެވެ.
މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި އެ ދުވަސްވަރު ތެލުގެ އަގުވެސް މާ ރަނގަޅެއް ނޫނެވެ. އިރާގުން ބޭނުންވީ ތެޔޮ އުފެއްދުން މަދުކޮށް، ތެލުގެ އަގު މައްޗަށް ޖެއްސޭތޯ ބެލުމެވެ. ނަމަވެސް، ކުވޭތުން މިކަމަކާ މާ ބޮޑަކަށް އަޅައެއް ނުލައެވެ. އަދި، ކުވޭތުން އިރާގަށް އެންގީ ކުވޭތަށް ދައްކަން އޮތް ދަރަނި ދައްކައި ޚަލާސްކުރުމަށެވެ. މިކަމަށް ޖަވާބު ދެމުން، އިރާގުން ބުނީ މި ހަނގުރާމައަކީ، ކުވޭތާއި އަދިވެސް އެ ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގެ ވެސް ބޭނުމުގައި، އެމީހުންގެ ވެސް ދިފާއުގައި، ކުރެވުނު ހަނގުރާމައެއް ކަމުގައެވެ. މީގެ އިތުރުން، އޭރު އޮތީ، ކުވޭތުން، ކަތި-ތޮރުފުން (ސްލާންޓް ޑްރިލިން) ބޭނުންކޮށްގެން، އެބަހީ ކުވޭތު ބިމުން ތޮރުފައި، ތޮރުފުމުގެ އާލަތާއި ގުޅިފައިވާ ހޮޅި ކަތިކޮށް، އިރާގު ބިމަށް ގެންގޮސް، އިރާގުގެ ބިމުން 'ވަގަށް' ތެޔޮ ނެގިކަމުގެ މައްސަލަ ވެސް ފެންމަތިވެފައެވެ. ކޮންމެއަކަސް، މިއަރާރުންގަނޑަށް ހައްލެއް ނުލިބި، ހަނގުރާމައަކާ ހަމައަށް ގޮސް، އިރާގުން ކުވޭތަށް އަރައިގަތީއެވެ.
ދެން، ސުވާލަކީ ހަނގުރާމައަކާ ހަމައަށް ދާންޖެހޭ ވަރުގެ ބޮޑެތި ބޮޑެތި ދެބަސްވުންތަކެއް ރާއްޖެއާއި އިންޑިޔާއާ ދެމެދު އެބަ އޮތް ހެއްޔެވެ؟ މިފަދަ ކަމެއް ނެތުމުން، އިއްޒަތްތެރި މެމްބަރުގެ ގިޔާސްކުރުން، އެއީ ހަމަ ނުޖެހޭ ކުށް ގިޔާސަކަށް ވަނީއެވެ. އިއްޒަތްތެރި މެމްބަރާއި ކުއްތާއަކާއި ދެމެދުގައި އޮތް ކެއުން ބުއިމުގެ އެއްގޮތް ކަމުގެ މައްޗަށް ބަލައި އިއްޒަތްތެރި މެމްބަރަކީ ކުއްތާއެކޭ ބުނުމަކީ ކުށް ގިޔާސެއްގެ މައްޗަށް ބިނާވާ ހަމަ ނުޖެހޭ ނިންމުމެއް ފަދައިންނެވެ.
މީގެ އިތުރުން، އިރާގާއި ކުވޭތާއި ދެމެދު ބޮޑެތި މައްސަލަތަކެއް ހުރި ކަމުގައި ވިޔަސް، ދުނިޔޭގެ ނަޒަރުގައި އިރާގުން ކުވޭތަށް އަރައިގަތުންވީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ޚިލާފު ކަމަކަށެވެ. އެހެންކަމުން، ގަދަކަމުން، ބާރުގެ ބޭނުންކޮށްގެން، ކުވޭތުން އިރާގު ބޭލުނެވެ. އަދި، އާޚިރު ނަތީޖާ ވަރަށް ވެސް ހިތްޗެވެ. ވަރަށް ވެސް ހިތާމަވެރިއެވެ. ބާރުގަދަ އިރާގުގެ ބާރު ދިޔައީއެވެ. ހަގީގަތުގައި ވެސް، މުޅި އިރާގު ފުނޑުފުނޑުވެ ހަލާކުވީއެވެ. ތަން ބައިބައިވީއެވެ. ތަނުގެ އިގުތިސާދު ހަލާކުވެ، މުޅި އަރަބި ދުނިޔޭގައި، ތެލާއި ފެން، ކަޅު ރަނާއި ދަނޑުވެރިކަން އޮތް، އަދި އަސްކަރީ ވަރުގަދަ ސިނާއަތެއް ވެސް އޮތް، ހަމައެކަނި ގައުމު ހަލާކުވެ ދިޔައީއެވެ. އާދެ، ބާރުގަދަ ގައުމެއް، ދެބަސްވުންތަކެއް ހުރިކަމުގައި ވިޔަސް، ގާނޫނުތަކާއި ގަވާއިދުތަކަށް ބެލުމެއް ނެތި، އެހެން ގައުމަކަށް އަރައި ގަތުމުގެ ހިތި ނަތީޖާއެވެ.
މިކަމުން ލިބިދޭ ފިލާވަޅަކީ ކޮބާ ހެއްޔެވެ؟ އިއްޒަތްތެރި މެމްބަރު ވިދާޅުވާހެން، ދުނިޔެ ހިނގަނީ ޖަންގަލީގެ އުސޫލަކުން ނޫންކަމެވެ. އަދި ދުނިޔޭގައި އުޅެނީ ޖަންގަލީގެ ވަލު ޖަނަވާރު ފަދަ މީހުން ނޫންކަމެވެ.
ދުނިޔޭގެ ބައިނަލް އަގުވާމީ ޖަމިއްޔާ ކަމުގައިވާ އ.ދ.އިން ކަނޑައަޅާ ގޮތުގައި، އެ ޖަމިއްޔާގެ ކޮންމެ މެމްބަރު ގައުމަކީވެސް، ސިޔާދަތާއި މިނިވަންކަން ލިބިގެންވާ ގައުމެކެވެ. އަދި، އެ ޖަމިއްޔާގެ މެމްބަރު ގައުމުތައް މިކަމަށް އިހުތިރާމު ކުރަން ޖެހެއެވެ. ދުނިޔެ ހިނގަނީ، އާންމު ގޮތެއްގައި، މިފަދަ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތީންނެވެ. ދުނިޔޭގެ ތަހުޒީބީ ގައުމުތައް، މިފަދަ ގަވާއިދުތަކާއި ގާނޫނުތަކަށް، އިހުތިރާމުކުރެއެވެ. މި އިހުތިރާމުކުރުން ނިޔާކުރަނީ އެއްބަޔަކު އަނެއް ބަޔެއްގެ ސިޔާދަތާއި މިނިވަންކަމަށް އަރައި ނުގަތުމަށެވެ. އާދެ، އަދިވެސް އެއްފަހަރު ބުނަން ޖެހެނީ ދުނިޔޭގައި ކަންކަން ހިނގަނީ ޖަންގަލީގެ އުސޫލަކުން ނޫންކަމެވެ. ދުނިޔޭގައި އޮންނަނީ ސިންގާގެ ޑިމޮކުރަސީ ނޫންކަމެވެ. އަދި، އެހެންވެ، އިންޑިޔާއިން ހަމަ ބޭނުންވާ އިރަށް ރާއްޖެއަކަށް އަރައެއް ނުގަނެވޭނޭކަމެވެ.
ދެން އޮތް ސުވާލަކީ އިއްޒަތްތެރި މެމްބަރު ވިދާޅުވި ބަސްފުޅު ވިދާޅުވީ ކީއްވެގެން ހެއްޔެވެ؟ އިންޑިޔާއިން ބޭނުން ވެއްޖެ ހިނދެއްގައި ރާއްޖެއަށް އެރިދާނެ ކަމުގެ ވާހަކަ އެ ދައްކަވަނީ ކީއްވެ ހެއްޔެވެ؟ އެހެން ވިދާޅުވުމުގެ ދެ ސަބަބެއް އޮތް ކަމަށް ފެނެއެވެ. ތާރީޚީ ހާދިސާތަކުގެ މައުލޫމާތު، އިއްޒަތްތެރި މެމްބަރަށް، ރަނގަޅަށް ސާފުވެފައި ނެތުމާއި އަދި ބައިނަލް އަގުވާމީ ގަވާއިދުތަކަކާއި ގާނޫނުތަކެއް އޮންނަކަން ވެސް، އެނގިވަޑައިގެންފައި ނެތުމެވެ. ކަންތައްވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ މަގުމަތީ އާވާރާވެގެން އުޅެ ބޮޑުވާ މީހަކަށް، ގޮނޑިއެއްގައި އިށީނދެވުމުން، އިއްޒަތްތެރިކަން ލިބިނުކަމުގައި ވިޔަސް، އެއީ އޭނާގެ ސިކުނޑިއަށް ތެތްކަން ގެނެސްދޭނޭ ކަމެއް ނޫންތާއެވެ. އެފަދަ ތެތްކަމެއް ލިބެނީ ކަންކަމުގެ ހަގީގަތް ހޯދަން އުޅުމުންނެވެ. އެއްޗެހި ބަލައި ކިޔައި ކަންކަމުގެ މައުލޫމާތު ހޯދައިގެންނެވެ. އަދި، ރަނގަޅަށް ވިސްނަން ދަސްކޮށް، އެނގިހުރެ، ކަންކަމާ ބެހޭ ގޮތުން ވާހަކަދައްކައި، ހެޔޮގޮތުގައި ޒުވާބު ދެވިގެންނެވެ.
ދެވަނަ ސަބަބަކީ އިއްޒަތްތެރި މެމްބަރު، އޭނާގެ ރައްޓެއްސެއްގެ ގާތުގައި ވިދާޅުވެފައި އޮތް ބަސްފުޅެކެވެ. 'ތިމަންމެނަށް މުހިއްމީ ދީނާއި ގައުމެއް ނޫނެވެ. ތިމަންމެނަށް މުހިއްމީ ފައިސާއެވެ.' އާދެ، އިއްޒަތްތެރި މެމްބަރުގެ އުސޫލަކީ މިއެވެ. އަމިއްލަ ފައިދާއާއި އަމިއްލަ މަސްލަހަތެވެ. ޖަންގަލީގެ ޖަނަވާރީ އުސޫލެވެ. އެހެންވެ، ދީނާއި އަދި ގައުމުވެސް ވިއްކާލުމަކީ ބޮޑު ކަމަކަށް ނުވަނީއެވެ. ގައުމުގެ ސިޔާދަތާއި މިނިވަންކަންވެސް، ތިމާއަށް ފައިދާ ލިބޭ ކަމަށްވާ ނަމަ، ރަނގަޅު އަގެއް ދިން ފަރާތަކަށް ވިއްކާލުމަކީ އިއްޒަތްތެރި މެމްބަރަށާއި އަދި އިއްޒަތްތެރި މެމްބަރުގެ އުސޫލަށް ތަބާވާ އެހެން މީހުންނަށް ވެސް، ދާދި ފަސޭހަ، ހަމަ އެންމެ ރަނގަޅު، ކަމެކެވެ.
ދެން، ނިންމާލަމުން އަނެއްކާވެސް ބުނަން ޖެހެނީ ހަމަ އެއް ވާހަކައެކެވެ. ގައުމުތަކަށް އަރައިގަނެ، ގައުމުތަކުގެ ސިޔާދަތާއި މިނިވަންކަން ގެއްލިގެންދަނީ ބައެއް ގައުމުތަކުގެ ބާރުގަދަވެ، އަނެއް ގައުމުތައް ކުދިވެ، ބާރު ނެތުމަކުން ނޫނެވެ. އެހެންކަމަށްވާ ނަމަ، އަދު، ކިޔުބާ އޮތީހީ އެމެރިކާގެ އަތްދަށުގައެވެ. (މީގެ ތަފްސީލެއް، އިރާދަކުރެއްވިއްޔާ، އެހެން ފަހަރަކުން ގެނެސްދެވޭތޯ މަސައްކަތް ކޮށްލާނަމެވެ.) ގައުމުތަކުގެ ސިޔާދަތާއި މިނިވަންކަން ގެއްލިގެންދަނީ ވަކަރުގޭގެ މަދަރުސާއިން ދަސްވެނިވެ، އެއްވެސް ހަރުދަނާ އަޚުލާގީ އުސޫލެއް ނެތް، އިއްޒަތްތެރި މެމްބަރުން ފަދަ، އަމިއްލަ އެދުމުގެ ބޭނުމުގައި ޖަންގަލީގެ އުސޫލަށް ތަބާވާ މީސްމީހުން ކަމުވޮށިވެގެންވާ މީހުންނަށް ހެދުމުގެ ސަބަބުންނެވެ. މިފަދަ ބައެއް، ގައުމު ހިންގުމައްޓަކައި އިންތިޚާބުކުރެވިފައި ވުމުންނެވެ. މިފަދަ މީހުން، އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި ގައުމަށް ޣަދަރުވެރިވެ، ޚިޔާނަތްތެރިވުމުންނެވެ.
މިހެން ކަންތައްވުމުގެ ހިތި ނަތީޖާ، ލޯ ހުޅުވައިގެން ބަލައި، އަމިއްލަ ސިކުނޑީގެ ބޭނުންކޮށްގެން ވިސްނައިފި ކޮންމެ މީހަކަށް، މިއަދު ފެންނަން އެބައޮތެވެ. އެއްކޮޅުން، އިއްޒަތްތެރި މެމްބަރުގެ ވާހަކަތައް ފަދަ ވާހަކަތައް ދައްކައި، ބޭރު ބާރެއްގެ ދަށަށް ރާއްޖެ ގެނައުމައްޓަކައި ކުރެވެމުންދާ މަސައްކަތްތަކުންނެވެ. އެކަން ތަބުރީރުކުރުމުގެ ގޮތުން ދައްކާ، ދެކޮޅު ނުޖެހޭ ވާހަކަތަކުންނެވެ.
އަނެއްކޮޅުން، ރާއްޖެއާއި ކުރިމަތިވެފައިވާ ރޯގާގެ ޚުތޫރަތްތެރި ދަނޑިވަޅެއްގައި ގައުމަށް މަގުދައްކައިދޭނޭ ގިޔާދަތެއް، ލީޑަރޝިޕެއް، ނެތިފައި އޮތް ކަމުންނެވެ. ކަމާ ބެހޭ ފަންނީ މީހުންނާއި ޚަބީރުންގެ ލަފާގެ މަތިން، ގޮތް ކިޔާނޭ ގާއިދަކާއި ލީޑަރަކު، ރައީސަކާއި ވެރިޔަކު، ނެތިފައި އޮތް އޮތުމުންނެވެ.
ރާއްޖެއަށް މީގެ ކުރިން ވެސް ރޯގާތަކާ ކުރިމަތިލާން ޖެހުނެވެ. މިސާލަކަށް ނަވާރަސަތޭކަ ހަތްދިހައިގެ ފަހުގެ އަހަރުތަކުގައި ކުރިމަތިވި ކޮލެރާގެ ރޯގާއެވެ. އެ ރޯގާއާއި ވިދިގެން، އޭރުގައި ރާއްޖޭގައި އޮތް ސަރުކާރުގެ ފަރާތުން، ހަރުދަނާ ގިޔާދަތެއް ދެއްކިއެވެ. ކަންތައް ކުރަންވީ ގޮތް ކަނޑައަޅައި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރޯގާ ކޮންޓުރޯލުކުރިއެވެ. އާދެ، ހަ މަސް ދުވަހުގެ ތެރޭގައި މާތްކަލާނގެ ވާގިފުޅާއެކު، ވެރިކަމުގެ ގިޔާދަތުގެ ތެރެއިން އެޅުނު ހަރުދަނާ ފިޔަވަޅުތަކެއްގެ ސަބަބުން، ކޮލެރާގެ އެ ވަބާ ރާއްޖެއިން ފޮހެލައި، ނައްތާލެވުނެވެ. ބޭރުގެ ބައެއް ފަރާތްތަކުން މިއީ ނުކުރެވޭނޭ ކަމެއް ކަމުގައި ދުށްކަމުގައި ވިޔަސް ވެހެވެ. އާދެ، މިއަދު މިއޮތީ އެފަދަ ހަރުދަނާ ގިޔާދަތެއް ފެންނަން ޖެހޭ ދަނޑިވަޅެއް އަނެއްކާވެސް ކުރިމަތިވެފައެވެ. ނަމަވެސް އެފަދަ ގިޔާދަތެއް ނުފެނެއެވެ. މިހެން ވާން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ މިހެން ވާންޖެހުނީ ވިސްނާނުލައި، މީހުންގެ ގާބިލުކަމުގެ މައްޗަށް ކުޑަކޮށް ވެސް ބަލައިނުލައި، ހަމައެކަނި، ހަސަދަވެރިކަމާއި ރުޅިވެރިކަމާއި ނަފުރަތުގެ މައްޗަށް ބުރަވެތިބެ ވެރިން ހޮވުމުގެ ސަބަބުންނެވެ.
މިއަދު، ގިޔާދަތެއް ދައްކަން ޖެހިފައި އޮތް ވަގުތެއްގައި، އެފަދަ ގިޔާދަތެއް ނެތްކަމީ މިނަންގަތް ފަދައިން ވެރިން ހޮވުމުގެ ހިތި ނަތީޖާއެވެ. ރާއްޖެއަކީ ތިމާމެން ހިތުހުރި ގޮތަކަށް ކަންތައް ކުރަން އޮތް ތިމާމެންގެ އަމިއްލަ ވިޔަފާރި 'ކަޑައެއް’ކަމުގައި ދެކޭ ބަޔަކު އަޅުގަނޑުމެން ތަމްސީލުކުރަން ހޮވުމުގެ ހިތި ނަތީޖާއެވެ. ގައުމާއިގެން ކުރިޔަށް ދެވޭނޭ ފަދަ، ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅާލަން ނޭނގޭ، ނާގާބިލު، މަންމަން ވެރިޔަކު އިސްކުރުމުގެ ހިތާމަވެރި ނަތީޖާއެވެ.
މިކަމުން އަޅުގަނޑުމެންނަށް ލިބިގަނެވިދާނޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ އަޅުގަނޑުމެން އަދާކުރަންޖެހޭ އެންމެ އިސް އެއް ވާޖިބަކަށް ވާންވީ، އަދި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައޮތް އެންމެ ބޮޑު އެއް މަސްއޫލިއްޔަތެއް ކަމުގައި ދެކެންވީ، އަޅުގަނޑުމެންގެ ގައުމުގެ ނަވުގެ ހުންގާނުގައި ހިފާނޭ އިސްވެރިން ހޮވާއިރު، ގާބިލު، ގައުމަށް ތެދުވެރި، އިޚުލާސްތެރި މީހުން ހޮވުމެވެ. ތިމާގެ ނާގާބިލުކަން، ކަރުނައިން ފޮރުވައި، އަދި، އެކަމުގެ ސަބަބުން، ތިމާގެ ބާރާއި އިޚުތިޔާރުގެ ޚުސޫސިއްޔަތުގެ ތެރެއަށް، ބޭނުންވާ ކޮންމެ މީހަކަށް އަތްބޭނޭ ފަދަ މީހުން ވެރިކަމަށް ނުހޮވުމެވެ. ގައުމުގެ ގިނަ މީހުން ގަބޫލުކުރާ ދީނީ އަގުތަކެއް، އެމީހުންގެ ކިބައިގައި ހުރި، އަދި، ގައުމީ މަސްލަހަތަށް އިސްކަންދީގެން، ގައުމާއިގެން ކުރިޔަށް ދާނޭ ބަޔަކު، އަޅުގަނޑުމެންގެ އިސް ވެރިންގެ ގޮތުގައި އިންތިޚާބުކުރަން ދަސްކުރުމެވެ. އޭރުން އަޅުގަނޑުމެންގެ ވެރިންގެ ގޮތުގައި ތިބޭނީ ގައުމު ވިއްކާލަން ފައިނަގައިގެން ތިބި، ބޭނުން ބަޔަކަށް ބޭނުން ވަގުތެއްގައި ގައުމު އަތުލައިގަނެވޭނޭ ބުނެ، ޖަންގަލީގެ ހަމަތައް ގަބޫލުކުރާ މެމްބަރުންގެ ބަޔަކާއި، އެފަދަ އަޑުތައް އިވެމުންދާ އިރު، ކުޑަކޮށް ވެސް އަޅާނުލާ، އެއްވެސް އެއްޗެއް ބުނަން ނޭނގޭ، ވެރިންނެއް ނޫނެވެ.



advertisment
One Response
ބައެއް ލިޔުމަކީ އަގުމަގު ނުކުރެވޭނެހައި ވެސް މޮޅު އަދި ބޭނުންތެރި ލިޔުން. މިއީ އެފަދަ ލިޔުމެއް. ލިޔުންތެރިޔާ ޑރ.އަބްދުލްޣަފޫރަށް ފަށްފަށުން ޝުކުރާއި ތަހުނިޔާ ދަންނަވަން!