Support Us

ރައީސް ޔާމީންގެ ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތް އިއްޔެ ކުރިއަށްދަނީ.. 
ރިޔާސީ އިންތިހާބު 2023:

ރައީސް ޔާމީންގެ ބިޔަ ކެމްޕޭނު ޕޯސްޓަރެއް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕީ.ޕީ.އެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ބިޔަ ބޮޑު ކެމްޕޭން ޕޯސްޓަރެއް، ބްރިޖު ކައިރީ އުސްފަސްގަނޑުގައި އިއްޔެ ބަހައްޓައިފިއެވެ. މިއީ ސެޕްޓެމްބަރު 9 ގެ އިންތިހާބާ ގުޅިގެން މާލޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ޕޯސްޓަރެވެ.

"ދިވެހީންގެރާއްޖެ- ރައީސް ޔާމީން 2023″ ޖަހައިފައިވާ ފިޔާތޮށި ކުލައިގެ މި ބިޔަ ޕޯސްޓަރު ބަހައްޓައިފައި ވަނީ ސިނަމާލެ ބްރިޖަށް އަރައިފައިބާ މީހުންނަށާއި ބޮޑުތަކުރުފާނު މަގު އިރުމަތީކޮޅުން ދަތުރުކުރާ އެންމެނަށް ފެންނަ ތަނުގައި، ތިން ބާރު ވަކިކުރާ ގަލާ ދިމާލުގައެވެ. މި ޕޯސްޓަރު ނޫން ކެމްޕޭން އެހެން ޕޯސްޓަރެއް އެ ތަނަކު ނެތެވެ.

ރައީސް ޔާމީންގެ ކެމްޕޭނުގެ ހަރަކާތްތައް މާލެ އާއި އަތޮޅުތަކުގައި ފަށައިގެން ބާރަށް ކުރިއަށްގެންދިޔަ ނަމަވެސް، ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަންފުޅު އޮތުމާ ދޭތެރޭ ވަނީ ގާނޫނީ ސުވާލެއް އުފެދިފައެވެ. އެއީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް، މާފުށީ ޖަލުގައި ޔާމީން ތަންފީޒުކުރަމުން ގެންދާތީ، ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު ފުރިހަމަނުވާތީއެވެ.

ރިޔާސީ އިންތިހާބާ ބެހޭ ގާނޫނުގައި ބުނަނީ ރިޔާސީ ކެންޑިޑޭޓަކަށް ވެވޭނީ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވުމުން" ކަމަށެވެ. އެހެންކަމުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ޔާމީން ޝަތުރު ހަމަވާނީ އެ މަނިކުފާނުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްފި ނަމަ އެކަންޏެވެ.

ނަމަވެސް އެންމެ ބޮޑު އިދުކޮޅު ޕާޓީން ބުނަމުން ގެންދަނީ ހުކުމެއް އޮތަސް ޔާމީނަށް ވާދަކުރެއްވޭނެ ކަމަށާއި ޔާމީނުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށާއި ޔާމީނަށް އިއްވައިފައި ވަނީ ނިހާއީ ހުކުމެއް ނޫން ކަމަށެވެ. (ނިހާއީ ހުކުމަކީ ސުޕްރީމު ކޯޓުން އިއްވާ އެންމެފަހު ނިޔާއެވެ.)

ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މަރުހަމާ ހައިކޯޓުގައި ކުރިއަށް ދަނިކޮށް، ތިން ފަނޑިޔާރުންގެ ބެންޗު ކުއްލިއަކަށް ޗުއްޓީ އަށް ދިއުމުން މައްސަލަ ވަނީ ބުރަކިޖެހިފައެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ސުންގަޑި، އޮގަސްޓް 7 އަށް ހަމަވާއިރު، ޔާމީނު ޖަލުން މިނިވަންވުމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާކަން 2013 އިން ފަސް އަހަރު ވަންދެން ކުރައްވައިފައިވާ ޔާމީންގެ އިންތިހާބީ ހައްގު ހޯދުމަށް ޔާމީންގެ ގާނޫނީ ވަކީލުން އިއްޔެ ވަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެކަމާ ބެހޭ ތަފްސީލް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް ޝަމީމު ވަނީ ފޭސްބުކްގައި ހާމަކުރައްވައިފައެވެ. މި މައްސަލަ އަދި ސުޕްރީމު ކޯޓުން ބަލައެއްނުގައެވެ.

މީގެ އިތުރުން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، ޕީ.ޕީ.އެމުން މާލޭގައި އިއްޔެ ވަނީ ބޮޑު ސައިކަލް ބުރެއް ވެސް ބާއްވައިފައެވެ. ބޮޑެތި މަގުތަކުގައި ބޭއްވި މި ސައިކަލް ބުރުގައި، ރައީސް ޔާމީންގެ ކެމްޕޭން ލޯގޯ ޖަހައިފައިވާ ޓީޝާޓްތައް ލައިގެން، ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގެ ލީޑަރޝިޕާއި އާންމުންގެ ގިނަ ބަޔަކު ބައިވެރިވިއެވެ. (ފޮޓޯތައް: ޕީ.ޕީ.އެމް/ އެފް.ބީ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *