ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހއ. އުލިގަމަށާއި މޮޅަދޫ އަށް މިއަދު ވަޑައިގެން އެ ދެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވައި އެ ދެ ރަށުގެ އިންޖީނުގެއާއި ފެނަކަ އޮފީސްއިމާރާތް ހުޅުއްވައިދެއްވައިފިއެވެ.
އުލިގަމު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައި ވަނީ ސްޓެޓިކް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
އުލިގަމު ފެނަކަ އޮފީސް އިމާރާތާއި އައު އިންޖީނުގެއަކީ ޖާގަ ތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ އެރަށުގެ އައު އިންޖީނުގެއިން މިހާރު 458 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ.
މޮޅަދޫގައި މިއަދު ހުޅުވި އިންޖީނުގެއަކީ އެ ރަށުގައި ކުރިން ހުރި އިންޖީނުގެއަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އިންޖީނުގެއެކެވެ. އަދި އޮފީސް އިމާރާތުގައި ކުރިން މަސައްކަތް ކުރުމަށް ހަތަރު މުވައްޒަފުންނަށް ތިބެވޭއިރު މިހާރު 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މޮޅަދުއަށް ވަޑައިގެން އެރަށުގެ ބަނދަރު ވެސް މިއަދު ވަނީ ހުޅުއްވައިދެއްވައިފައެވެ.
މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރި ބަނދަރު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ. މޮޅަދޫ ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާމިނުގައި 250 ފޫޓު ހުރެއެވެ.



advertisment