ހިޖްރީ އައު އަހަރު 1445 ފެށުން އިސްލާމީ ދުނިޔޭގައި ތަފާތު ގޮތްގޮތަށް މިއަދު ފާހަގަކުރަމުން އެބަދެއެވެ.
ބައެއް ޤައުމުތަކުން ރަސްމީ ގޮތެއްގައި މި ތާރީޚީ މުނާސަބާ ފާހަގަކުރަމުންދާއިރު އަނެއް ބައި ޤައުމުތަކުގައި ރަސްމީ ސިފައެއްގައި މި ދުވަސް ފާހަގައެއް ނުކުރެއެވެ. ބައެއް ޤައުމުތަކުގައި މި ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ.
ބައެއް ޤައުމުތަކުގައި މި ދުވަސް ފާހަގަ ނުކުރަނީ ހިޖްރީ އައު އަހަރު ފާހަގަކުރުން ބިދްޢައެއް ކަމުގައި ދެކޭތީއެވެ. އެހެނަސް އިސްލާމީ ގިނަ ޤައުމުތައް ޤަބޫލުކުރާ ގޮތުގައި ކީރިތި ރަސުލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖްރައަކީ ވަރަށް މުހިއްމު ހާދިސާއެކެވެ. މި މުހިއްމު ހާދިސާއަށް ނިސްބަތް ކުރައްވާ ހިޖްރީ ކަލަންޑަރު އުފެއްދެވީ ޢުމަރުގެފާނެވެ. އިސްލާމީ ދައުލަތް ޤާއިމުކުރެވުނީ މި ހިޖްރައިގެ ސަބަބުން ކަމަށް ދެކެވަޑައިގަންނަވައިގެންނެވެ.

ތަފާތު ގޮތްގޮތަށް ފާހަގަ ކުރުން
ސުޢޫދީ ޢަރަބިއްޔާގައި މި ދުވަހަކީ އާދަކޮށް ގެފުޅުގެ އުރަކޮޅު ބަދަލުކުރެވޭ ދުވަހެވެ. މިއަދު ވެސް އެ ކަން ކުރިއެވެ. މި ކަން ކުރީ ދެ ޙަރަންފުޅުގެ ރިޔާސަތުންނެވެ. މި މަސައްކަތުގައި 130 ފަންނީ މީހުން ބައިވެރިވިއެވެ. ގެފުޅުގެ މާތް އުރަކޮޅު ވިޔުމަށް ޓަކައި 670 ކީލޯގްރާމުގެ ފަށުވި ބޭނުންކުރެވެއެވެ. އަދި މި އުރަކޮޅު ކީރިތި ޤުރްއާނުގެ އާޔަތްތަކުން ލިޔެ ޖަރީކުރުމަށް ޓަކައި 120 ކީލޯގްރާމުގެ ރަން ރޮއްޖާއި 100 ކީލޯގްރާމުގެ ރިހި ރޮދި ބޭނުންކުރެވެއެވެ.
ޤުދްސުގައި މި ދުވަސް ފާހަގަ ކުރުމަށް ޓަކައި މިއަދު ފަތިހުން ފެށިގެން އެތައް ހާސް ބަޔަކު ދަނީ އަޤްޞާ މިސްކިތަށް ޒިޔާރަތްކުރަމުންނެވެ. މި މިސްކިތާ ބެހޭ އައުޤާފު އިދާރާއިން ދީނީ ދަރުސްތަކާއި ވަޢުޡުތައް އިންތިޒާމު ކުރިއެވެ. އުރްދުންގެ ރަސްމީ ބައެއް ޝަޚްޞިއްޔަތުތައް ވެސް މި އިޙްތިފާލުގައި ބައިވެރިވެ ވަޑައިގަތެވެ. މިއަދު އެއްވެސް ކަހަލަ ކުރިމަތިލުން އަދިއެއް ނުހިނގައެވެ.
މިޞްރުގައި ރަސްމީކޮށް އައުޤާފު މިނިސްޓްރީން ޙުސައިނުގެފާނުގެ މިސްކިތުގައި ރަސްމީ އިޙްތިފާލެއް ބޭއްވިއެވެ. މި ރަސްމިއްޔާތުގައި ޝައިޚުލްއަޒްހަރާއި ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެތައް މަންދޫބުންނެއް ބައިވެރިވެ ވަޑައިގަތެވެ.
މަޣްރިބުގައި މި ދުވަސް ފާހަގަކުރަމުންދަނީ ދީނީ ނަސޭޙަތްތަކާއި ރަސޫލާއަށް ހަދައިފައިވާ މަދަޙަތައް ކިޔަމުންނެވެ. މިއަދަކީ ވަރަށް ގިނަ ބަޔަކު އައު އަހަރުގެ ތަހްނިޔާ ކިޔައި ހަދިޔާ ބަދަލުކުރާ ދުވަހެކެވެ. އަދި މިއަދަކީ މުދަލު ޒަކާތްވެސް ނެރޭ ދުވަހެވެ. މިހެންވެ މި ދުވަހަށް އެމީހުން ޢުޝޫރު ދުވަހޭ ކިޔައެވެ.
ޖަޒާއިރުގައި މި ދުވަހަށް ޢަރަބި އަހަރު ފެށޭ ދުވަހޭ ކިޔައެވެ. އެއީ މީލާދީ ކަލަންޑަރާ ވަކިކުރުމަށް ޓަކައި އެމީހުން ދީފައިވާ ޚާއްޞަ ނަމެވެ. މީލާދީ އަހަރަށް ޖަޒާއިރު މީހުން "ފަރަންސޭސި އަހަރް"ގެ ނަން ދީފައިވެއެވެ.
ތޫނިސްގައި ވެސް މިއަދަކީ ރަސްމީ ބަންދު ދުވަހެކެވެ. ހިޖްރީ އައު ފެށޭ ދުވަސް ހެޔޮ ފާލަކަށް ބަލައިގެން ތޫނިސްގައި ކާވެނިކުރުމަކީ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.



advertisment