Support Us

ރިޔާސީ އިންތިހާބު 2023:

އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރޭނަމަ ޕީ.ޕީ.އެމްގެ ޖަވާބަކީ ޔާމީން

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރަން އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރޭ ނަމަ، އެ ކެންޑިޑޭޓަކީ ޕީ.ޕީ.އެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމުގައި އެ ޕާޓީން ބުނެފިއެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި، ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމާއި ޑިމޮކްރެޓްސްގެ ރޫހީ ލީޑަރު މުހައްމަދު ނަޝީދު މިއަދު މަޝްވަރާ ކުރައްވައި ނިންމަވައިފައި ވަނީ އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމަށެވެ. އަދި އެކަމާ ބެހޭ ގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމާއި އެންމެ ކުޑަ ސިޔާސީ ޕާޓީ އެމްއާރުއެމްއާ މަޝްވަރާކުރުމަށް ވެސް ވަނީ ނިންމަވައިފައެވެ.

އެ ބައްދަލުވުމަށްފަހު ގާސިމާއި ނަޝީދާއި ނާޒިމް އެކުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާން ކުރެއްވިތާ ގިނަ އިރުތަކެއް ނުވެ ޕީ.ޕީ.އެމް އިން ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅު ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކަށް، ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން ހަމަޖެއްސުމަކީ އެ ޕާޓީން އެދޭ ގޮތް ކަމަށެވެ.

"އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ޕީޕީއެމް އެއްބަސްވާނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވާ ކަމަށް ވިދާޅުވެ މީޑިއާތަކަށް ދެއްވާފައިވާ މަޢުލޫމާތާއި ގުޅިގެން މި ކޯލިޝަނާ މީޑިއާ ތަކުން ކުރަމުން ގެންދާ ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ މި ޕާޓީން އެދޭ ގޮތެވެ. އަދި އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް މި ކޯލިޝަނުން މަރުޙަބާ ކިޔައި ޝުކުރު ދަންނަވަމެވެ."

އެއް ކެންޑިޑޭޓާ ބެހޭ ގޮތުން ޕީ.ޕީ.އެމް އާއެކު ބާއްވާ މަޝްވަރާ ބައްދަލުވުން އޮންނާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *